ބޭރު ކުޅިވަރު

އީޔޫން ވަކިވުމުން އިނގިރޭސި ޕްރެމިއާ ލީގުގެ "ރަސްކަން" ނިމުމަކަށް؟

Jan 17, 2019
1

ލަންޑަން (ޖެނުއަރީ 16) - ފަހުގެ ތާރީހުގައި ދުނިޔޭގެ ފުޓުބޯޅާއިގެ ރަސްކަން ކުރަމުން އަންނަނީ އިނގިރޭސި ޕްރެމިއާ ލީގުން ކަމުގައި ބުނުމަކީ ދެބަސްނުވެވޭނެ ހަގީގަތެކެވެ. ނަމަވެސް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މެމްބަރުކަމުން އިނގިރޭސިވިލާތް ވަކިވުމުގެ މައްސަލަ ހޫނުކަންމަތީ ނުތަނަވަސްކަމެއްގެ ތެރޭގައި ކުރިއަށްދާއިރު، އެކަމުގެ ނޭދެވޭ އަސަރު "ދުނިޔޭގެ އެންމެ ވަރުގަދަ ލީގަށް" ކުރާނެ ކަން ކަށަވަރެވެ.

ބްރެކްސިޓް އަކީ ކޯޗެއް؟

"ބްރެކްސިޓް" އަކީ އަސްލު "ބްރިޓިޝް އެގްޒިޓް" ކުރުކޮށެވެ. އެއީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމަށް ނިންމުން ސިފަކޮށްދޭން ބޭނުންކުރާ އިބާރާތެކެވެ.

އިނގިރޭސިވިލާތުގައި 23 ޖޫން 2016 ގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުނެވެ. އެއީ އިނގިރޭސިވިލާތް އީޔޫގެ ގައުމެއްގެ ގޮތުގައި އޮންނަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނެގުނު ވޯޓެކެވެ.

އެ ވޯޓުގެ ނަތީޖާ 52 ޕަސަންޓާއެކު ބުރަވީ އީޔޫން ވަކިވާ ކޮޅަށެވެ. ނަމަވެސް، އެ ވޯޓާއެކު އިނގިރޭސިން އީޔޫ އިން ރަސްމީކޮށް ވަކިވާނީ 29 މާޗް 2019 ގަ އެވެ.

ބްރެކްސިޓުން ޕްރެމިއާ ލީގަށް ކުރާނީ ކޮން އަސަރެއް؟

އެންމެ ފުރަތަމަ، 2016 ވަނަ އީޔޫން ވަކިވާން ހުށަހެޅުމުން، ޕްރެމިއާ ލީގުގައި ހިމެނޭ 20 ޓީމުން ވެސް ވަނީ އެކަމާއި ވަރަށް ބޮޑަށް ދެކޮޅު ހަދައިފަ އެވެ.

ޑިވިޝަންގެ ޗެއާމަން ރިޗަޑް ސްކޫޑަމޯ އޭރު ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ދުނިޔޭގެ ފުޓުބޯޅާއިގެ އެންމެ އުހުގައި ޕްރެމިއާ ލީގުން ފިޔަޖަހަމުން އަންނަ އައުމަށް، އެ ވޯޓުގެ ސަބަބުން ނުރައްކާވާނެ ކަމަށެވެ.

ސްކޫޑަމޯގެ އޭރު ދެއްވި އިންޒާރާއެކު، އީޔޫން ވަކިވާން އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ އިސްވެ ހުށަހެޅުއްވި އެއްބަސްވުމަށް ގޮތެއް ނުނިމި ދިގުލައިގެންދާއިރު، ބްރެކްސިޓްގެ ސަބަބުން ޕްރެމިއާ ލީގަށް ކުރިމަތިވާނީ ކޮން ގޮންޖެހުންތަކެއް ކަމެއް އަދިވެސް ބުނަން ދައްޗެވެ.

ނަމަވެސް، ކޮންމެ ގޮތަކަށް އެ މައްސަލަ ފުރޮޅިގެން ދިޔަ ނަމަވެސް، އިނގިރޭސިން އީޔޫން ވަކިވުމާއެކު، ޕްރެމިއާ ލީގަށް އަރާނެ ލޮޅުންތައް ކޮންމެވެސް މިންވަރަކަށް ނަމަވެސް ލަފާކޮށްލެވެ އެވެ.

ބޭރު ކުޅުންތެރިން ގެނައުން!

މިހާރު ކާޑިފް ސިޓީގެ ކޯޗު ނީލް ވޯނޮކް ފިޔަވައި، ގިނަ ކޯޗުންނާއި ކްލަބްތަކުން ވަނީ ބްރެކްސިޓް އާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ބްރެކްސިޓްގެ ސަބަބުން އެންމެ ބޮޑު ސުވާލުމާކެއް އުފެދިފައިވަނީ އިމިގްރޭޝަން އުސޫލުތަކަށް އަންނާނެ ބަދަލުތަކާއި ގުޅޭގޮތުންނެވެ. އިނގިރޭސި ލީގުގެ އިތުރުން، ޔޫރަޕުގެ ލީގުތައް ދުނިޔޭގެ ފުޓުބޯޅައިގެ ކުރީގައި އުޅުމުގެ މައިގަނޑު އެއް ސަބަބަކީ، އެ ބައްރުގެ ކުޅުންތެރިންނަށް ފަސޭހަކަމާއެކު އެހެން ގައުމުތަކަށް ދަތުރުކުރެވުމާއި ވަޒީފާގެ ގޮތުގައި އެހެން ލީގުތަކުގައި ކުޅުމުގެ މަގު ފަހިވެފައި އޮތުމެވެ.

ނަމަވެސް، އީޔޫން ވަކިވުމާއެކު، އެ އިއްތިހާދުގައި ހިމެނޭ ގައުމުތަކުގެ ކުޅުންތެރިންނަށް އިނގިރޭސި ލީގުގައި ކުޅުމުގެ ފުރުސަތު ވަރަށް ބޮޑުތަން ހަނިވެގެންދާނެ އެވެ. މިހާރުވެސް ދެކުނު އެމެރިކާ ފަދަ ގައުމުތަކުން ގެންނަ ކުޅުންތެރިންނަށް އިނގިރޭސި ލީގުގައި ކުޅުމަށް ބޭނުންވާ ވާކް ޕާމިޓް ހޯދުމުގައި ދިމާވާ ދަތިތައް، މިސާލަކަށް ޖަރުމަނު، ސްޕެއިން އަދި އިޓަލީ ފަދަ ޔޫރަޕުގެ ގައުމުތަކުން އަންނަ ކުޅުންތެރިންނަށް ވެސް ކުރިމަތިވާނެ އެވެ.

ވަޒީފާއެއް އަދާކުރާ އުސޫލުން، ފުޓުބޯޅަ ކުޅުމަށްވެސް ވާކް ޕާމިޓް ދޫކުރަނީ ވަކި އުސޫލެއްގެ ތެރެއިންނެވެ. ފެންނަ ނުފެންނަ ވޯޓަށްފަހު، 2016 ވަނަ އަހަރު ބީބީސީ އިން ކުރި ދިރާސާއަކުން ބުނީ، ޕްރެމިއާ ލީގާއި، އިނގިރޭސި ޗެމްޕިއަންޝިޕް އާއި ސްކޮޓިޝް ލީގުގައި މިހާރު ކުޅެމުންދާ ޖުމްލަ 332 ކުޅުންތެރިން، ވާކް ޕާމިޓް ހޯދުމަށް ބޭނުންވާ ޝަރުތުތައް ފުރިހަމަނުވާ ކަމަށެވެ.

މީގެ އިތުރުން، ޔޫރަޕުގައި އުފެދޭ އުއްމީދީ ޒުވާން ކުޅުންތެރިން އިނގިރޭސި ކްލަބުތަކުން ހޯދުމަށް ވެސް ހުރަސްއެޅޭނެ އެވެ. ސޯޅަ އަހަރާއި 18 އަހަރާއި ދެމެދުގެ ޒުވާން ކުޅުންތެރިންގެ ބައިނަލްއަގުވާމީ ޓްރާންސްފާތައް ކުރުން ވަނީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން މަނާކޮށްފަ އެވެ. އީޔޫން ވަކިވުމުން، ޔޫރަޕުން އިނގިރޭސި ވިލާތަށް ބަދަލުވާ ކުޅުންތެރިން ވެގެންދާނީ ސަރަހައްދީ ޓްރާންސްފާއެއްގެ ބަދަލުގައި ބައިނަލްއަގުވާމީ ޓްރާންސްފާ އަކަށެވެ. އޭގެ މާނައަކީ، ބާސަލޯނާގައި ހުއްޓައި، އާސަނަލުން ސެސް ފެބްރިގޭސް ގެނައުން ފަދަ ޓްރާންސްފާތައް ކުރުމުގެ މަގު މުސްތަގުބަލުގައި ބަންދުވެގެން ދިޔުމެވެ.

އަނެއް ކޮޅުން ބަލާނަމަ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ގެނައުމުގެ އިތުރުން، ފުޓުބޯޅައިގެ އެންމެ ނަން ހިނގާ ކޯޗުން ގެނައުމުގައި ވެސް އިނގިރޭސި ކްލަބްތަކަށް ވަރަށް ދަތިވެގެންދާނެ އެވެ. މިހާރުވެސް، އިނގިރޭސި ލީގުގައި ހިމެނޭ 20 ކުލަބުގެ ތެރެއިން، 14 ކުލަބުގެ ކޯޗުންގެ ގޮތުގައި ތިބީ، ބޭރު ކޯޗުންނެވެ. މީގެ އިތުރުން، ފަރުދާގެ ފުރަގަހުގައި، ކުލަބުތަކުގެ އެހެނިހެން ކަންތައްތަކުގައި ގެންގުޅޭ ޓެކްނިކަލް މީހުން ގެންގުޅުމަށްވެސް ހުރަސްތަކެއް ކުރިމަތިވާނެ އެވެ.

މާލީ ގޮތުން ނޭދެވޭ އަސަރު ކުރާނެ!

ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ "ވަރުގަދަ" ލީގުގެ އިތުރުން، އެންމެ "މުއްސަނދި" ލީގުގެ ލަގަބު ވެސް އިނގިރޭސިން ވަނީ ހޯދައިފަ އެވެ. ސިއްސައިގެންދާވަރުގެ ބޮޑު ޓްރާންސްފާ ފީތައް ދީގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ މޮޅެތި ކުޅުންތެރިންގެ ހުނަރު ދައްކާލެވޭ "ސްޓޭޖެއް" ވަނީ ގާއިމުކޮށްފަ އެވެ. ނަމަވެސް، ބްރެކްސިޓްގެ އަސަރު މިހާރުވެސް ކުރަމުންދާކަމުގެ ނިޝާންތައް ވަނީ ފެންނަން ފަށައިފަ އެވެ.

އިނގިރޭސި ޕައުންޑުގެ އަގު ޔޫރާ އާއި އަޅާބަލާއިރު މިހާރުވެސް ވެއްޓިފައިވާއިރު، ވާދަވެރި ޓްރާންސްފާ މާކެޓުތަކުގައި، ކުޅުންތެރިން ސޮއި ކުރަން އިނގިރޭސި ކުލަބުތަކަށް މިހާރު ވެސް އިތުރަށް އަގުބޮޑުވާން ވަނީ ފަށައިފަ އެވެ. އަދި އެކަމުގެ އަސަރު ފުރަތަމަ ކޮޅު، އެންމެ ބޮޑެތި އަދި މުއްސަނދި ކުލަބްތަކަށް ނުކުރި ނަމަވެސް، އާދައިގެ ކްލަބްތަކަށް ކުރާނެ ނޭދެވޭ އަސަރުގެ ސަބަބުން، ބޮޑެތި ކުލަބުތަކުގައި ވާދަކުރަން މިހާރަށް ވުރެ ދަތިވާނެކަމަށް އެ ކުލަބުތަކުން ވަނީ ބުނެފަ އެވެ.

ޔޫރަޕުގައި ކުޅޭ އިނގިރޭސި ކުޅުންތެރިންނަށް ވާނީ ކިހިނެއް؟

ބްރެކްސިޓްގެ އަނެއް ކަންބޮޑުވުމަކީ، ޖަރުމަނު، ފްރާންސް އަދި ސްޕެއިން ފަދަ ޔޫރަޕުގެ އެހެން ގައުމުތަކުގައި ކުޅޭ އިނގިރޭސި ކުޅުންތެރިންގެ މުސްތަގުބަލެވެ. އިމިގްރޭޝަން އުސޫލަށް އަންނަ ބަދަލުތައް ގާތުން ބަލަމުން އަންނަ ކަމަށް، ރެއާލް މެޑްރިޑަށް ކުޅޭ ގެރެތު ބޭލް ވެސް ވަނީ ބުނެފަ އެވެ. ބޭލްގެ އިތުރުން، ޖައުމަނުގެ ޑޯޓްމަންޑަށް ކުޅޭ ޖޭޑަން ސެންޗޯ އާއި، ހޮފެންހައިމަށް ކުޅޭ އާސެނަލްގެ ރީސް ނީލްސަންގެ އިތުރުން، އިޓަލީގެ ޖިރޯނާގައި މިހާރުހުރި މެންޗެސްޓާ ސިޓީގެ ޕެޓްރިކް ރޮބަޓްސް އަށް ވެސް އެކަމުގެ އަސަރު ކުރާނެ އެވެ.

ޗެމްޕިއަންސް ލީގާއި ޔޫރަޕާ ލީގަށް ވެސް ބިރު ބޮޑު!

އިނގިރޭސިވިލާތް ރަސްމީކޮށް އީޔޫން ވަކިވާނީ މާޗް 29 ގަ އެވެ. އޭގެ ދެ ހަފްތާ ފަހުން، ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނުގެ މެޗުތައް ފެށިގެންދާނެ އެވެ. އެ ހިސާބަށް ބައެއް އިނގިރޭސި ކުލަބުތައް ދަތުރުކުރާނެކަމަށް ބެލުމަކީ ގޯހަކަށް ނުވާނެ އެވެ. މީގެ އިތުރުން، ޔުރޯޕާ ލީގުގައި އާސެނަލް އާއި ޗެލްސީ ވެސް ވާދަކުރާއިރު، އެ ކުލަބުތަކުގައި ކުޅޭ ޔޫރަޕުގެ ކުޅުންތެރިންނަށް މުބާރާތުގެ އެހިސާބުގައި ކުޅެވޭނެ ކަމާއި މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ބްރެކްސިޓްގެ އެއްބަސްވުން އަންނަ ގޮތަކުން، ލިވަޕޫލްގެ ވާޖިލް ވެން ޑައިކް، ޗެލްސީގެ އޭޑެން ހަޒާޑު އަދި ސިޓީގެ ކެވިން ޑިބްރޮއިނާ ފަދަ ކުޅުންތެރިން ވާކް ޕާމިޓު ހޯދަންޖެހިގެން، އެ މުބާރާތުގައި ނުކުޅެވުމުގެ ނުރައްކާ ބޮޑެވެ.