ހަބަރު

ޕްރައިމަރީ ވާނީ ގައުމީ ފެންވަރުގެ ބޮޑު އިންތިހާބަކަށް: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެންޑިޑޭޓުން ނެގުމަށް އެމްޑީޕީއިން ބާއްވާ ޕްރައިމަރީ ވެގެންދާނީ ގައުމީ ފެންވަރުގެ ބޮޑު އިންތިހާބަކަށް ކަމަށް އެޕާޓީ އިން ބުނެފި އެވެ.

އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. އެކި ދާއިރާތަކުން ޕްރައިމަރީގައި ޖުމްލަ 86،091 މީހަކަށް ވޯޓް ލެވޭނެ އެވެ. ޕްރައިމަރީގައި 86 ދާއިރާ ހިމެނެ އެވެ.

އެމްޑީޕީ ޕްރައިމަރީއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ، ޕާޓީއަށް 13 އަހަރުވެފައިވާ ކަމަށާއި މިހާ ހިސާބަށް ޕާޓީ އައިސްފައިވަނީ ވަރަށް ގިނަ އިންތިހާބުތަކަށްފަހު ކަމަށެވެ. އަދި މި އިންތިހާބަށް ކުރިމަތިލީ ފާއިތުވި އިންތިހާބުތަކުގައި ދިމާވި މައްސަލަތަކުން ފިލާވަޅުލިބި އެކަންކަން ހައްލުކޮށްގެން ކަމަށްވެސް ޝިފާޒް ވިދާޅުވި އެވެ.

"މި އިންތިހާބަށް ތައްޔާރުވުމަށް މަސައްކަތް ފެށި ހިސާބުން ލިބިފައިއޮތް އެންމެ ބޮޑު ޔަގީންކަމަކަށްވެފަ އޮތް އެއް ކަމަކީ ގައުމީ ފެންވަރުގެ ބޮޑު އިންތިހާބަކަށް މި އިންތިހާބު ވާނެކަން، މި އިންތިހާބުގައި ވޯޓާސް ލިސްޓް އިންތިހާއަށް ބޮޑުވެގެންދާނެކަން،" ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ، މިފަހަރުގެ ވޯޓް ކަރުދާސްވެސް ޗާޕް ކޮށްފައިވަނީ އެމްޑީޕީ އޮފީހުން ނޫން ކަމަށާއި އެކަރުދާހުގައި ފީޗާސް ހިމަނައިގެން އެކަން ކޮށްފައިވަނީ ވޯޓް ކަރުދާސް ހަދާ ކުންފުންޏަކާއި ވަހާލުކޮށްގެން ކަމަށެވެ. މިއީ ބޮޑު އިންތިހާބެއް ކަމަށާއި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ދަނީ ދުރާލާ ކުރިން އަޅަމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ، އަންނަ ހުކުރު ދުވަހު 2:30 އިން ފެށިގެން ރޭގަނޑު 8:30 އަށް މުޅި ރާއްޖޭގައި ވޯޓްލުން ކުރިއަށްދާނެ ކަމަށެވެ. މުޅި ރާއްޖޭގައި 270 ވޯޓް ފޮށި ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި އިންތިހާބުގައި 279 ކެނޑިޑޭޓުން ވާދަ ކުރައްވަ އެވެ.

"މީގެ ކުރިން 280 ކެނޑިޑޭޓުން ތިއްބެވި، ނަމަވެސް ބޭފުޅަކު ނަން އަނބުރާ ގެންދެވި ހިސާބުން 279 އަކަށް ވަނީ ބަދަލުވެފަ، ޖުމްލަ ވޯޓާސްގެ އަދަދު 86،0091 އަށް އަރާ،" ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް އިތުރަށް ވިދާޅުވީ، މި އިންތިހާބުގައި ބޭރުގެ ތިން ގައުމެއްގައި ވޯޓް ފޮށި ބަހައްޓާ ކަަމަށެވެ. އެގޮތުން އިންޑިއާގެ ޓްރިވެންޑްރަމާއި މެލޭޝިއާ އަދި ސްރީލަންކާގައިވެސް ވޯޓް ފޮށި ބަހައްޓާނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ.