މުއުމިނުންގެ މެދުގައި ފާހިޝް އަމަލު ފަތުރަން ނޫޅުއްވުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ، މުހައްމަދު އިޔާޒު ގޮވާލައްވައިފި އެވެ.
ބެލެވޭ ގޮތުގައި އިޔާޒު އެފަދައިން ގޮވާލައްވާފައިވަނީ ކުރީގެ ކެމްޕެއިން ލޯންޗިން އިވެންޓެއްގައި ރައީސް މުހައްމަދު ނަޝީދު ރޭ ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އިޔާޒުގެ އިތުރުން ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ވެސް ވަނީ ނަޝީދުގެ ވާހަކައާމެދު ކަންބޮޑުވެ އެވާހަކަތަކަށް ފާޑު ވިދާޅުވެފަ އެވެ.
ކެމްޕެއިން އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ވިދާޅުވީ، ކައިވެނީގެ ބޭރުން ދަރިން ހޯދާ ހޯދުމަށް އޮތް ހައްލަކީ ނުވިހާ އޮޕަރޭޝަން ކުރެވޭ ގޮތް ހެދުން ކަމަށާއި، އެހެން ނަމަވެސް ރާއްޖޭގައި މިހާރު ކައިވެނި ނުކޮށްތިބޭ މީހުންނަށް އެކަން ކުރެވޭނެ ގޮތެއް ނޯންނަ ކަމަށެވެ. އަދި އެގޮތަށް އެކަން އޮވެގެން ނުވާނެ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ނަޝީދުގެ އެ ވާހަކަތަކަކީ ޒިނޭ ފަދަ ފާހިޝް އަމަލަކަށް ހިތްވަރު ދިނުން ކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.
އިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ތިމާއަށް ﷲ ނުފެނުނު ނަމަވެސް، ތިމާ ކުރާ ހުރިހާ ކަމެއް އަދި ބުނާ ކޮންމެ ބަހެއް، އަދި ހިތުގައި ފޮރުވާފައިވާ ހުރިހާ ކަމެއް ﷲ ދެކެވޮޑިގެން އަދި ބައްލަވާ ވޮޑިގެން އަދި މޮޅަށް ދެނެވޮޑިގެންވާކަން ހަނދުމަ ކުުރުމަށާއި، މުއުމިނުންގެ މެދުގައި ފާހިޝް އަމަލު ފަތުރަން ނޫޅުމަށެވެ.
ނަޝީދުގެ ވާހަކަތަކާއި ގުޅިގެން ޝައިހު އަލީ ޒަައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، "މީހުން 'ލާދީނީ' އޭ ބުނަނީވެސް ހަމަ ބުނަން ވެގެން" ކަމަށެވެ. އިންސާނެއްގެ ހިތްފަޅައި ނުބެލިއަސް އެމީހަކު އަބަދު ދައްކާ ވާހަކައިން އެމީހަކީ ކޮން ޒާތެއްގެ ކޮން ފިކުރެެއްގެ މީހެއްކަން ދެނެގަނެވޭނެ ކަމަށެވެ.
ނަޝީދު ދެއްކެވި ވާހަކަތަކަށް ދީނީ އިލްމުވެރިންގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ވެސް ފާޑު ކިޔަމުންނެވެ.
މީގެ ކުރިން ދީނީ ގޮތުން ފުށު އަރައި މިފަދަ ވާހަކަތައް ރައީސް ނަޝީދު ވަނީ ދައްކަވާފަ އެވެ.