ބޭރު ކުޅިވަރު

ސަންގަކާރާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަނީ

ސްރީލަންކާގެ ބެޓްސްމަން ކުމާރު ސަންގަކާރާ އިންޓަނޭޝަނަލް ކްރިކެޓު ކުޅުން ހުއްޓާލަން ނިންމައިފި އެވެ.

ސަންގަކާރާ ،37،ގެ އިންޓަނޭޝަނަލް ކެރިއަރު ނިންމާލާނީ އޯގަސްޓް މަހު އިންޑިއާއާ ދެކޮޅަށް ލަންކާ އަމިއްލަ ގައުމުގައި ކުޅޭ ޓެސްޓް ސިލްސިލާގެ ދެވަަނަ މެޗުންނެވެ. ސްރީލަންކާގެ ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން ސަންގަކާރާ ވަނީ މީގެ ކުރިން ވަން ޑޭ ކްރިކެޓާއި ޓްވެންޓީ ޓްވެންޓީ ކްރިކެޓުން ރިޓަޔާކޮށްފަ އެވެ.

"މިއީ ކުޅުމާ ދުރަށްދާންވީ ވަގުތު،" ސަންގަކާރާ ބުންޏެވެ.

ސަންގަކާރާ ޓްވެންޓީ ޓްވެންޓީ ކްރިކެޓް އިން ރިޓަޔާކުރީ މިދިޔަ އަހަރު އޮތް ޓްވެންޓީ ޓްވެންޓީ ވޯލްޑް ކަޕް ލަންކާއާއެކު ކާމިޔާބުކުރުމަށް ފަހު އެވެ. އަދި ވަން ޑޭ ކްރިކެޓުން ރިޓަޔާކުރީ މި އަހަރު އޮތް ކްރިކެޓް ވޯލްޑް ކަޕްގައި ކުޅުމަށް ފަހު އެވެ.

ސަންގަކާރާ އަކީ ޓެސްޓް ކްރިކެޓުގައި އެންމެ ގިނަ ލަނޑު ހަދައިފައިވާ ލަންކާގެ ކުޅުންތެރިއާ އެވެ. ދެހާސް ވަނަ އަހަރުން ފެށިގެން ޓެސްޓް ކްރިކެޓުގައި ކުޅެމުންދާ ސަންގަކާރާ ވަނީ 132 މެޗުން 12،305 ލަނޑު ހަދައިފަ އެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް، ކްލަބު ކްރިކެޓުގައި ސަންގާކާރާ ފެނިގެންދާނެ އެވެ. ސަންގަކާރާ ވަނީ އިންގްލެންޑްގެ ސަރޭއާއެކު މި އަހަރުގެ ޖެނުއަރީ މަހު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދައިފަ އެވެ.