ހަބަރު

ސުއޫދު ޖޭއެސްސީއަށް ހާޒިރުވާން އަންގައިފި

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވާން އަންގައިފި އެވެ.

ސުއޫދު "އަވަސް" އަށް ވިދާޅުވީ، އޭނާ ޖޭއެސްސީއަށް ހާޒިރުވާން އަންގާފައިވަނީ އަންނަ އާދިއްތަ ދުވަހަށް ކަމަށެވެ. އަދި ހާޒިރު ކުރަނީ ޝަރުއީ ދާއިރާއާއި ބެހޭގޮތުން ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން ކަމަށް ބެލެވޭ ކަަމަށްވެސް ވިދާޅުވި އެވެ.

ފަނޑިޔާރުން އައްޔަންކުރުމުގަ އާއި، އަދި ފަނޑިޔާރުންނާއި ގޭންގްތަކާ ގުޅުން އޮންނަކަމަށް ވިދާޅުވެ، ސުއޫދު ދައްކާފައިވާ ވާހަކަތަކުގެ ހަގީގަތް ދެނެގަތުމަށް ޖޭއެސްސީން ވަނީ ކޮމިޓީއެއް އެކުލަވާލައި މަސައްކަތް ފަށާފަ އެވެ. އެ ކޮމެޓީގެ ރައީސަކީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު އަދި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ ފަރާތުން މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވިދާޅުވެފައިވާ ގޮތުގައި ކޯޓުތަކަށް ވަނީ ވަރަށް ބޮޑަށް ގޭންގުތަކުގެ ނުފޫޒު ފޯރާފަ އެވެ. މަރުގެ ބޮޑެތި މައްސަލަތަކުގައި ވެސް ގޭންގުތަކުން ބުނާ ގޮތް ބައެއް ފަނޑިޔާރުން ހައްދަވަ އެވެ.

ފަނޑިިޔާރުން ސެކިއުރިޓީ ފޯރުކޮށްދިނުމުގައި ބައެއް ގޭންގުތައް ހަރަކާތްތެރިވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އަދި ފަނޑިޔާރުން އައްޔަން ކުރުމުގެ ކޯޓާތަކެއް ވެސް ބައެއް ގޭންގުތަކަށް ލިބިފައި އޮންނަ ކަމަށް ސުއޫދު ތުހުމަތު ކުރެއްވެވި އެވެ. އެގޮތުން ގޭންގުތައް ބޭނުންވާ ބަޔަކު ވަކި ކޯޓުތަކަށް އައްޔަން ކުރާ ކަމަށާއި ގޭންގުތަކާ ގުޅުން ހުރި މައްސަލަތައް ކުރިޔަށް ދާއިރު ބައެއް ސިއްރު ހެކިތައް ދޭ ފަރާތްތަކުގެ މައުލޫމާތު ގޭންގުތަކަށް ދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ސްޕްރީމް ކޯޓުން ވެސް ވަނީ އެ މައްސަލަ ބަލަން ނިންމާފަ އެވެ. ނަމަވެސް އެ ތުހުމަތުތަކާ ގުޅޭ ތަފްސީލުތައް ހިއްސާ ކުރުމަށް ސުއޫދު ދެކޮޅު ހައްދަވާފައިވާ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ބުނެފަ އެވެ.