ބޭރު ކުޅިވަރު

ރެއާލް ދޫކޮށްލަން އުޅޭ ވާހަކަތައް ރޮނާލްޑޯ ދޮގުކޮށްފި

ރެއާލް މެޑްރިޑްއާމެދު ހިތްހަމަނުޖެހި، އެ ކްލަބް ދޫކޮށްލަން ޕޯޗުގަލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބޭނުންވާ ކަމަށް ބުނާ ބައެއް މީޑިއާ ރިޕޯޓްތަައް ރޮނާލްޑޯ ދޮގުކޮށްފި އެވެ.

މިދިޔަ ސީޒަންގައި ރޮނާލްޑޯ 61 ލަނޑު ޖެހި ނަމަވެސް ރެއާލް ސީޒަން ނިންމާލީ ހުސް އަތާ އެވެ. ރެއާލްގެ ނާކާމިޔާބާ ގުޅިގެން އެ ޓީމުގެ ކޯޗުކަމުގެ މަގާމުން ކާލޯ އެންޗަލޮޓީ ވަނީ ވަކިކޮށްފަ އެވެ. އަދި ރެއާލްގެ ކޯޗުގެ މަގާމަށް ރަފައެލް ބެނިޓޭޒް ހަމަޖެއްސި ހިސާބުން ރޮނާލްޑޯ އާއި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްއާދެމެދު އޮތް ގުޅުން ގޯސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ދަނީ ބުނަމުންނެވެ.

އެކަމަކު ޗެމްޕިއަންްސް ލީގުގައި މާޗު މަހު ކުޅުނު މެޗަކަށް ފަހު މީޑިއާއާ ވާހަކަދެއްކުން މަދުކޮށްފައިވާ ރޮނާލްޑޯ ވަނީ ރެއާލްގެ މެނޭޖްމަންޓާމެދު އޭނާ ހިތްހަމަނުޖެހޭ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ.

"އަހަރެން ބޭނުން މިހާރު މި ދެކެވޭ ވާހަކަތައް ދޮގުކުރަން. ކްލަބާމެދު އަހަރެން ހިތްހަމަނުޖެހޭ ކަމަށް ބުނާ ވާހަކަތަކުގައި ހަގީގަތެއް ނެތް. ދުނިޔޭގެ އެންމެ ބޮޑު ކްލަބުގައި އަހަރެން މިހުރީ ވަރަށް ހިތްހަމަޖެހިގެން،" ރޮނާލްޑޯ ބުންޏެވެ.