ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އައްޔަނުކޮށްފި އެވެ.
އެ މަގާމަށް ސުއޫދު އައްޔަނުކޮށްފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް ހައިކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ރައޫފު އިސްތިއުފާދެއްވާފައި ވަނީ އޭނާގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގުކޮށް، މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ތައްޔާރުވެފައި ވަނިކޮށެވެ.
އެ މަގާމު ހުސްވުމާއި ގުޅިގެން އެ ޖަމިއްޔާގެ ހިންގާ ކޮމިޓީ އިން ވަނީ ރައީސް ކަމަށް ސުއޫދު އައްޔަނުކުރަން ނިންމައިފަ އެވެ. އެ ދައުވަތު ސުއޫދު ވަނީ ގަބޫލުކުރައްވާ އެ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ.
ފަނޑިޔާރުންގެ ޖަމިއްޔާ އުފައްދާފައި ވަނީ 2008 ވަނަ އަހަރު އެވެ. އެކަމަކު އެ ޖަމިއްޔާގެ މަސައްކަތްތައް ހުއްޓިފައި ގިނަ ދުވަސްތަކެއް ވާންދެން އޮތެވެ. އޭގެ ފަހުން އާ ހުއްދައަކާއެކު 2019 ވަނަ އަހަރު އެ ޖަމިއްޔާ ހިންގަން ފެށި އެވެ.