ހިޔާނާތް

ފްލެޓްގެ ބޮޑު ހީލަތް ހެދި ބޮޑުން ފިލައިގެން!

އެއްކަމެއް ޔަގީނެވެ. މާލެއިން ބޯހިޔާވަހިކަމެއް ހޯދުމަކީ ކޮންމެ މީހެއްގެ ވެސް ހުވަފެނެކެވެ؛ އެ އިންތިޒާރުގައި ނެތް މީހަކު ވަރަށް މަދެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން، ގާކޮށީގައި ހަދާފައިވާ ފްލެޓްތައް ވިއްކާލަން އިއުލާން ކުރުމުން، ހުޅުމާލޭގައި ތަނެެއް ކުއްޔަށް ހިފައިފެން އަނބިމީހާ އާއި ދަރިފުޅާ އެކު ދިރިއުޅެމުން އަންނަ، މުހައްމަދު ޝާނީޒް (އަސްލު ނަމެއް ނޫން) ދުއްވައިގަތީ ކުރު މަގަކުން ގޮސްގެން ވިޔަސް އެތަނުން ފްލެޓެއް މިލްކް ކުރެވޭނެ ގޮތެއް ބަލާށެވެ. ރަހުމަތްތެރިއެއްގެ ފަރާތުން އޭނާއަށް ތައާރަފްވި، ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް، ކޯޑިނޭޓަރު އާދަމް ނާސިރު އެއްބަސްވީ އޭނާ މެދުވެރިއަކަށްވެ، ގާކޮށިން ފްލެޓެއް ޝާނީޒަށް ޔަގީންކޮށްދޭށެވެ. ފްލެޓް ގަތުމުގެ ހުރިހާ ކަމެއް ހިނގާނީ މިނިސްޓްރީގެ އުސޫލުތަކުގެ ތެރެއިން ކަމަށް، ނާސިރު ޔަގީންކަން ދިނުމުން ޝާނީޒް ވެސް އެ ޑީލަށް އެއްބަސްވީ އެވެ. ޖެހިގެން އައި ދުވަހު ޝާނީޒަށް ލިބުނީ، ހައުސިން މިނިސްޓްރީގެ ރަސްމީ ނަމްބަރަކުން ފޯން ކޯލެކެވެ.

"ބުނީ މިއީ ހައުސިން މިނިސްޓްރީގެ ފަރާތުންނޭ ގާކޮށިން ފްލެޓް ލިބޭނެޔޭ އެޑްވާންސަށް 250،000 ރުފިޔާ ދެއްކުމުން. ފައިސާ ދައްކަން ހުރަވީ ބިލްޑިންގްގައި ހުންނަ ހައުސިން މިނިސްޓްރީގެ ލޭންޑް އެންޑް ބިލްޑިން ޑިޕާޓްމަންޓަށް ދާށޭ ގޮސް ނާސިރާ ބައްދަލު ކުރާށޭ. ބުނީމާ އަޅުގަނޑު އޭގެ އިރުކޮޅެއް ފަހުން ދިޔައީ ފައިސާ ހިފައިގެން އެތަނަށް. ދިޔައިމަ އަޅުގަނޑު ނާސިރުގެ ކެބިންއަށް ގެންގޮސްފި. ގެންގޮސްފައި ފައިސާ ގުނައި ފައިސާއާ ހަވާލުވީ ވެސް ނާސިރު ހުރެގެން އެ ޑިޕާޓްމަންޓްގެ ކުއްޖެއް. ދެން ހަމަ އެ ޑިޕާޓްމަންޓްގެ މުވައްޒަފަކު އައިސް އަޅުގަނޑާ ހަމަ ރަޖިސްޓްރީ ވެސް ހަވާލުކޮށްފި. ދެން ނާސިރު ބުނެފި ހަފްތާއެއް ތެރޭ ގުޅާނޭ އެގްރިމަންޓްގައި ސޮއިކޮށް ފްލެޓްގެ ތަޅުދަނޑި ހަވާލު ކުރަން،"
ޝާނީޒް ކިޔައިދިނެވެ.

އެ ދުވަހު ޝާނީޒް އުފަލުން ހުރެ ގެއަށް ގޮސް އަންހެނުންނަށް ވެސް އެ އުފާވެރި ހަބަރު ދިނެވެ. އަދި ނާސިރަށް ގުޅައިގެން ޝާނީޒް ގަތް ފްލެޓަށް ވަދެވޭނެ އިންތިޒާމް ހަމަޖައްސައި، އަންހެނުންނާއި ދަރިފުޅު ވެސް ގޮވައިގެން ގޮސް، އެޗްޑީސީގެ މުވައްޒަފެއްގެ ހާޒިރުގައި ފްލެޓް ބަލައި ގަންނާނެ ފަރުނީޗަރު ވެސް ނިންމި އެވެ. އެކަމަކު ކަންވީ ހީކުރި ގޮތަކަށް ނޫނެވެ. ނާސިރު ބުނި ގޮތަށް ހަފުތާއެއްވީ އިރުވެސް، ފްލެޓް ގަތުމުގެ އެގްރިމަންޓްގައި ސޮއި ކުރާކަށް ނުގުޅި އެވެ.

ތަޅުދަނޑިވެސް ލިބޭ ގޮތެއް ނުވި އެވެ. ނާސިރުގެ ބަހަނާއަކަށްވީ އެގްރިމެންޓް ސިވިލްކޯޓްގައި ރަޖިސްޓްރީ ކުރަން ވަގުތު ނަގަނީ ކަމަށެވެ. ނާސިރު އޭރުވެސް ސާނީޒު ކައިރީ ބުނަމުން ދިޔައީ ހަމަޖެހޭށޭ އެވެ. ގުޅާ ކޮންމެ ފަހަރަކު ނާސިރު އާ ކޮށްދޭ އުންމީދަކީ ފްލެޓްގެ ތަޅުދަނޑި ލިބި ފްލެޓަށް ވަދެވޭނެއޭ އެވެ. އެކަމަކު ހަފްތާތައް ފާއިތުވެ، މަސް ދުވަސްވީ އިރުވެސް ފްލެޓަށް ވަދެވޭ ގޮތެއް ނުވި އެވެ.

"ގުޅާލާއިރަށް ބުނޭ މިއަންނަ ހަފްތާ އެގްރިމަންޓްގައި ސޮއިކުރަން ގުޅާނޭ. އެކަމަކު، އަންނަ މަހެއް ނައި. އެކަމެއް ނުވި. ދެން ކުއްލިއަކަށް އަޑުއިވުނީ ނާސިރު ވަޒީފާއިން ވަކިކޮށްފި ކަމަށް ދެން އޭނާއަކަށް ނުވެސް ގުޅޭ. ބައެއް މީހުން ބުނި ރާއްޖެއިން ބޭރަށް ދިޔަ ވާހަކަ ވެސް. މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވަނީ! ފައިސާ ވެސް ނުލިބުނު ފްލެޓް ވެސް ނުލިބުނު،" ޝާނީޒް ކިޔައިދިނެވެ. "ފްލެޓް ގަންނަން އެއްބައި ފައިސާ ހޯދީވެސް ރަށްޓެއްސެއް އަތުން. އޭނާ ވެސް ފައިސާ
ނުދައްކައިގެން އަޅުގަނޑަށް ވަރަށް އެބަ ޕްރެޝަރު ކުރޭ. ބާކީ ފައިސާއަކީ އަޅުގަނޑުގެ ވަޒީފާ އަދާކޮށްގެން އެއްކޮށްފައި ހުރި ފައިސާ. އެ ފައިސާކޮޅު ވެސް ގެއްލުނީ،"

އެންމެ ފަހުން ގޮތެއް ނެތިގެން، އެ ފްލެޓްތައް ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ އޮފީހަށް ގޮސް އޭނާގެ ނަމުގައި ގާކޮށިން ފްލެޓެއް އޮތްތޯ ބަލައި މައުލޫމާތު އޮޅުން ފިލުވި އެވެ. ޝާނީޒްއަށް އެހިސާބުން ޔަގީންވީ ފްލެޓް ވިއްކުމުގައި ނާސިރު އޭނާއަށް އޮޅުވާލިކަމެވެ. ނާސިރު ޝާނީޒަށް ވިއްކި ފްލެޓާއި ހައުސިން މިނިސްޓްރީގެ ތައްގަނޑު ޖަހައި އޭނާއާ ހަވާލުކުރި ފްލެޓްގެ ރަސްމީ ރަޖިސްޓްރީ އަކީ ވަގު އެއްޗަކަން ފަޅާއެރީ އެ ހިސާބުން އެވެ. އެ ކަމަކު އެ ރަޖިސްޓްރީގައި އޮތީ ހައުސިން މިނިސްޓްރީގެ ތައްގަނޑު ޖަހައި ސޮއިވެސް ކޮށްފަ އެވެ. ޔަގީންވި ގޮތުގައި އެއީ ނާސިރުގެ ސޮއެ އެވެ.

"އެޗްޑީސީ ބުނީ އަހަރެން ނަމުގައި ނެތޭ ފްލެޓެއް. އޮންލައިން ޕޯޓަލް ތެރެއިން ބަޔަކު ގަނެފައި އޮތް ފްލެޓެކޭ އެއީ. އެ މީހުން އޮތީ އެޗްޑީސީއަށް ފައިސާ ވެސް ދައްކާފައޭ. އެގްރިމެންޓްގެ ކަންކަން ނިމި ރަޖިސްޓްރީ ނިމި ތަޅުދަނޑިވެސް ހަވާލު ކޮށްފީމޭ އެ މީހުނާ. ދެން އުޅެއުޅެ ވެސް ނާސިރަކާ ގުޅޭ ގޮތެއް ނުވޭ. ނަމްބަރު ވެސް އޮންނަނީ ނިއްވާފައި،" ޝާނީޒް ބުންޏެވެ.

މަޅީގައި ޖެހުނު އެތައް ބައެއްގެ އަތުން މިލިއަނުން ފައިސާ ގެއްލިފައި

މި މުއާމަލާތާ ގުޅޭ ގޮތުން، "އަވަސް"އަށް ލިބުނު މައުލޫމާތުތައް އިތުރަށް ހާވައިގެން ބެލިއިރު ނާސިރު ޖެއްސި މަޅީގައި ޝާނީޒް ނޫނަސް އެތައް ބަޔަކު ޖެހުނެވެ. އަަދި މި މަކަރުވެރި ހިލަތުގެ ހިޔާނާތް ހިންގުމުގައި ނާސިރާއެކު ބައެއް އެހެން ކޯޑިނޭޓަރުންނާއި މިނިސްޓްރީގެ ބައެއް އިސް ބޭފުޅުން ވެސް ބައިވެރި އެވެ. މި މުއާމަލާތުގައި އިސްކޮށް އުޅުނު މީހުން، ފްލެޓެއް ލިބޭނެ ކަމުގެ ޔަގީންކަން ދީގެން އަށެއްކަ މީހެއްގެ އަތުން ވަނީ ގިނަ އަދަދެއްގެ ފައިސާ ނަގާފަ އެވެ. ނާސިރާއި އޭނާގެ ގްރޫޕުން މި ފައިސާ ހޯދާފައި ހުރީ މުޅީން ނަގުދު ފައިސާއިން އެވެ.

ގާކޮށިން ފްލެޓް ގަންނަން ފައިސާ ދެއްކި ނަމަވެސް، ފްލެޓް ވެސް ނުލިބި މާޔޫސް ވެފައި ހުރި އެހެން މީހަކު ވެސް ވަނީ އޭނާގެ ނަން ނުޖަހާ ގޮތަށް "އަވަސް" އާ ވާހަކަ ދައްކާފަ އެވެ. އޭނާ ބުނި ގޮތުގައި ދެ ފްލެޓް ގަންނަން 250،000 ރުފިޔާގެ މަގުން 500،000 ރުފިޔާ އޭނާ ވެސް ނާސިރާ ހަވާލު ކުރި އެވެ. އަދި ދެ ފްލެޓްގެ ރަޖިސްޓްރީ ވެސް އޮތީ އޭނާއަށް ދީފަ އެވެ.

ފުލުހަށް ދެވިއްޖެ، ހައުސިންގައި މައްސަލަ ޖެއްސިއްޖެ، އެޗްޑީސީގައި މައްސަލަ ޖެއްސިއްޖެ. އަޅުގަނޑު މިކަމުގައި ހަދާނެ ގޮތް ހުސްވެފައި މި ހުރީ. ފައިސާ ލިބޭނެ ނަމަވެސް އޯކޭ! އެކަމަކު ފައިސާ ދެން ލިބޭނެ ކަމެއް ވެސް ނޭނގެ،
ހީލަތުގައި ޖެހުނު މީހެއް

އޭނާއަކަށް ވެސް ފްލެޓެއް ނުލިބެ އެވެ. ވީނުވީއެއް ނޭނގި ނާސިރު އޭނާއަށް ވެސް ފިލީ އެވެ. މި މަކަރުވެރި ރޭވުމުގައި ޖެހުނު އަށެއްކަ މީހުންގެ މައުލޫމާތު ހޯދި އިރި އޭގެ ތެރޭގައި ވަރަށް ޕްރޮފެޝަނަލް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ވިޔަފާރިވެރިންނާއި މުއްސަދި އާއިލާތަކަށް ނިސްބަތްވާ މީހުން ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ވަރަށް ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅަކު މިލިއަނެއްހާ ރުފިޔާ ގަނޑުކޮށް ހިއްޕަވައިގެން ގޮސް މިނިސްޓްރީގެ އެ ބޭފުޅާއާ ހަވާލުކޮށްފައި ވެއެވެ. އަނެއް ބަޔަކު 800،000ރ. އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދުތައް ވެސް ދައްކާފައި ވެއެވެ. އެކަމަކު އެއިން އެއްވެސް މީހަކަށް ފްލެޓެއް ނުލިބެ އެވެ. އަދި ފައިސާވެސް އަނބުރާ ނުލިބެ އެވެ. އަދި މަކަރުވެރި ރޭވުމުގެ އަޑީގައި ތިބި މީހުން ވެސް ގެއްލުނީ އެވެ.

އޭގެ ތެރެއިން ބައެއް މީހުން އެ މައްސަލަ ހިފައިގެން އެޗްޑީސީއަށް ގޮސް ޝަކުވާ ކުރި އެވެ. އެކަމަކު އެކަމުގައި ކުންފުންޏަށް ވެސް ކޮށްދެވޭނެ ކަމެއް ނެތެވެ. ގަވާއިދުން އެ ކުންފުނިން ފްލެޓް ވިއްކައި ފައިސާ ނަގައި އެގްރިމަންޓްކޮށް އޭގެ ތެރެއިން ބައެއް އާއިލާތައް އެ ފްލެޓްތަކުގައި ދިރިއުޅެން ވެސް ވަނީ ފަށައިފަ އެވެ. ހައުސިން މިނިސްޓްރީ ތެރެއިން ހިންގި މި މަކަރުވެރި ރޭވުމުގެ މަޅީގައި ޖެހުނު މީހުނަށް ވިއްކި ކަމަށް ބުނާ ފްލެޓްތަކުގައި މީހުން އުޅޭތޯ، "އަވަސް" އިން ބެލިއިރު އޭގެ ތެރެއިން 90 ޕަސެންޓް ފްލެޓްގައި މިހާރު މީހުން ދިރިއުޅެ އެވެ. އެޗްޑީސީއިން އެތަންތަން ވިއްކީ، އޮންލައިން ޕޯޓަލްގައި ރަޖިސްޓްރީވެ، ފައިސާ ދައްކާފައިވާ މީހުނަށެވެ. އެޗްޑީސީ މެދުވެރިކޮށް އެ ފްލެޓްތައް ގަތް މީހުންނާ ވާހަކަ ދައްކައި އެކަން ޔަގީން ވެސް ކުރެވުނެވެ.

ލިބުނު މައުލޫމާތުތަކުގެ މައްޗަށް ހިސާބު ޖެހިއިރު އިރު މި ސްކޭމް ރޭވުމުގައި އުޅުނު މީހުން މަކަރާ ހީލަތުން ފޭރިގަތް ފައިސާގެ އަދަދު 10 މިލިއަނެއްހާ ރުފިޔާއާ ކައިރި ކުރެ އެވެ. އެކަމަކު ފްލެޓް ދޭނެ ކަމަށް ބުނެ އެކި މީހުން އަތުން ފައިސާ ނަގައިގެން ބަޔަކު މިނިސްޓްރީގެ ތެރެއިން ހައްދާފައި ހުރި ވަގު ރަޖިސްޓްރީތައް ފިޔަވާާ އެހެން އެއްޗެއް އެ މީހުންނަކަށް ނުލިބުނެވެ.

އިސް މީހުން މުއްސަނދިވެ، ބޮޑެތި ވިޔަފާރިތައް ފަށާފައި

ގާކޮށިން އޮޅުވާލައިގެން ފްލެޓް ވިއްކުމުގައި އެންމެ އިސްކޮށް އުޅުނު ކަމަށް، ފުލުހުން ވެސް ތުހުމަތު ކުރާ ހދ. ހަނިމާދޫ، ނާސިރަކީ ހދ. އަތޮޅުގެ މީހުން ވަރަށް ރަނގަޅަށް ދަންނަ މީހެކެވެ. އެކަމަކު އެ މީހުން އޭނާ ދަންނަނީ، ހދ. އަތޮޅު ކައުންސިލްގެ ރައީސްކަން ކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. ނާސިރާ ގުޅޭ ގޮތުން އޭނާގެ އުފަން ރަށް، ހަނީމާދޫގެ ބައެއް މީހުން ބުނި ގޮތުގައި ހައުސިންގެ ކޯޑިނޭޓަރުކަމުން ވަކިކުރުމުން އެނބުރި ރަށަށް ގޮސް ލޯންޗް ފަހަރު ގަނެ އަތޮޅުތެރެއަށް ދަތުރުކުރާ ކުޑަވަރެއްގެ ޓްރާންސްޕޯޓް ކުންފުންޏެއް އޭނާ ފެށި އެވެ. އަދި ގެސްޓް ހައުސް ވިޔަފާރީގައި ބައެއް އިންވެސްޓްމަންޓްތައް ފަށަން މަސައްކަތް ކުރި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.

"ކޯޑިނޭޓަރުކަމާ ހަވާލުވުމުގެ ކުރިން އޭނާއަކީ މުއްސަންޖެއް ނޫން. އެކަމަކު އެ މަގާމަށް ފަހު މި ރަށުގެ ފެންވަރުގައި ރަނގަޅު ވިޔަފާރިތަކެއް އޭނާ އެބަ ކުރޭ،" ހަނިމާދޫއިން ވާހަކަ ދެއްކި އިތުބާރު ކުރެވޭ މީހަކު ބުންޏެވެ. މި ތުހުމަތުތަކާ ގުޅިގެން ނާސިރަށް ގުޅޭތޯ އެކި ގޮތްގޮތުން، "މަސައްކަތް ކުރެވުނެވެ. އެކަމަކު އޭނާ މިވަގުތު ރާއްޖޭގައި ނޫޅުމާއި އެހެން މަގުތަކުން ވެސް އޭނާއާ ގުޅޭތޯ ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބުވެފަ އެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް މެސެޖް ކުރިޔަސް އޭނާ ޖަވާބެއް ނުދީ މެސެޖަށް އިގްނޯކޮށްލީ އެވެ.

ނާސިރުގެ އިތުރުން އެ މުއާމަލާތްތަކުގައި ދެން އުޅުނު ކަމަށް ތުހުމަތުވާ ހައުސިން މިނިސްޓްރީގެ އޭރުގެ އެހެން ބައެއް ފަރާތްތައް ވެސް އުޅެނީ މުއްސަނދި ދިރިއުޅުމެކެވެ. ބައެއް ފަރާތްތަކުން ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ކޮށްގެން މިހާރު އުޅޭ އިރު ދޭތެރެ ދޭތެރެއިން އަގުބޮޑެތި ޗުއްޓީ ދަތުރުތައް ދުނިޔޭގެ އެކި ގައުމުތަކަށް އަންނަނީ ކުރަމުން އެވެ. އަދި އެ މީހުންގެ އާންމުދަނީއާ ނުބައްދަލު އަގު ބޮޑެތި މުދާވެސް ގަނެ، މިލްކުކޮށްފައިވެސް ވެ އެވެ.

ފިޔަވަޅެއް ނޭޅުނު، ސިޔާސީ ހިމާޔަތުގައި

މި މަކަރުގައި ތުހުމަތުވާ ނާސިރު އެ ދުވަސްވަރު ހައުސިން މިނިސްޓްރީގެ ވަޒީފާއިން ވަކިކުރީ އޭނާ ހިންގި ޖަރީމާއަށް ހައްގު އަދަބު ދިނުމުގެ ގޮތުންނެވެ. އެކަމަކު އެންމެ ފަހުން ކަންވީ ހީކުރި ގޮތަކަށް ނޫނެވެ. ހަނިމާދޫއިން ވާހަކަ ދެއްކި މީހުން ޔަގީންކޮށްދިން ގޮތުގައި ނާސިރު އެނބުރި ރަށަށް ގޮސް އޭރު ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ އިސް މީހެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭންގައި ވެސް އިސް ދައުރެއް އަދާ ކުރި އެވެ.

ޔަގީންކުރެވުނު ގޮތުގައި މި މައްސަލައިގައި ފުލުހުންގެ އެދުމުގެ މަތިިން ނާސިރުގެ ޕާސްޕޯޓް ވެސް ގިނަ ދުވަސްތަކެއް ވަންދެން ހިފެހެއްޓި އެެވެ. އެކަމަކު ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި އޭނާގެ ޕާސްޕޯޓް ވަނީ ދޫކޮށްލައިފަ އެވެ. ޕާސްޕޯޓް ދޫކޮށްލި ސަބަބު އޮޅުން ފިލުވަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ. ރިޔާސީ އިންތިހާބަށް ފަހު ނާސިރު ރާއްޖެއިން ފުރައިގެން ދިޔަކަން ވަނީ ޔަގީން ކުރެވިފަ އެވެ. އަދިވެސް އޭނާ އެނބުރި އައިކަމެއް އެނގިފައެއް ނެތެވެ.

ފުލުހުން ހަމައެކަނި ބުނަނީ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އެކަމަކު އަދިވެސް މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރެވޭ ގޮތެއް ނުވެ އެވެ. އިތުރު ވާހަކައެއް މައްސަލައިގައި ދައްކަން ބޭނުމެއް ނުވެ އެވެ. މަކަރުގައި މުގުލުގައި ތިބި މީހުން ތިބީ އަދިވެސް އުފަލުގައި ފައިސާ އެއްކޮށްގެން އެވެ. އެ މަކަރުގެ ތެރެއިން ދަމައިގަތް ފައިސާއިން އެ މީހުން ބޮޑެތި ވިޔަފާރިތައް ފައްކާ ކުރަނީ އެވެ. ހާލުގައި ޖެހި އެތައް ލައްކަ ރުފިޔާއެއް ގެއްލި، ނިކަމެތިވީ ބޯ ހިޔާވަހިކަމުގެ އުންމީދުގައި، ފްލެޓެއް ލިބޭނެ ކަމުގެ އިންތިޒާރުގައި ތިބި މީހުން ހަމަ އެގޮތުގައި އަދިވެސް ތިބީ އެވެ.

"ފުލުހަށް ދެވިއްޖެ، ހައުސިންގައި މައްސަލަ ޖެއްސިއްޖެ، އެޗްޑީސީގައި މައްސަލަ ޖެއްސިއްޖެ. އަޅުގަނޑު މިކަމުގައި ހަދާނެ ގޮތް ހުސްވެފައި މި ހުރީ. ފައިސާ ލިބޭނެ ނަމަވެސް އޯކޭ! އެކަމަކު ފައިސާ ދެން ލިބޭނެ ކަމެއް ވެސް ނޭނގެ،" ގާކޮށިން ފްލެޓް ވިއްކުމުގެ މަޅީގައި ޖެހުނު މީހުންނަށް އަދި އޮތްހާވެސް ގޮތަކީ މި ޝަކުވާތައް ކޮށްލަކޮށްލާ ތިބުމެވެ.