ހައިކޯޓް

ހައިކޯޓުގެ ފަނޑިޔާރު ރައޫފް އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް ފަނޑިޔާރުކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ފަނޑިޔާރު ރައޫފް އިސްތިއުފާ ދެއްވާފައިވާ ކަން ހައިކޯޓުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. ވޭތުވެދިޔަ 11 އަހަރު ހައިކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނަވައިގެން ރައޫފް ކުރައްވާފައިވާ ހިދުމަތަށް ހައިކޯޓުން ވަނީ ޝުކުރު ވެސް އަދާކޮށްފަ އެވެ.

ރައޫފް އަކީ މީގެ ކުރިން ހައިކޯޓުގެ ފަނޑިޔާރުންގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ރައޫފް އިސްތިއުފާ ދީފައި މިވަނީ ޖޭއެސްސީ އިން ބެލި ސުލޫކީ މައްސަލައެއް ސާބިތުވެ، ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފަހުންނެވެ. އެކަމަކު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ އެ މައްސަލަ ޖޭއެސްސީން ބަލާފައިވަނީ ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތަކެއް ފުރިހަމަ ނުކޮށް ކަމަށް ނިންމާ އަލުން އެ ކޮމިޝަނަށް މައްސަލަ ފޮނުވާލާފަ އެވެ.

ޖޭއެސްސީން ފަނޑިޔާރު ރައޫފްއާ ގުޅޭގޮތުން ބެލީ އުސޫލުގެ ބޭރުން ފްލެޓެއް ބައްލަވައިގެން ކަމަށް ބުނާ މައްސަލަ އެވެ. މި ފްލެޓް ފަނޑިޔާރު ރައޫފް ބައްލަވައިގަތީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ.

އެ މައްސަލަ ބެލުމަށްފަހު ޖޭއެސްސީން ބުނެފައިވަނީ ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ފަނޑިޔާރު ރައޫފް ބައްލަވައިގަނެފައިވާ ކަމަށެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމި ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ. އެ މައްސަލަ ތަހުގީގުކޮށް ބެލިބެލުމުން، ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދިން ފްލެޓްތަކަކީ ގާނޫނާ ހިލާފަށް، މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓްތަކެއްކަން ސާބިތުވާ ކަމަަށްވެސް ބުނެފައިވެ އެވެ.

އެ މައްސަލަ ފަނޑިޔާރު ރައޫފުގެ އިތުރުން ފަނޑިޔާރު އަބުދުﷲ ހަމީދުގެ މައްޗަށް ވެސް ވަނީ ސާބިތުވެފަ އެވެ. މި މައްސަލައިގައި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު ވެސް ހިމެނެ އެވެ. އެކަމަކު އެ މައްސަލަ ޖޭއެސްސީ އިން ބަލަން ފެށުމުން ސަމީރު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.