ހަބަރު

ބްރިޖްގައި ސެކިއުރިޓީ ކެމެރާތައް ހަރުކުރަން ފަށަނީ

Jan 16, 2019
1

މާލެ އާއި ހުޅުލެ ގުޅުވައިދޭ، ސިނަމާލެ ބްރިޖްގައި ތިން ވައްތަރެއްގެ ސެކިއުރިޓީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ފުލުހުން ބުނެފި އެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދެކެވެ.

ވީޓީވީގެ "އެގިދާނެތާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސްޕްރިޑެންޑް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވި ގޮތުގައި ބްރިޖްގައި ސީސީޓީވީ ކެމެރާ އާއި ސްޕީޑް ކެމެރާ އަދި ރެޑްލައިޓް ކެމެރާ ހަރުކާރާނެ އެވެ. ރެޑްލައިޓް ކެމެރާއަކީ ޓްރެފިކް ލައިޓް ރަތްވެފައިވަނިކޮށް ހުރަސް ކުރާ މީހުން އެނގޭނެ ކެމެރާއެކެވެ.

އޭނާ ވިދާޅުވީ އެކަމަށް ސާވޭކޮށް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ބްރިޖާއި ބްރިޖާ އިންވެގެން ހުރި މަގުތަކުގައި ހަރުކާރާނެ ކެމެރާތަކުގެ ކޮލެޓީ ވެސް ބަލާފައިވާ ކަމަށެވެ. އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހުނުހާ އަވަހަކަށް އަމަލީ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.

ސަމީރު ވިދާޅުވި ގޮތުގައި ބްރިޖްގައި ގަވައިދާ ހިލާފަށް އުޅަނދުތައް ދުއްވަ އެވެ. އެހެންކަމުން އެ ފަރާތްތަކާމެދު ކެމެރާތައް ހަރުކުރުމުން ފިޔަވަޅު އެޅޭނެ ކަމަށެވެ. ކެމެރާތަކުން ގަވައިދާ ހިލާފުވާ ކަމަށް ފާހަގަވާ މީހުންނާމެދު ފިޔަވަޅު އެޅޭނެ އުސޫލުތައް އެކުލަވާލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބްރިޖްގެ ސެކިއުރިޓީ ވަރުގަދަ ކުރަން ނިންމާފައިވާއިރު އެތަނުގައި އެކްސިޑެންޓްތައް ހިނގާ މިންވަރު ވަނީ އިތުރުވެފަ އެވެ. ބްރިޖް މަތީ ދުއްވާއިރު ހެލެޓް އެޅުން މަޖުބޫރު ކުރަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.