ހަބަރު

ޔާމީން ޕާޓީ އުފައްދަން އީސީ އިން ހުރަސް އަޅާ ކަމަށް ބުނެ ގާސިމް ކަންބޮޑުވެއްޖެ

Jan 16, 2019
12

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން ޕާޓީއެއް އުފެއްދުމަށް ކުރާ މަސައްކަތަށް ހުރަސް އެޅުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށާއި އެމަނިކުފާނަށް ވެސް އެ ފުރުސަތު ލިބެން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ކުރީގެ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ޖޭޕީއާ ގުޅިވަޑައިގަތުމަށް ރޭ މ. ކުނޫޒުގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ޔާމީންއަށް ވެސް ހަމަހަމަ ފުރުސަތުތަކެއް މި ސަރުކާރުން ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި އެމަނިކުފާނު ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރާ އިރު އިލެކްޝަންސް ކޮމިޝަންގެ ތެރެއިން އެކަން ހުއްޓުވާ ހެދުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.

"ޕާޓީއެއް ރަޖިސްޓާ ކުރަން ހުށަހެޅީމަ އިލެކްޝަންސް ކޮމިޝަންގެ ތެރެއިން އެކަން ހިފެހެއްޓުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން. ގާނޫނުގެ ތެރެއިން ކޮންމެ މީހަކަށް ވެސް ލިބެން ޖެހޭ ހައްގުތައް ދޭން ޖެހޭނެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ މިއީ ވަކި މީހެއްގެ ގައުމެއް ނޫން ކަމަށެވެ. އަދި ކުރީ ސަރުކާރުން އަނިޔާވެރިވި ނަމަވެސް ޔާމީންއަށް އަނިޔާއެއް ލިބެން އެދިވަޑައި ނުގަންނަވާ ކަމަށެވެ. އަދި މި ސަރުކާރުން ބަދަލު ހިފައިގެން ނުވާނެ ކަމަށާއި މީހަކު ކުށެއްކޮށްފި ނަމަ ގާނޫނު އެ މީހަކާ އަރާ ހަމަ ކުރާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ޔާމީންގެ އެދިލެއްވުމަކަށް ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ޕީއެންސީގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް ވަގު ފޯމްތަކެއް ހުށަހަޅާފައިވާ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ އީސީ އިން ވަނީ އެ ޕާޓީއަށް ހުއްދަ ދިނުން ލަސްކޮށްފަ އެވެ.

އެކަމާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވެފައި ވަނީ އީސީ އިން އެ ޕާޓީއާ މެދު ޒާތީ ކަމެއް ގެންގުޅުއްވާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަބްދުއްރަހީމް ފަހަކަށް އައިސް ވަނީ ގާސިމްއަށް ވެސް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ
ވާހަކަދައްކަވައިފަ އެވެ.