ހަބަރު

އިމާރާތް ކުރުމުގެ ގަވައިދުތަކެއް ވަކި މުއްދަތެއް ތެރޭ ހަދަން ކޯޓުން އަމުރުކޮށްފި

އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ވަކި މުއްދަތެއްގެ ތެރޭގައި ހަދައި އަމަލު ކުރަން ފެށުމަށް ސިވިލް ކޯޓުން ދައުލަތުގެ މައްޗައް އަމުރުކޮށްފި އެވެ.

ދެހާސްސަތާރަ ވަނަ އަހަރު އަމަލުކުރަން ފެށި، އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ޖުމްލަ 14 ގަވާއިދެއް ހަދަންޖެހެ އެވެ. އެހެން ނަމަވެސް މިހާތަނަށް އައި އިރުވެސް އެ ގަވާއިދުތައް ހަދާފައެއް ނުވެ އެވެ. އެ މައްސަލާގައި އިމާރާތް ކުރުމުގެ ހުއްދަ ނުދޭން ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި ހައުސިން އެންޑް އާބަން ޑިވަލޮޕްމަންޓް މިނިސްޓްރީގެ މައްޗަށް އަމުރެއް ނެރެ ދިނުމަށް މިދިޔަ މަހު 17 ވަނަ ދުވަހު ގާނޫނީ ވަކީލުންތަކެއް ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ. އެ މައްސަލަ ހުށަހަޅާފައި ވަނީ ރިޒާ ޝަފްނީޒް އެންޑް ކޯ އާއި، ވިޝާމް އެންޑް ކޯގެ އިތުރުން، އައިމިނަތު އަރީޖާއި، ސޮފިއްޔާ ތައުފީގުގެ އިތުރުން ފާތިމަތު ޝަރީފް ބައިވެރިވެގެން އެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ދައުލަތުން ހަދަން ޖެހޭ ގަވައިދުތައް ކަނޑައެޅިފައިވާ ވަކި މުއްދަތެއްގެ ތެރޭގައި ހަދައި ގެޒެޓުގައި ޝާއިއު ކުރަން އަމުރުކޮށްފަ އެވެ. އެގޮތުން 13 ގަވައިދެއް ހެދުމަށް އަންގާފައިވާ އިރު އެ ގަވައިދުތައް ހަދަން ޖެހޭ މުއްދަތު ވެސް ބަޔާންކޮށްފައިވެ އެވެ.

އެގޮތުން އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރުމުގައި ގެންގުޅެން ޖެހޭ ސަލާމަތީ މިންގަނޑުގެ ގަވައިދު މި މަހުގެ ނިޔަލަށް ނިންމުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްފައިވާ އިރު ދެން ހުރި ގަވައިދުތައް ހުރީ އަންނަ މާޗު މަހުގެ ތެރޭ ނުވަތަ އެ މަހުގެ ނިޔަލަށް ނިންމަން އަމުރުކޮށްފަ އެވެ.

ހަދަން އަމުރު ކުރި ގަވައިދުތައް

  • އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރުމުގައި ގެންގުޅެން ޖެހޭ ސަލާމަތީ މިންގަނޑުގެ ގަވައިދު
  • އިމާރާތް ކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓްެރީ ކުރުމުގެ ގަވައިދު
  • ޕްލޭނިން ގަވައިދެއް ނެތް ރަށްރަށާއި ފަޅުފަޅުގައި އިމާރަތް ކުރަންވީ ގޮތުގެ ގަވައިދު
  • އިމާރާތް ކުރުމާ ބެހޭ އިދާރީ ގަވައިދު
  • އިމާރާތް ކުރުމާ ގުޅޭ ފަރާތްތަކަށް ނިސްބަތްވާ ފަންނީ ޖަމިއްޔާތަކުގެ ގަވައިދު
  • އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންގެ ގަވައިދު
  • އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވައިދު
  • އިމާރާތް ކުރުމުގެ ގާނޫނާއި ގަވައިދުގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފް ކުރުމުގެ ގަވައިދު
  • އިމާރާތް ކުރުމަށް ބޭނުން ކުރާ ތަކެތި އެތެރެ ކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރާ ގަވައިދު
  • އިމާރާތް ކުރުމުގެ މަސައްކަތަށް ބޭނުން ކުރާ ތަކެއްޗާއި ތަކެތި ޓެސްޓު ކުރާ ފަރާތްތަކުގެ ގަވައިދު
  • އިމާރާތް ކރުުމަށް ބޭނުން ކުރާ ތަކެތި ޓެސްޓު ކުރުމުގެ ގަވައިދު
  • އިމާރާތް ކުރުމުގެ ފަންނީ އަދި ޓެކްނިކަލް ދާއިރާތަކުގެ އިލްމީ ޕްރޮގްރާމްތަކުގެ ގަވައިދު
  • ބިލްޑިން ކޯޑު

އިމާރާތް ކުރުމުގެ ގަވައިދުތައް ހަދަން ދައުލަތުގެ މައްޗައް އަމުރުކޮށްފައިވާ އިރު މިދިޔަ މަހުގެ ތެރޭގައި މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ކުޑަ ކުއްޖެއްގެ ބޮލަށް ވެއްޓި އެ ކުއްޖާ ވަނީ މަރުވެފަ އެވެ. މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ވެސް އެ ދުވަސްވަރު އެވެ.

ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން މިއަދު ވަނީ އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ހެދުމާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ފަށައިފަ އެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ އެ ގަވައިދުތައް އަންނަ މަހުގެ ތެރޭގައި ގެޒެޓު ކުރަން އަމާޒު ހިފާފައިވާ ކަމަށެވެ.