ހަބަރު

ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތް މިއަހަރު ފަށާނެ: އެމްޕީއެލް

މާލޭ ކޮމާޝަލް ހާބަރަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށާއި، އަވަސް މިނެއްގައި ހިދުމަތް ދިނުމަށް އެ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް މިއަހަރުތެރޭ ފަށާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް އިން ބުނެފި އެވެ.

އެމްޕީއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެމްޕީއެލްއިން މެނޭޖް ކުރަމުން އަންނަ މާލޭ ކޮމާޝަލް ހާބަރުގައި ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށެވެ. އެގޮތުން 2011 ވަނަ އަހަރު 20 ފޫޓުގެ 147 ކޮންޓެއިނާ ބަނދަރުގައި ޖަހާއިރު، އެއަދަދު މިހާރު އުޅެނީ 326 ގައި ކަމަށެވެ. އެހެން ކަމުން 2011 ވަނަ އަހަރާ އަޅާ ބަލާއިރު، އެއީ ތިން ގުނައާ ގާތް ކުރާ އަދަދެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ބަނދަރަށް ގެންނަ ކާގޯ އިތުރުވިނަމަވެސް، އެތަނުގެ ޖާގަ އިތުރުނުވާކަމަށާއި، އެތަނުގައި ބޭނުން ކުރަމުން އަންނަނީ 110 މީޓަރުގެ ކީވޯލްއެއް ކަމަށެވެ. ކާގޯ އިތުރުވެ، ޖާގަ ނެތުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވަމުންދާ ކަމަށާއި، އެކަން ހައްލު ކުރުމަށް މިވަގުތު ތިން ފިޔަވަޅެއް އެޅުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން އެމްޕީއެލްގައި ހަލާކުވެފައިހުރި އިކުއިޕްމަންޓްތައް އަލުން ހަދައި މަސަައްކަތަށް ނެރުމާއި އިކުއިޕަންޓްތަށް ދުއްވާ މަގުތަކަށް ގެއްލުންވެފައި ހުރުމުން މަގުތަށް އަލުން ހެދުމާއި، ބަނދަރު ރީއެރޭންޖްކޮށް، އިތުރު ޖާގަ ހެދޭނެ ގޮތެއް ހޯދަން މަސަަކަތް ކުރަމުންދާ ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. މަގު ހެދުމަށް 45 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އެކަންކަން އެެހެން ހުރުމާއެކު، މާލޭ ކޮމާޝަލް ހާބަރަކީ ދިގުމުއްދަތަކަށް ބަލާއިރު އެކަށީގެންވާ ތަނެއް ނޫން ކަމަށެވެ. އެހެން ކަމުން ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންގެންދާނެ ކަމަށާއި، ސަރުކާރުގެ ޕޮލިސީ ލެވެލްގައި އެކަންކަން މިހާރުވެސް ހިނގަމުންދާކަމަށެވެ.

"މިއަހަރު ތެރޭގައި އެ މަސައްކަތް ފެށިގެން ދާނެ،" ޝާހިދު ވިދާޅުވި އެވެ.

އެމްޕީއެލްއިން ބުނީ އެކުންފުނިން ބޭނުން ކުރަމުން އަންނަ ބޮޑު ފަހެއް ނުވަތަ ހަ އިކުއިޕްމަންޓެއް ހަލާކުވެފައިވާ ކަމަށާއި، 2016 ވަނަ އަހަރުގެ ފަހުކޮޅު އެކުންފުނިން ގަނެގެން ގެނައި ހަ އިކުއިޕްމަންޓެއް ބޮޑުކަމުން އެތަނުގައި ބޭނުން ނުކުރެވޭ ކަމަށެވެ. އަދި އެކަންކަން ހައްލު ކުރެވިއްޖެ ނަމަ ހަތް ދުވަހުގެ ތެރޭގައި މުދާ ކުލިއާ ކޮށްލެވޭނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.