ވާހަކަ

ބޭނުންވަނީ ޔާރާ

(14 ޖެނުއަރީ 2019 އާ ގުޅޭ) -- ޒާރާ ފަލަކުގެ ކޮޓަރިއަށް ވަންއިރު އޭނައޮތީ ގަދަނިދީގައެވެ. އޮރެންޖުކުލައެއްގެ ޓީޝާރޓަކާއި ކުރުކުރު ސޯޓުކޮޅެއްލައިގެން އޮތްއިރު އަދިވެސް ފަލަކްހީވަނީ ސާދަ ފަނަރައިގެ ކުއްޖެއްހެންނެވެ. އިސްކޮޅުން ކުރުވެފައި ހިމަތޮޅި ހަށިގަނޑަކާއިއެކު ރާޅުބާނި އިސްތަށިގަނޑެކެވެ. ދެކުދިންގެ މަންމައެކޭ އެކަކުވެސް ނުބުނާނެއެވެ.

"ދޮންތާ، ދޮންތާ.......މީ މަށޭ، ދެން ހޭލަބަލަ، އޭ ދޮންތާ......." ޒާރާ ފަލަކްއަށް ގޮވާވަރަކަށް އޭނަ ބައްދައިގެން އޮތްބާލީހުގެ ތެރެއަށް މޫނުލާ ފޮރުވަނީއެވެ. ހޭލަން ބޭނުންނުވަނީ ކަންނޭގެއެވެ. ނޫނީ ނިދިގަދަކަމުން ނިދީގެ ތެރޭކަންނޭގެއެވެ.

"ސާބަހޭ..........މަންމާ....." ޒާރާގެ ފޯނުން ކެކެ ކެކެ ކިޔާ ހީގަންނައަޑެއް ޕްލޭކޮއްލުމަށްފަހު ފަލަކްގެ ކަންފަތްދޮށުގައި ޖެއްސުމާއިއެކު ފަލަކް ހަޅޭލަވައިގަތެވެ.

"ކޮބާ ކަމެންހެން އެބަހީވޭތަ، ކަމޯން ދޮންތާ، މީ މަށޭ ޒާއޭ..........ދެން ނުވެސް އަންނާނަން ނުތެދުވަންޏާ......." ޒާރާގެ ވާހަކަ ނުނިމެނިސް ފަލަކް ދެލޯ ބޮޑުކޮއްގެން ތެދުވެ އިށީނދެ ނިދިބަރު އަޑަކުން ވާހަކަދައްކަން ފެށިއެވެ.

"އޭ ކަލޭ ކޮންއިރަކު އައީ......މަށަށް ގުޅާލިނަމަ، ކޮބާ މަންމަ، ދިމާވިތަ؟ މަށަށް ގޮވިންތަ" ފަލަކްއަށް ހަމަހޭވެރިކަން ވެއްޖެކަން ޒާރާއަށް ޔަގީންވިއެވެ.

"އޭ ދޮންތާ، މަ އައިސްގެން އުޅޭތާ ކިތަންމެ އިރެއް، ދެން ތެދުވެގެން އާދެބަލަ، ހުންނާނެ އެއްޗެއް ގެނެސްފަ، އާދެބަލަ ބަލަން، ލަޔާން އާއި ލޫތު ވަރަށް ލޯބިދޯ" ޒާރާ ފަލަކްތެދުވުމުން ކޮޓަރިން ބޭރަށް ނުކުންނަން ހިނގައިގަތެވެ.

"ކޮބާ ހޭލެވިއްޖެ ދޯ އެންމެފަހުން......." ސިޓިން ރޫމުގައި އިން ފަހީމާއަށް ޒާރާ އާއިއެކު ފަލަކް އަންނަތަން ފެނުމުން ބުނެލިއެވެ.

"މަށަށް އެނގެއޭ ދޮންތަ ހޭލައްވަން......ދޯ" ޒާރާ އޭނައަށްވުރެ އިސްކޮޅުން ކުރު ފަލަކްގެ ކަނދުރާގައި އަތްއަޅުވާލަމުން ބުނެލިއެވެ.

ސޯފާގައި ހަމަޖެހިލަމުން ޒާރާ އޭނަ ގެނައި ހަދިޔާތައް ނަގާ ފަލަކް އާއި ފަހީމާއަށް ދޭންފެށިއެވެ. އަގު ބޮޑު ފައިވާނަކާ، ދެހެދުމާ ފޮއްޗާ ލިބުމުން ފަލަކްއިނީ ތަލިން ކުޅުހިކޭވަރުވެފައެވެ. ފަހީމާއަށް ފާހަގަކުރެވުނީ ޒާރާގެ ހިތްހެޔޮކަމެވެ. އޯގާތެރިކަމެވެ.

"މަންމައަށް އެއްޗެއް ދޭހިތްވިޔަސް ދަރިފުޅު ތިހާ ބޮޑު ހަރަދެއް ކުރާކަށް ނުވާނެއެއްނު، އެންމެ ފޮތިގަނޑަކުންވެސް މަންމައަށް ފުދުނީހޭ" ފަހީމާ އޯގާތެރިކަމާއިއެކު އޭނަގެ ކަނާތުގައި އިން ޒާރާގެ ބުރަކަށީގައި ފިރުމާލިއެވެ.

"ވާއު..........ދާންއަށް އެނގޭތަ ޒާ މިވަރަށް ޝޮޕިން ކުރިކަން" ފަލަކް ބައްތިރީސްދަތް އެއްކޮށް ދައްކައިގެން އިނދެ އަހާލިއެވެ.

"ހޫމް، އޭނަ މައްސަލައެއް ނުޖައްސާނެ އަހަރެން ކިތަންމެ ބޮޑު ހަރަދެއް ކުރިޔަސް، އެހެން ނޫނަސް އަހަރެންގެ އާއިލާއަކީ އޭނަގެވެސް އާއިލާއެއްނު، މިއަދުވެސް މަންމަގެއަށޭ ބުނާއިރަށް ބުނެފި ގޭގަގެންގުޅޭ މީހާކައިރީ ބުނާށޭ ތިމަންނަ ބުންޏޭ އަހަރެން ބޭނުންތަނަކަށް ގެންގޮސްދޭށޭ...........މަންމައަށް އެނގޭތަ، ދާން ހާދަ ރަނގަޅޭ، ހީސް ނަންބަރ ވަން، އަހަރެން އުފަލުގަ ބެހެއްޓުމަށް އޭނަ ކޮންމެފަދަ ކަމެއްވެސް ކޮއްފާނެ.....އެހާވެސް ޔަގީންކަން އެބައޮތް" ޒާރާ އޭނަގެ ދިރިއުޅުމާއި ދޭތެރޭ ބޮޑާވެގަންނަމުން ބުނެލިއެވެ.

"އަލްހަމްދު ލިއްލާހި، މަގޭ އެއްދަރިއަށް ރަނގަޅު ދިރިއުޅުމެއް މިންވަރު ކުރެއްވީތީ" ފަހީމާ އުފަލުން އިނދެ ހެއްދެވިފަރާތަށް ޝުކުރުކުރިއެވެ.

"ހޫމް ހޫމް ދެން ހެވޭ ފޮނި ނުކެނޑިއަސް، މަމީ ގުއި ދަރިއެއްނު........." ފަލަކް ތުން އަނބުރާލަމުން ޒާރާގެ ކޮނޑުގައި ހިފާ ކޮއްޕާލިއެވެ. އެއާއެކު ޒާރާ ހޭންފެށިއެވެ.

އެތަކެއް ދުވަހަކަށްފަހު އެކުޑަކުޑަ އާއިލާ އެއްތަންވުމުން ލައްކަގިނަ ވާހަކަހުއްޓެވެ. އިރުއިރުކޮޅާ ޒާރާ ހެމުންހެމުންގޮސް ފަލަކުގެ ގައިގާ އޮޅުލައިގަންނާނެއެވެ. ފަލަކުވެސް ހަމައެހެންނެވެ. އެދެކުދިންގެ ސަކަރާތް ބަލަން ފެންކަޅިވެފައި ފަހީމާ އިނީ އޭނަގެ ހިތަށް ލިބިގެން ދިޔަ ފިނިކަމެއްގެ ސަބަބުންނެވެ. މެންދުރުގެ ކެއުން ޒާރާ ކެއީ އެގެއިންނެވެ. މަންމައާއި ފަލަކް އާއިއެކުއެވެ.

ދާއިން މީޓިން ނިންމާލުމާއިއެކު އެންމެ ފުރަތަމަވެސް ބެލީ ޒާރާއަށް ގުޅޭތޯއެވެ. އޭނަ އޭރުވެސް އުޅެނީ މަންމަގޭގައި ކަމަށްވާތި ދާއިންވެސް ބޭނުންވީ ޒާރާއަށް އޭނަގެ އާއިލާއާއިއެކު ވަގުތުދިނުމަށެވެ. އެހެންވެ އޮފީސް މީހުންނާއިއެކު ބޭރަށް ކާންދާން ޖެހިފައިވާކަމަށް ބުންޏެވެ. ކަމެއްބޭނުންވެއްޖެޔާ ދާއިންއަށް ގުޅުމަށް ބުންޏެވެ. އަދި ރަނގަޅު ވަގުތުކޮޅެއް ހޭދަކޮއްލުމަށްފަހު ގެއަށް އަޔަސް އެންމެ ރަނގަޅުކަމާއި ދާއިން އޭނަގެ އިންތިޒާރުގައި އޮފީސް ނިންމާފައި ގޭގައި އުޅޭނަން ކަމަށް ބުނެ ފޯނު ބޭއްވިއެވެ. ޒާރާ ދާއިން ގާތު އެގެއަށް އައުމަށް ނުބުނީ ދާއިންވެސް އެކަމަށް ނޭދޭތީއެވެ. އަދި އޭނަވެސް މިއަދު ބޭނުންވަނީ ދާއިންނާއި ވަކިން އޭނަގެ އާއިލާ އާއިއެކު ވަގުތު ހޭދަކޮއްލުމަށެވެ.

އިރުއޮއްސި ހަތެއް ޖަހާކަން ހާއިރު ކާމޭޒު ކައިރީ ފަލަކް ދެކޮޅަށް ދުވެލަ ދުވެލަ ހުރީ އޭނަގެ ހަގު ދަރިފުޅު ލޫތްއަށް ކާންދިނުމަށެވެ. އޭރު ކާމޭޒުގެ ގޮނޑިއެއްގައި އިށީނދެލައިގެން ފަލަކް އާއި ވާހަކަ ދެއްކުމުގައި ޒާރާއިނެވެ. މަޤްރިބު ނަމާދަށް ކޮޓަރިއަށް ވަންނަ ފަހީމާ ކޮންމެ ރެއަކުވެސް ނުކުންނާނީ އިށާނަމާދުކޮށްނިންމާލުމަށްފަހުއެވެ.

"ދޮންތަ ޑީއުޓީއަށް ދަމުން ކުދިންގެ ކަންތައްތައް ކުރާކަށް އުނދަގުލެއް ނޫންތަ؟" ޒާރާ ފަލަކް އުޅެމުންދާގޮތް ބަލަން އިނދެ އަހާލިއެވެ.

"ބައެއް ފަހަރު އަހަރެންގެ ބޯގޮވާވަރުވޭ، ދެ ފިރިހެނުންވިއްޔަ މިލިބުނީވެސް، ޒާ އިނީމަ ކަންނޭގެ މީދަ ލަޔާންވެސް މައިތިރިވެފަ މިއިންނަނީ، އެހެންނޫނީ ލޫތުއާއި ދެމީހުންވެގެން ހީވާނީ ގޭގެ ފާރުތައްވެސް ވައްޓާލަ ފާނެހެން.........ޒާ ތިބުނަނީ ޑިއުޓީއަށް ދަމުން މަށަށް ހުރިހާ ކަމެއް ކުރެވޭހޭ......އަޅެ ހީވޭތަ މަށަށް ވާނެހެން، ނަސީބެއް މަންމަ ހުރިކަން، އަހަރެން ޑިއުޓީގައިވާ ގަޑިތަކުގައި މި މީހުންގެ ކަންތައް ކުރާނީ މަންމަ، އަހަރެން ހުއްޓަސް މަންމަ ގިނަފަހަރަށް ހުންނާނީ އެކުދިންނަށް ކާންދީ ފެންވަރުވާ ހަދާފަ، އެކަމަކު ބޭރަށް ސްކޫލުތަންތަނަށް އަހަރެން ދަނީ ގޮވައިގެން.........މަންމަ ބުނެފަ އޮތީ އަހަރެން އޮފީހުގައި އުޅޭވަގުތު ތަކުގައި ލަޔާން ސްކޫލަށް ގެންގޮސްދީ ހަދާދޭނެކަމަށް........." ލޫތުގެ އަނގަޔަށް ކާއެއްޗެހި އަޅާފައިވާ ފުޅީގައި އިން ސަމްސާ ވައްދާލަމުން ފަލަކް ވާހަކަދެއްކިއެވެ.

"ދޮންތަ ކީއްވެތަ ޑިވޯސް ވަނީ، އަނެއްކާ ކުރި ކޮންމެ ކައިވެންޏަކަށް ދަރިއެއް އެބަހުރި، މަންމަވެސް މިހާރު ރެސްޓުކުރަން ބޭނުންވާނެއެއްނު، ކިހާ ވަރަކުން އަހަރުމެން ބަލާ ބޮޑުކޮށްފަ މިތިބީ، ދޮންތަވެސް ވިސްނަންވާނެ އެއްނު.........." ޒާރާގެ ވާހަކަ މެދުކަނޑާލީ ފަލަކްއެވެ.

"މަވެސް ވިސްނަމޭ މަންމަ އާއި ދޭތެރޭ، މަށަށްވެސް ފެނެޔޭ މަންމަ މުސްކުޅިވަމުން އަންނަތަން.......އެކަމަކުވެސް ކީއްތަ ކުރާނީ، ވަޒީފާއަށް ގޮސްގެންނު ގޭގެ ހަރަދުތައް ބެލެހެއްޓޭނީ، އެހެންނޫނަސް ދެވަނަ ފަހަރަށްވެސް ކައިވެނި ކުރީ ރަނގަޅުވާނެ ކަމަށް ހީކޮށް، ނޭގޭ ވިއްޔަ މިހެން ވާނެ ކަމެއް، ނަސީބެއް މެރީކޮއްފަ ޖޮބުން ނުކެނޑެވުނުކަން، ނޫންނަމަ އަހަރެން އުޅެންޖެހޭނީ ކިހިނެތް، ލޫތު ލިބުންވެސް އެއީ ނަވާޒު އަހަންނަށް ދިން ލަނޑެއް، އެންމެ ފަހުން މަށަށްނު ދަރިންތައް ބަލަން މިޖެހެނީ..........ވަރަށް ފޫހިވޭ....."ފަލަކް ރާގުލާފައި ބުނެލިއެވެ.

"ދެން ތިބުނީ ދޮންތަ އެކުދިންދެކެ ލޯތްބެއް ނުވެޔޭތަ؟" ޒާރާ ހައިރާން ކަމާއިއެކު އަހާލިއެވެ.

"ދެން ތިހެންނެއް ނޫނޭ......." ފަލަކް ޒާރާގެ ކައިރީއިން ގޮނޑި ދަމާލާފައި އިށިންނަމުން ބުނެލިއެވެ.

"ހޫ....ހޫ.......ޒާރާ ކައިރީ ކޮންމެހެން ތިދޮގުތަކެއް ހަދާނެ ކަމެއްނެތް، މީނަގެ ކުށުން ނަވާޒު ވަރިކޮއްފަ ދާންވެސް ޖެހުނީ، އެސޮރަކީ މައެއް ހުރި ކުއްޖެއް ނޫން، މުސްކުޅި ބަފަޔަކާއިއެކު އުޅެނީ، މާލޭގަ ގެހުއްޓަސް އެއްބަނޑު އެއްބަފާ ތިންބެއިންނާއިއެކު އާދައިގެ ދިރިއުޅުމެއް އުޅޭ ސޮރެއް އެއީ........." އިށާ ނަމާދުން ފައިބައިގެން ކާކޮޓަރިއަށް އައި ފަހީމާ ކުދިންގެ ވާހަކައިގެ ތެރެއަށްވަނެވެ.

"މި މަންމަވެސް ހުންނާނީ އެ ނަވާޒުގެ ކޮޅަށް......" ފަލަކް ތުން އަނބުރާލަމުން ގޮނޑިން ތެދުވީ އޭނަގެ ދޮށީ ދަރިފުޅުގެ ތުންދޮއްވާ ދިނުމަށެވެ.

"ނަވާޒު ކިތަންމެހާވެސް ރަނގަޅު، އަހަންނައްތާ އެންމެ ރަނގަޅަށް އެނގޭނީ މި ފަލަކްގެ ދިރިއުޅުން، ބަލަ ނަވާޒު ގޯސްވެފަ ކޮބާތަ؟ ލޫތު ވިހޭން ސުރެން އެކުއްޖާގެ ހަރަދުތަށް ނަވާޒު ބަލަހައްޓާ، މިހަފްތާ އޭނަވީ ރަށުން ބޭރުގަ، އެހެންނޫނީ ކޮންމެ ދުވަހަކު މާލޭގަ ހުރީ ވިއްޔާ އަންނާނެ ދަރިފުޅު ގޮވައިގެން ދުއްވާލަން ދާން..........ދެން ހުރީ ލަޔާން، އޭނަގެ ބައްޕަ އަޖުވަދަކީވެސް ރަނގަޅު މީހެއް، ކިތަންމެ ރުޅިގަދަޔަސް އޭނަވެސް އެބަދަނޭވިއްޔަ އޭނަގެ ދަރިއެއް ހުރިކަން، އެކުއްޖާގެ ހަރަދު އެބަ ބަލަހައްޓާވިއްޔަ، އެކުދިންގެ ބަފައިންގެ ގާތުގައި ކުދިންނަށް އެއްޗެއް ބޭނުންވެގެން ބުނެލަން ޖެހޭނީ، މިހާތަނަށް އައިއިރު ބުނި ކޮންމެ ކަމެއްވެސް ކޮއްދިންކަން މަށަންނު އެނގޭނީ.......ޒާރާއަށް ތިހިރީ ވަރުގަދަ ދޮންތައެއް ލިބިފަ" ފަހީމާވެސް އޭނަގެ ދެއަންހެން ދަރިންގެ ގާތުގައި އިށިންނަމުން ވާހަކަ ދެއްކިއެވެ.

"ދުވަހަކުވެސް މަންމައަކަށް އަހަރެންނެއް ރަނގަޅެއް ނުވާނެ، އަހަރެންވެސް އެމީހުންނާއިއެކު އުޅެން މަސައްކަތް ކުރީމޭ، އެންމެ ފުރަތަމަ އަޖުވަދު........އޭނަ ހިތްހަމަ ނުޖެހޭ އަހަރެން ބޭރަށް ނުކުތަސް، ރީތި ހެދުމެއް ލިޔަސް އަދި ނުވިތާކަށް އަހަރެން ޖޮބަށް ދާތިވެސް އެހާ އަސަރުކުރޭ، އެވަރުން ކިހިނެތް އުޅެވޭނީ......އަހަރެން ކެތްކުރީމަތާ ލަޔާންއަށް ތިންއަހަރު ވަންދެންވެސް އެކައިވެނި މަތީ ދެމި ހުރެވުނީ.......ދެން އިނދެވުނީ ނަވާޒާ، ޝައްކު ބަލިން ފޯވެފަ ހުރި ފިރިހެނެއް އެއީ.........ވަރަށް ފޫހިވޭ" ފަލަކު ލޫތުނަގާ އުރާލަމުން ލަޔާންއަށް އައުމަށް އިށާރާތް ކުރަމުން ހިނގައިގަތީ އޭނަގެ ކޮޓަރިއަށެވެ. އޭނަގެ ފަހަތުން ފަހީމާ އާއި ޒާރާވެސް ތެދުވެ ހިނގައިގަތެވެ.

ފަލަކުގެ އެނދުމައްޗަށް ޒާރާ ބަންޑުން ވެއްޓިގަނެގެން ދަތްދޮޅީގައި އަތް ވިއްދާލައިގެން އޮތްއިރު ފަހީމާ އޭނަގެ ގާތުގައި އެނދުގެ އެއްފަރާތުގައި އިށީނދެލައިގެން އިނެވެ. ފަލަކު ދެކުދިން ގޮވައިގެން ވަނީ ފާހާނާއަށެވެ. ދެދަރިން ނިދަން ތައްޔާރު ކުރުމުގެ ގޮތުން ގައިދޮއްވާލުމަށެވެ.

"ފަލަކު، ދަރިފުޅު ދެރަކޮއްލާކަށް ނޫން މަންމަ މިހެން ވާހަކަ ދައްކަނީ، އޭރުވެސް ކިހާ ނަސޭހަތެއް މަންމަ ދިނިން ފަލަކުއަށް، މީހުންނާ އިނީމަ ކުރީގަ އުޅޭހާ މިނިވަންކަމާއިއެކު ނޫޅެވޭނެކަން، ފިރިމީހާގެ ކަންތައްކޮއްދީ އޭނައަށް ވަގުތު ދޭންޖެހޭނެކަން، އަދި އެމީހުން ބުނާ އެއްޗެހި ގަބޫލުކުރަންވެސް ވާނެކަން...........ފަލަކު ކަމަކީ އޮފީހުން އަންނަ ގޮތަށް ބާޒާރު ކުރަން ދާނެ، އެހާ ހަރަދުބޮޑު، ބޭކާރު ހަރަދުކުރަން ފަލަކުއަށް ދަސްވީ ކާކު ކައިރިން ބާއޭ އަހަރެން ހިތަށްއަރާ..........ރޭގަނޑު ވެއްޖެޔާ ތިބުނާ ކޮފީތަކަކަށް ދާނެ އަދި ނުވިތާކަށް ހިލޭ ފިރިހެނުންގެ ސައިކަލު ފަހަތުގަ އާއި ކާރުތަކުގަ އެތަންތަނަށް ދާނީ، އަޖުވަދަށްވެސް ނަވާޒުއަށްވެސް މަންމަގެ މިދެއަތުން ކިތަށް ދުވަހު ކާން ހަދަނީ، ކިތަށް ދުވަހު އެމީހުންގެ އަންނައުނު އިސްތިރި ކުރަނީ.........އަނެއްކާ ފަލަކުގެ ހެނދުން އެޅުމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ.........އެހާ އޮރިޔާންކޮށް ހެނދުން އަޅަނީ، ދެން މިހެންވީމަ ކިހިނެތް..........އެއްވެސް ފިރިއެއް ބޭނުންވާނެތަ މިހެން އޭނަގެ އަނބިމީހާ އުޅެން..........ދަރިފުޅު ނިކަން މަންމަ ބުނާގޮތަށް އުޅެބަލަ، ބަލާބަލަ ޒާރާ، އަހަރެން މިއަދު ވަރަށް އުފާވޭ ވަރަށް ހިތްހަމަޖެހޭ އެމަންޖެ އުޅެމުންދާ ގޮތާއި ދޭތެރޭ........" ފަހީމާ ކައިރީގައި އޮތް ޒާރާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

"މަށަށްވެސް އެހާ ކޫލް، އެހާ މުއްސަނދި ފިރިއެއް ލިބުނުނަމައެއްނު........" ފަލަކު ގޮތްދޫނުކުރާ ގޮތަކަށް ބުނެލިއެވެ.

ފަހީމާ ދެފަރާތަށް ބޯހޫރުވާލީ އިތުރަށް ފަލަކުއަށް ބުނާނެ އެއްޗެއް ނޭގިގެންނެވެ. ޒާރާ ހިނިއައިސްފައި ފަހީމާއަށް ބަލަން އޮތެވެ. ފާހާނާ އިން ނުކުތް ފަލަކުގެ އަތުގެ ތެރޭއިން ލޫތު އާއި ލަޔާން ގޮވައިގެން ފަހީމާ އޭނަގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

"މަންމަ ދަނީތަ" ޒާރާ ފަހީމާ އެކޮޓަރިން ނުކުންނަން ފެށުމުން އަހާލިއެވެ.

"ހޫމް، ދެން ޒާރާ އަޅެ ފަލަކުއަށް އެއްޗެއް ވިސްނާދެވޭތޯ ބަލާބަލަ، މިދަނީ މިދެދަރިން ނިންދަވަން، ދަރިފުޅު ކުރިން ދަންޏާވެސް މަންމައަށް ފެނިލާފަ ދައްޗޭ" ފަހީމާ އެހެން ބުނެލުމުން ޒާރާ ބޯޖަހާލިއެވެ.

ފަހީމާ ނުކުމެގެން ދިއުމާއިއެކު ފަލަކު ދާއިންގެ އެކިއެކި ވާހަކަތައް އޮޅުން ފިލުވަންފެށިއެވެ. އަދި މެލޭޝިޔާއަށް ދިޔަ ވާހަކަ އާއި ދާއިންގެ މަންމަ މާމަ ދަރިއަކު ބޭނުންވެގެން އުޅޭވާހަކަވެސް ޒާރާ އެވާހަކަތަކުގެ ތެރެއިން ކިޔާދިނެވެ. ޒާރާ އޭނަގެ ދިރިއުޅުމާއި ބެހޭ ވަރަށް ގިނަ ކަންތައްތައް ފަލަކު އާއި ހިއްސާކުރިއެވެ. ފަލަކުގެ އުޅުން ކޮންމެ ގޮތަކަށް ހުރިކަމުގައިވިޔަސް އޭނަގެ ދަރިންދެކެ އޭނަ ލޯބިވާކަން އެނގުނެވެ. ބައްޕަ އާއި ހަވާލު ނުކޮށް ދެދަރިންވެސް އޭނަގެ ގާތުގައި ބަހައްޓައިގެން އުޅެނީ އެހެންވެކަން އެނގުނެވެ. އަދި ދެފަހަރުމަތިން ދެދަރިން އުފަންވިއިރުވެސް އެކުރެވުނު އިޙްސާސްއަކީ ދުވަހަކުވެސް ހިތުން ނުފިލާނެ އިޙްސާސްއެއްކަމުގައި ފަލަކު ކިޔާދިނެވެ. ޒާރާގެ ހިތުގައި ދަރިއަކު ހޯދުމަށް އޮތް ޝައުގުވެރިކަން ދިޔައީ އިތުރުވަމުންނެވެ. ހާއްސަކޮށް ދާއިންފަދަ ރަނގަޅު ހިތްހެޔޮ އޯގާތެރި ފިރިއަކަށް ޒާރާގެ ފަރާތުން ދޭން އެއަށްވުރެ ބޮޑު ހަދިޔާއެއް ނޯންނާނެކަން އެނގެއެވެ. ޒާރާ އޭނަގެ ހިޔާލުތަކުގެ ތެރެއަށް ފީނަމުންދިޔަވަރަކަށް އޭނަގެ ދޮން ކޯތާފަތަށް ދިޔައީ ޖަންބުކުލަ އަރަމުންނެވެ.

* * * * *

އެނދުމަތިން މަންހާ ތެދުވީ ނިދިއަންނަވަރުން ފޮތްނުކިއިގެންނެވެ. އޭނަ ކުޑަވަގުތުކޮޅަކަށް ފޮތްކިޔުން ހުއްޓާލުމަށްފަހު ކޮމްޕިއުޓަރ ކައިރީ އިށީނދެ އެހެން މަސައްކަތެއް ކުރަން ފެށިއެވެ. އެގޮތަށް ކޮމްޕިއުޓަރ ކައިރީ އިނދެ މަންހާއަށް ނިދިޖެހުނީ ކޮންއިރަކުކަމެއް އޭނައަކަށް ނޭގުނެވެ. ހޭވެރިކަންވީ ވަސީމާ އޭނަގެ ބޮލުގައި ފިރުމަނިކޮށެވެ.

"ދަރިފުޅާ....މަންހާ....ބަލަ ދަރިފުޅާ ހޭލަބަލަ...." ވަސީމާ މަންހާގެ ބޮލާއި ބުރަކަށީގައި ފިރުމަމުން ގޮވިއެވެ.

"ސޮރީ މަންމާ، އަޅުގަނޑަށް ނިދުނީ ދޯ" މަންހާ މޫނު ހިއްލާލަމުން ވަސީމާއަށް ބަލާލިއެވެ. އަދި ތެދުވެ ކޮމްޕިއުޓަރ އިން ޖަހަމުން ދިޔަ ލަވަ ނިއްވާލިއެވެ.

"ހިނގާ ކާން ދަމާ، ދެން މިރޭ އަވަހަށް ނިދާލާފަ ފަތިސް ނަމާދަށް ތެދުވެ ފިލާވަޅުތައް ދަސްކުރަން ފަށާނީ، ދަރިފުޅު މިހާރު މާ ބުރަކޮށް ތިއުޅެނީ........ސިކުނޑިއަށްވެސް އަރާމު ދޭންޖެހޭނެއެއްނު، ދެން އަވަހަށް ހިނގާ އެއްޗެއް ކާލަން" ވަސީމާ މަންހާގެ ބުރަކަށީގައި އަތްޖައްސާލަމުން މަޑުމަޑުން ކުރިއަށް ކޮއްޕާލިއެވެ.

މަންހާ ކާމޭޒު ކައިރީ އިށިން އިރު އެތަނުގައި ޝިމާދު އާއި ސަޢީދުވެސް އިނެވެ. މަންހާގެ ރޫއަރާފައިވާ މޫނާއި ނިދީގެ އަސަރުން ރަތްވެފައިވާ ދެލޯ ފެނުމުން ސަޢީދު ވަސީމާ އާއި ސުވާލުކުރިއެވެ. ސަޢީދުވެސް މަންހާއަށް ނަސޭހަތްތެރިވީ ސިއްޙަތަށް ބެލުމަށާއި ރަނގަޅަށް ނިދުމަށެވެ. މިރޭ ކައިގެން ނިދާލުން އެއީ އެންމެ ބުއްދިވެރި އަދި ފައިދާ ކުރުވަނިވި ގޮތްކަމުގައި އެންމެންވެސް އެއްބަސްވިއެވެ. މަންހާއަށް ނިންޖާހެދި ކެވުނީވެސް ވަރަށް މަދުންނެވެ. އެކަމާއި ޝަކުވާ ކުރުމެއްނެތި އަވަހަށް ވަސީމާ ބޭނުންވީ މަންހާ އާނަގެ ކޮޓަރިއަށް ފޮނުވާލާށެވެ.

ރޭގަނޑުގެ އަރާމު ނިދީގެ ތެރެއަށް ގަރަގުވެފައިވާ މަންހާއަށް އެއްފަހަރުވެސް ހޭނުލެވެއެވެ. ހިލަމެއްވީވެސް ވަސީމާ ފަތިސް ނަމާދަށް ގޮވުމުންނެވެ. އޭރު މަންހާ ބަލަމުންދިޔައީ ދާއިންގެ ހުވަފެނެކެވެ. ދާއިންގެ އެބާރުގަދަ އަތުގެ ތެރެއަށް ދުވެފައި އައިސް ވަންނަ މަންޒަރުތަކެވެ. ދާއިންގެ ހޫނު ނޭވާ މަންހާގެ ކަނދުރާއަށް އެޅެމުންދިޔަ މަންޒަރެވެ. ލޯހުޅުވާލެވުނު އިރުވެސް އެމޫނުމައްޗަށްވަނީ ހިނިތުންވުމެއް ވެރިވެފައެވެ.

"އޭ މަން، ސޯ ވަޓް ޔޫ ތިންކިން؟" އަމާނީ އޭނަ އާއި ޖެހިގެން އިން މަންހާގެ އަތުގައި އޭނަގެ އަތުން ޖަހާލަމުން އަހާލިއެވެ. އޭރު ކުލާހުގައި ކިޔަވާދެން ހުރި ޓީޗަރު ހުރީ ފުރަގަސް ދީގެން ބޯޑުގައި އެއްޗެއް ލިޔާށެވެ.

"ޖަސްޓް ޑްރީމިންގ" ހިނިތުންވެލަމުން މަންހާ ބުނެލިއެވެ. އެއަޑު އަހަން އިން އަލީޝާ އާއި ޝިފްނާވެސް ހީލިއެވެ.

ސްކޫލުގައި މަންހާގެ ދުވަސް ވޭތުގެން ދިޔައީ އެހެން ދުވަސްތަކެކޭވެސް އެއްފަދައިންނެވެ. އެހެންނަމަވެސް ޝިފްނާގެ ފަރާތުން ތަފާތު ހަބަރެއް ލިބިގެން ދިޔައެވެ. އަލީޝާ އެކަމަށް ހިތްވަރުދީ އުފާކުރިއެވެ. އަމާނީ އާއި މަންހާ ތިބީ ޝޮކެއް ލިބިފައެވެ. އެވަގުތު ޝިފްނާ ފޯނުނަގާ އެކުވެރިންނަށް ފޮޓޮއެއް ދައްކާލިއެވެ.

"ތީތަ އެބޯއީ" މަންހާ އަވަސް އަވަހަށް އަހާލިއެވެ.

"ޔަޕް، ނައު އައި ގޮޓް އަ ބޯއީ ފުރެންޑު......ޓަޑާ..."ޝިފްނާ ހިނިއައިސްފައި އުފަލުންހުރެ ބުނެލިއެވެ.

"ކަމޯން ގާރލްސް، ޕޭ އެޓެންޝަން........އޯލެވެލް މިހާ ކައިރިވެފަ އޮއްވަ ރަނގަޅަށް ކިޔަވަން ވާނެއެއްނު، އަހަރެން ބޭނުން އަހަރުމެން އެއްކޮށް ސީ.އެޗް.އެސް.ސީ ގަވެސް އުޅެން" އަމާނީ ބުނެލިއެވެ.

"އޯ....ހާދަ މަޖާވާނެއޭ ދޯ، އަހަރުމެން އެންމެން އެއްކޮށް އެއްކުލާހަކަށް ދެވޭނަމަ ދޯ" މަންހާވެސް އަމާނީގެ ހުށައެޅުމަށް ތާއިދު ކުރިއެވެ.

"ވީ އަރ ގެޓިން ރެޑީ.......ދޯ އެލީ، އަހަރުމެންވެސް ފިލާވަޅު ދަސްކުރަން ފަށައިގެންނޭ މިއުޅެނީ" ޝިފްނާ ހަމަޖައްސާލިއެވެ.

* * * * * * * * * * * *

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ޒާރާގެ ސިކުނޑީގައި ދަރިއަކު ހޯދުމުގެ ހިޔާލުވެސް ދިޔައީ ރާވަމުންނެވެ. ޕްލޭނާއި އެއްގޮތަށް ކަންތައްތައް ކުރިއަށް ގެންދިޔައެވެ. މަސްދުވަސް ހޭދަވެގެން ދިޔައިރުވެސް ޒާރާއަށް ނަތީޖާއަކާއި ހަމައަށް ދެވޭގޮތެއް ނުވިއެވެ. ފަލަކުގެ އިރުޝާދާއިއެކު އޭނަ އެކިއެކި އައު ތަޖުރިބާތައް ކުރިއެވެ. ޑޮކްޓަރަކަށް ދާން ޒާރާ ނިންމި ނިންމުންވެސް މަނާކުރީ ފަލަކުއެވެ. އަދި ނަތީޖާއެއް ނުލިބިގެން އަވަސްވެގަންނަން ނުވާކަމުގައި ފަލަކު ބުނަމުންދިޔަ ބުނުމުން ޒާރާއަށްވެސް ވިސްނުނީ އެގޮތަށެވެ. އިތުރު މަސްދުވަހެއް ވޭތުވެގެން ދިޔައިރު ދާއިންއަށްވެސް ޒާރާގެ ހިތުގެ އަޑުއިވިއްޖެއެވެ. ދާއިންއަށް ލިބެމުންދިޔަ އާދަޔާ ހިލާފު ލޯތްބާ ގައިގޯޅިވުންތަކުގެ ފަހަތުގައިވަނީ ކީކޭކަން މިއަދު ދާއިންއަށްވެސް އެނގިއްޖެއެވެ. އޭނަވެސް އޭނަގެ ފަރާތުން ރަނގަޅު ކުރަން ހުރިކަމެއް ވެއްޖެޔާ ރަނގަޅުކުރެވޭތޯ މަސައްކަތްކުރިއެވެ. އަދި ކުރިއަށްވުރެ ބޮޑަށް ޒާރާއަށް ވަގުތުދީ އޭނަ އާއިއެކު ހޭދަކުރާ ވަގުތު ގިނަކުރިއެވެ. ދާއިންގެ ހިތުގައި ޒާރާއަށް ދެވިފައިވާ މަގާމާއި ލޯބިވެސް އިތުރުވެގެން ދިޔައެވެ. (ނުނިމޭ)