ވާހަކަ

އީޝަލް

(15 ޖެނުއަރީ 2019 އާ ގުޅޭ)

"ކޮންމެވެސް ކަމެއްވެއްޖެ" ފަސްގަނޑުގައި ފައި ޖެހުމާއެކު އީޝަލްއަށް ލިބުނީ ހާސްކަމެކެވެ. ހައިރާންކަމާއެކު ރައުލް ބަލަން ހުރީ އޭނާއަށް ކަމެއްވެއްޖެ ކަމުގެ އިޙްސާސް ނުކުރެވޭތީއެވެ. އެފަދަ ހިލަމެއް ވެސް އޭނާއަށް ނުވެއެވެ. އިތުރު ވާހަކައެއް ނުދެކެވެނީސް ކުއްލިއަކަށް އެމީހުންގެ ކުރިމަތިން ފާޅުވީ ސޭމެސްއާއި ރާވިންއެވެ. އެ ދެ މީހުން ތިބީ އިންތިހާއަށް ކަންބޮޑުވެފައިކަން އެ މޫނުތަކުން ފާޅުވަމުންދިޔައެވެ.

"ތި ދިޔަތަނަކަށް ދިޔައީ ދެ މީހުން އެކުގައިތަ؟" ސޭމެސް ސުވާލުކުރިއެވެ.

"ކިހިނެއްވީ؟" ސޭމެސްއާއި ރާވިންގެ ގާތަށް އަންނަމުން ރައުލް އެއްސެވެ.

"އޭނާގެ ޢާއިލާ މީހުން އެބަ ހޯދާ... ރަށުގައި ނެތްކަން ޒިޔަޒެލްއަށް އެނގި އޭނާގެ ގެއަށް އަހަރެމެން ހާޟިރުކުރީ، ހަތޯރުއާއި ދާރިއުސް އެބަތިބި އެ ގޭގައި، އަހަރެމެން ފޮނުވީ މި ހުރި އަންހެންކުއްޖާ އެނބުރި ގެއަށް ގެނައުމަށް، ރައުލްއަށް އެނގޭތަ ތި ކުރެވޭ ކަމެއް... އަހަރެމެން އެނބުރިދާންވީ ވަގުތު ޖެހިއްޖެ" ސޭމެސްގެ އަޑުގައިވި ހިތްހަމަނުޖެހުން އެތަނުގައި ތިބި އެންމެންނަށް އިޙްސާސްވިއެވެ.

"ރައުލް... އީޝަލް ގޮވައިގެން ހިނގާ، އަހަރެމެން މޫދަށް ފައިބަނިކޮށް ރައުލްގެ ހިލަންވީ، އެހެންވެ މިކޮޅަށް އަންނަން އެނގުނީ، ހިނގާ އަވަހަށް" ރައުލްގެ ކޮނޑުގައި ރާވިން އަތްޖައްސާލިއެވެ.

"އަހަރެންގެ ބައްޕަ އަތުވެއްޖެ" ކަންބޮޑުވުމާއެކު އީޝަލް ބަލާލީ ރައުލްއަށެވެ.

* * * * *

"އެ މީހުން އަތުވެއްޖެ" ޒިޔަޒެލް މިހެން ބުނަންވީއިރު މީކާޢިލް ހިނގައިގަތީ ދޮރުން ނުކުންނާށެވެ. ނަމަވެސް ޒިޔަޒެލް އޭނާ ހުއްޓުވިއެވެ. އެންމެން ގޭތެރެއަށް ވަންނަންދެން މަޑުކުރުމަށް ޒިޔަޒެލް އެންގިއެވެ.

ފެންޑާގައި ކޮޅަށް ހުރި މީކާޢިލް ފެނުމުން އީޝަލްގެ ގަނޑުވިއެވެ. ޖެހިލުންވިވަރުން އަތްފައި ފިނިވެއްޖެއެވެ. ހާސްވީވަރުން ހިތުގެ ހިނގުން އަވަސްވެފައި ވެއެވެ. އިސްއުފުލައި މީކާޢިލްއަށް ބަލާލާކަށް ވެސް އީޝަލްއަކަށް ނުކެރުނެވެ. ކުށްވެރިއަކު ފަދައިން އެންމެންނާ އެކަހެރިކޮށް ހުއްޓުލައިގެން ހުރީއެވެ. ހަތޯރުއާއި ދާރިއުސް ތިބި ދިމާއަށް ރާވިންއާއި ސޭމެސްއާއެކު ރައުލް އައިސް މަޑުކޮށްލިއެވެ. އެ މީހުން ވެސް މީކާޢިލްއާ ބައްދަލުވި މީ ފުރަތަމަ ފަހަރެވެ. ޒިޔަޒެލްއަށްވުރެ ބޮޑަށް އެ އެންމެން ވެސް ތިބީ މީކާޢިލްދެކެ ޖެހިލުންވެއެވެ.

"ތީތަ ރައުލްއަކީ؟" ކުރިން ނުފެންނަ މޫނެއް ފެނުމުން އޭނާއާ ކުރިމަތިލައި މީކާޢިލް ސުވާލުކުރިއެވެ.

"ލައްބަ" ރައުލް ޖެހިލުންވިޔަސް އޭނާ އެ އަސަރުތަކެއް ނުދެއްކިއެވެ. އަނެއްކޮޅުން އީޝަލްގެ ބައްޕައާ ބައްދަލު ކުރަން އޭނާ ނިންމީ މިފަދަ ގޮތަކަށްނޫނެވެ.

"މި ފަސްގަނޑުން ބޭރަށް އީޝަލް ދާންޖެހުނީ ކީއްވެ؟ މޫދަށް ނޭރޭށޭ ނުބުނަންތަ؟" މީކާޢިލް ވާހަކަދެއްކީ އީޝަލްއަށް ބަލާލަމުންނެވެ.

"މީކާޢިލް" ފެންޑާގައި ކުށްވެރިންތަކެއް ފަދައިން ތިބި ކުދިވެރީންނަށް ޒިޔަޒެލް ވަރަށް ރަނގަޅަށް ބަލާލިއެވެ. އަދި އޭނާ އިށީނދެއިން ގޮނޑިން ތެދުވެ މީކާޢިލްގެ ކޮނޑުގައި އެއްއަތުން ހިފަހައްޓާލިއެވެ. އައިސްފައި ހުރި ރުޅިއާއި ހިތްހަމަނުޖެހުމުގެ ސަބަބުން މީކާޢިލްގެ ރުޅި ހަމައިން ނެއްޓުނަ ނުދިނުމަށް ޒިޔަޒެލްކޮށްލި އިޝާރާތެއް ފަދައެވެ.

"އަހަރެން... އަހަރެން ގެންދިޔައީ އީޝަލް... ލޮނުގަނޑަށް އޭނާ ނުފައިބާ" އީޝަލްއަށް ބަލާލާފައި ރައުލް ވާހަކަދެއްކިއެވެ. އެހިނދު އޭނާއާ އަމާޒުވި ޒިޔަޒެލްގެ ނަޒަރުން ވަގުތުން އިސްޖަހާލިއެވެ.

"އަހަރެން އީޝަލްގެ ބައްޕައާއީ ޒިޔަޒެލް ގާތު ވާހަކައެއް ބުނަން ބޭނުން" އިސްޖަހާލައިގެން ހުރެ ރައުލް ބުންޏެވެ. ނަމަވެސް އޭނާ ބުނުމުގެ ކުރީން ޒިޔަޒެލްއަށް އެނގިއްޖެއެވެ. ރައުލްގެ ކޮންމެ ހަރަކާތަކަށް އީޝަލް ބަލާލާއިރު ރައުލްގެ ލޯ ވެސް ހުއްޓެމުން އައީ އީޝަލްއަށެވެ.

"ކަލޭމެން އުޅޭތަނަށް އެނބުރިދޭ... އަހަރެން ކަލޭމެންނަށް މަރުޙަބާކީ މިފަދަ ކަމަކަށް ފުރުޞަތުދޭކަށްނޫން، މި ރަށުގައި ދެން އިތުރު ދުވަހެއް މަޑުކުރާކަށް ހުއްދައެއްނުދެވޭނެ" މީކާޢިލްއަށް ބަލާލާފައި ޒިޔަޒެލް ވާހަކަދެއްކީ ރައުލްއާއެވެ. އޭނާއަށް އެނގޭ ހަޤީޤަތް މީކާޢިލްގެ ކަންފަތާ ހަމައަށް ފޯރައިފިއްޔާ ވާނޭގޮތެއް ޒިޔަޒެލްގެ ހިތަށް ވެސް ސިފަނުކުރެވެއެވެ. ރައުލްއާއި އޭނާއާއެކު އައި ބައިވެރިން ފޮނުވާލަން ޒިޔަޒެލް ބޭނުންވަނީ އެހެންވެއެވެ.

"ޒިޔަޒެލް" އީޝަލް ގޮވާލިއެވެ. މީކާޢިލް ލިބުނީ ހައިރާންކަމެވެ.

"އީޝަލް... ދޭ އެތެރެއަށް، މީ ނިދާފައި އޮންނަންޖެހޭ ވަގުތެއްނޫންތަ؟ ނުދާށޭ، ނުކުރާށޭ ބުނީމަ އީޝަލްއަށް އަޑުނީވެނީ ކީއްވެތަ؟" މީކާޢިލް ހަރުކަށިކަމާއެކު ބުންޏެވެ. އެހިނދު ހުރިހާ މަންޒަރެއް ބަލަން ދުރުގައި އިން ލުގަލްބަންދާ ތެދުވެގެން އައިސް އީޝަލްގެ ގާތުގައި މަޑުކޮށްލިއެވެ. އަދި އޭނާގެ ހެދުމުގައި ދަތްއަޅައި ދަމާލަމުން އެތެރެއަށް ދިއުމަށް އިޝާރާތްކުރިއެވެ. ނުދާން ހުރެފައި ވެސް އީޝަލް ހިނގައިގަތެވެ. ލޮލަށް އޮބައިލުމުގެ ކުރީން އީޝަލް ފަސްއެނބުރި ރައުލްއަށް ބަލާލިއެވެ. އެހިނދު ރައުލް މަޑުމަޑުން ބޯޖަހާލިއެވެ. އެ އިޝާރާތް މީކާޢިލްއަށް ފާހަގަނުވެއެއް ނުދިޔައެވެ. އޭނާ އަވަސްއަވަހަށް އީޝަލްއާއި ރައުލްއަށް ބަލާލިއެވެ.

"ކޮންވާހަކައެއް ކަލޭ އަހަރެން ގާތު ދައްކަން އޮތީ" ރައުލްއާ ކުރިމަތިލައި މީކާޢިލް އެއްސެވެ.

"އެ މީހުން ފޮނުވާލައި، އަހަރެން މަޑުކުރާނަން" ރައުލް ބުންޏެވެ.

"ރައުލް" ރާވިންއާއި ހަތޯރު އެއްފަހަރާ ގޮވާލީ ކަންބޮޑުވެފައި ތިބެއެވެ. ރައުލް ދޫކޮށްލާފައި އެ މީހުން ނުފިލާނަމޭ ބުނާ ފަދައެވެ.

"މީ އަހަރެންގެ ކަމެއް، މިކަމާ ކުރިމަތިލާނީ އަހަރެން، ސޭމެސް... އެ މީހުން ގެންދޭ މިތަނުން، އަހަރެން ބޭނުންވަނީ ޒިޔަޒެލްއާއި އީޝަލްގެ ބައްޕައާ އެކަނިހުރެ ވާހަކަދައްކަން" ރައުލް ބުނި އެއްޗެއް ހަތޯރުއަށް ނުވިސްނުނެވެ. އޭނާ ވަގުތުން ދެކޮޅު ހަދާލިއެވެ. އެހިނދު ދާރިއުސް އޭނާގެ އަތުގައި ހިފިއެވެ. އޭނާގެ އުމުރުން ހަގު ނަމަވެސް އޭނާއަށް ރައުލް ބުނި އެއްޗެއް ވިސްނިއްޖެއެވެ.

"އީޝަލްއާ ގުޅުން ހުރި ކޮންމެކަމަކީ ރައުލް އެކަނި އެކަމަކާ ކުރިމަތިލާންޖެހޭ ކަމެއް، އަހަރެމެންނަށް މިވަގުތު ކޮށްދެވޭނޭ އެއްވެސް ކަމެއްނެތް، އެހެންވެ އަހަރެމެން މިތަނުން ދާން ރައުލް އެ އެދެނީ" ދާރިއުސް ބުންޏެވެ. ރާވިން ވެސް އެކަމާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. އަދި އެކުވެރިޔާއާ ލުއި ހިނިތުންވުމެއް ބަދަލުކޮށްލުމާއެކު ސޭމެސްއާއި އެހެން ބައިވެރިންނާއެކު އެ މީހުން ދިއުމަށް ހިނގައިގަތެވެ. ޒިޔަޒެލްއާއި މީކާޢިލް ވެސް އެ މީހުން ހުއްޓުވާކަށް މަސައްކަތެއް ނުކުރިއެވެ.

"އަހަރެމެން ކޮށްފާނޭ ކަމަކާމެދު ކަލޭ ޖެހިލުމެއްނުވޭތަ؟ އެމީހުން ތިބިނަމަ އަހަރެމެންގެ ގާތުން ކަލޭ ސަލާމަތްވުމުގެ ފުރުޞަތު ބޮޑުވީސް" ޒިޔަޒެލް ބުންޏެވެ. މިފަދަ ވަގުތެއް ވެސް ޒިޔަޒެލް ސަމާސާ ކުރަނީބާއޭ މީކާޢިލްގެ ހިތަށް އެރިއެވެ. ރައުލް ވެސް ފެނުނީ ލުއި ހިނިތުންވުމެއް ޒިޔަޒެލްއާ ބަދަލުކޮށްލި ތަނެވެ.

"އެ މީހުން ތިއްބަސް ދެން އަހަރެން ސަލާމަތެއްނުވާނެ" ރައުލް ބުންޏެވެ.

"ކަލޭ މިރަށަށް ފޮނުވީ ކާކު؟ އީޝަލްގެ ޚަބަރު ލިބިގެންތަ ތިއައީ" ނުރުހުންތެރިކަމާއެކު މީކާޢިލް ބުންޏެވެ.

"މިކަމުގައި ރޭވުމެއްނުވޭ، އޮޅުވައިލުމާއި ނުބައި ގަސްދެއް ވެސް ނުވޭ... އަހަރެންނަށް... އަހަރެންނަށް އީޝަލް ކަމުދިޔައީ، އަދި އޭނާއަށް ވެސް"

"ކަލޭ އަހަރެންގެ ދަރިފުޅުގެ ގައިގާ އަތްލީ..." ރައުލްގެ ވާހަކަ ނުނިމެނީސް މީކާޢިލް ހަޅޭލަވައިގަތެވެ. މުޅި މާޙައުލު އެ އަޑަށް ސިހިގެންދިޔަ ފަދައެވެ. މީކާޢިލްގެ ވާހަކަ ހުއްޓުވުމަށް ރައުލް ވާހަކަދައްކަން ފެށިއެވެ.

"ނޫން... ނޫން... ތި ހީކުރާ ފަދަ އެއްވެސް ކަމެއް އަހަރެމެންގެ ދެމެދު ނުހިނގާ، އާދަކާދައާއި ސަޤާފަތް ތަފާތުކަން އެނގޭ... އީޝަލް ހިބަނުކުރެވެނީސް އޭނާއާ އެފަދަ ގާތްކަމެއް ނުބާއްވާނަން، އަހަރެން... ބޭނުންވަނީ... ބޭނުންވަނީ މުޅިއުމުރަށް އީޝަލްއާ ގުޅެން، ޚުދު އަހަންނަށް ވެސް ޤަބޫލެއްނުކުރެވޭ އަހަންނަށް އީޝަލް އެހާ ކަމުގޮސްދާނެކަމަށް، އެކަމަކު އޭނާއާނުލާ ދެން އަހަރެން ދިރިއުޅުން ފުރިހަމައެއްނުވާނެ، ތީ އޭނާގެ ބައްޕައާއި ބޮޑުބޭބެ... ކަލޭމެންގެ ރުހުން ހޯދުމަށް އަހަރެން ކޮންމެކަމެއް ވެސް ކުރާނަންކަމަށް އީޝަލްއަށް ވަޢުދުވިން، އޭނާ ދެރަވާވަރުކަމެއް އަހަރެން ނުކުރާނަން، އަހަންނަށް އެނގޭ އީޝަލްއަކީ ކިހާ ޚާއްޞަކުއްޖެއްކަން، އަހަރެން އަބަދުވެސް ޤަބޫލުކުރަނީ އިންސާނުންނާއި އަހަރެމެން މަސްހުނިވުމެއްނެތްކަމުގައި، އެކަމަކު އީޝަލްގެ ހަޤީޤަތް އެނގުމުން ވެސް އަހަންނަށް މި ހިތުގައި އުފެދުނު ޖަޒުބާތުތަކުގެ މައްޗަށް ނަފުރަތެއް ނުކުރެވުނު، އެއަށްވުރެ ބޮޑަށް އަހަރެންގެ ހިތްވަނީ އޭނާ ބަލައިގެންފައި، މިހާރު ޚުދު އަހަރެން ވެސް ބޭނުންވޭ އޭނާ ރައްކާތެރިކުރާނަން، އޭނާއަށް ޓަކައި އަހަރެންގެ ފުރާނަ ދޭން ޖެހުނަސް ފަރުވާލެއްނެތް" ރައުލްގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައީ މީކާޢިލްއާއި ޒިޔަޒެލް ކަންތައްކުރާނޭ ގޮތެއް ނޭނގޭތީއެވެ. އެހެންވިޔަސް އޭނާ ބުނަން ބޭނުންވި ވާހަކަތައް ހާމަކުރިއެވެ.

މީކާޢިލްގެ މޫނުމަތިން ފައުޅުވަމުންދިޔަ ރުޅިވެރިކަމުގެ އަސަރު ފިލައިގެންދިޔަ ހިނދު އޭނާ މޫނު އަނބުރާލިއެވެ. އެކަމާ ރައުލް މާޔޫސްވިއެވެ. އޭނާ އީޝަލްދެކެ ލޯބިވާކަން ހާމަކުރުމުން ވެސް އެކަން މީކާޢިލް ޤަބޫލުނުކުރަނީކަމުގައި ރައުލްއަށް ވިސްނުނެވެ.

"ރައުލް... ކަލޭގެ ޢާއިލާއާއެކު އެނބުރި ދޭ، ކަލޭގެ ދިރިއުޅުންވަނީ ކަނޑުގައި" ޒިޔަޒެލް ބުންޏެވެ.

"މި ރަށުތެރޭގައި ޒިޔަޒެލްއާއި މީކާޢިލް ފިޔަވައި ތި ނަސްލުގެ ވަޒަންވެރިއަކު އަހަރެން ނުދެކެން، އަހަރެންގެ ނަސްލު ތަފާތުވުމުން އެކަން ޒިޔަޒެލްއަށް ބަލައިނުގަނެވެންވީ ކީއްވެ" ރައުލް އެއްސެވެ.

"އީޝަލްއަކީ ކޮންމެ ކޮންމެ ޖިންނިއެއްނޫން" ޒިޔަޒެލް ރުންކުރުކޮށް ބުނެލިއެވެ.

"އަހަރެން އޭނާއާ އިތުރު މީހަކާ އެއްވަރެއްނުކުރަން، އަހަރެން މިދައްކަނީ އަހަރެންގެ ލޮލަށް ފެންނަ މަންޒަރުގެ ވާހަކަ، މިތަނުގައި އެތައް ނަސްލެއް ހަމަޖެހިގެން ދިރިއުޅެމުންދަނީ، އަހަންނާއި އީޝަލް އަހަރެމެންގެ ފަރަގު އެއްފަރާތްކޮށް އެކުގައިއުޅެން ބޭނުންވުމުން ނަސްލުގެ ތަފާތު ހުރަކަށް ޒިޔަޒެލް ދުށީތީ އެކަން އަހަންނަށް ޤަބޫލުކުރަން އުނދަގުލީ، އީޝަލްއަށް އަހަރެން އޮޅުވައެއްނުލަން، އޭނާއަށް ކިޔައިދިނިން އަހަރެން އައީ ކޮންތާކުންކަން، އަހަރެންގެ ޢާއިލާއަކީ ކޮބައިކަން" އީޝަލްއާ ވަކިވާންޖެހިދާނެތީ ރައުލްގެ ހިތް ތެޅިފޮޅެންފެށިއެވެ.

"މިވަގުތަށް ދޭ މިތަނުން" ޒިޔަޒެލްގެ އަޑުގައި މިފަހަރުވީ މަޑުމައިތިރިކަމެވެ. ރައުލް ބަލާލީ މީކާޢިލްއަށެވެ. އޭނާ އެ މީހުންނަށް ފުރަގަސްދިން ގޮތަށް ހުރީއެވެ. ރައުލް ކަންބޮޑުވެ އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ހިނދު ޒިޔަޒެލް އޭނާއަށް ގޮވާލައިފިއެވެ. އަދި ގެއަށް ވަދެގެން ހުރި މައި ދޮރާ ދިމާއަށް އިޝާރާތްކުރިއެވެ. ޒިޔަޒެލް އެ ބުނަނީ މަސްލަހައްތަށް ޓަކައި މިވަގުތު ދާންކަން ރައުލްގެ ޟަމީރު ވިސްނައިދިނީ ދެނެވެ.

"އަހަރެން އީޝަލްއާ ބައްދަލުނުކޮށް މިރަށަކުން ނުފައިބާނަން" ރައުލް މަޑުމަޑުން ބުންޏެވެ. އަދި ވަންދޮރުން ނުކުމެގެން ދިޔައެވެ. އެއާއެކު ޒިޔަޒެލް ފުންނޭވާއެއް ދޫކޮށްލިއެވެ.

ފަތިހު ހަތަރެއް ޖަހައިފިއެވެ. އާރަމްއާ ވަކިވެގެން މީކާޢިލް ގެއަށް އައީ ފަތިހު އެންމެން ހޭލާއިރު އޭނާ ގޭގައި ހުރުމަށެވެ. ނަމަވެސް ގެއަށް އާދެވުމުން ލޯބިވާ ދަރިފުޅު ދެކިނުލާ ނުހުރެވުނީއެވެ. އެހެންވެ އެ ކޮޓަރިއަށް މީކާޢިލް ވަނީ ދަންވަރުގެ އެވަގުތު އެ ކުއްޖާ އޮންނާނީ ނިދާފައިކަން އެނގި ހުރެއެވެ. ތަންމަތި ހުސްކޮށް އޮތުމުން ލިބުނު ސިހުމުން ހިތް ބިރުވެރިކަމުން ފުރިގެންދިޔައެވެ. އެ ދަންވަރު ޒިޔަޒެލް ހޭލައްވަން ޖެހުނީ އެހެންވެއެވެ.

"މީކާޢިލް" ޒިޔަޒެލް ގޮވާލިއެވެ.

"މީ ޒިޔަޒެލް ކުރުވިކަމެއް" މީކާޢިލްގެ އަޑުގައިވި މޮޅިވެރިކަން ޒިޔަޒެލް ހައިރާންކުރުވިއެވެ. އެހެންނަމަވެސް އިތުރު އެއްޗެކޭ ނުބުނެވެނީސް މީކާޢިލް އެތަނުން ހިނގައްޖެއެވެ. ފެންޑާގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި ޒިޔަޒެލް އިށީނީ ފިކުރުބޮޑުވެފައި ހުރެއެވެ.

ކޮޓަރިއަށް ވަދެގެން އައި މީކާޢިލް އެނދުގައި އިށީނެވެ. އިރުކޮޅަކު އިސްޖެހިފައި އިނދެފައި މިޝަލްގެ ނަން ކިޔާލިއެވެ. ރައުލްދެކެ ރުޅި އަންނަން ބޭނުންވިޔަސް އޭނާއަށް މިޝަލްގެ ހަނދާންތައް އުނދަގޫކުރީއެވެ. މިޝަލްއަކީ އިންސާނެއްކަން އެނގި ހުރެ ވެސް އޭނާދެކެ މީކާޢިލްއަށް އިންތިހާއަށް ލޯބިވެވުނެވެ. މޫނުގައި ދެއަތްއަޅައިލުމާއެކު މީކާޢިލް އެނދުގައި އޮށޯތެވެ.

"މިޝަލް... މިވަގުތު އަހަރެން މިޝަލްއަށް ބޭނުންވޭ، ކީއްވެތަ އަހަރެންނާ ދުރަށް ދިޔައީ" މީކާޢިލްއަށް ޝަކުވާކޮށްލެވުނެވެ.

"މިދުވަސް އަތުވެދާނޭކަން އެނގޭ... އެކަމަކު އަހަރެމެންގެ ދަރިފުޅުގެ ހަޔާތުގެ ބައިވެރިއަކަށްވާނީ ކިހާވަރެއްގެ ކާކުކަމާމެދު ނުވިސްނުނު، މިޝަލް... ބުނެބަލަ މިޝަލް... މިޝަލްގެ ޚިޔާލެއް އަހަރެން ބޭނުން، އެއީ އަހަރެމެން ދެ މީހުންގެ ދަރިއެއްނު، މިޝަލްއަށް ކަމުދާނީ މިޝަލް ފަދަ އިންސިއެއްތަ؟ އެ ދަރިފުޅު އަހަރެމެންގެ ދުނިޔެއިން ބައިވެރިއަކު ހޮވުން އެއީ އެކަންވާންވީ ގޮތްތަ؟ އެކަމަކު އެއީ އަހަރެމެންގެ ނަސްލުގެ ތެރެއިންވާ ޖިންނިއެއް ނޫން، އަހަރެމެންގެ ދިރިއުޅުމާއި އެ މީހުންގެ ދިރިއުޅުން ތަފާތު، އަހަރެން މިޝަލްދެކެ ވީ ފަދަ ލޯތްބެއް އޭނާ އަހަރެމެންގެ ދަރިފުޅުދެކެ ވެދާނެތަ، އޭނާގެ ޢާއިލާއަށް އީޝަލްއަކީ މިޝަލްގެ ދަރިއެއްކަން އެނގުމުން އެ މީހުން އަހަރެމެންގެ ދަރިފުޅު ޤަބޫލުކުރާނެތަ؟.... އީޝަލްއަކީ އަހަރެމެން ދެ މީހުން އެކަކުއަނެކަކުދެކެ ވީ ފުރިހަމަ ލޯބި" މޫނުފޮރުވަލައިގެން މީކާޢިލް އޮތެއްކަމަކު އޭނާގެ ދެ ލޮލުގެ ހިމަކޮޅުން ކަރުނަ ފާޅުވެއްޖެއެވެ. އިރުކޮޅަކު ހިމޭންވެފައި މީކާޢިލް އޮތުމަށްފަހު ތެދުވިއެވެ. މަޑުމަޑުން އައިސް ކޮޓަރީގެ ކަނެއްގައި ހުރި އަލަމާރި ހުޅުވާލިއެވެ. އޭގައި އޮތް އުޅައެއް އޭނާ ނެގިއެވެ. އަދިވެސް އެ ހިތާއި ސިކުނޑީގައިވަނީ މިޝަލްގެ ހަނދާންތަކެވެ. އަތުގައި އޮތް އުޅައަށް މީކާޢިލް ބަލަން ހުއްޓެވެ. އެއީ ޖިންނީންގެ ފަރާތުން ރައްކާތެރިކުރުމަށް މިޝަލްގެ އަތުގައި މީކާޢިލް އެޅުވި އުޅައެކެވެ. އޭނާ އީޝަލްއާމެދު ވެސް ކަންބޮޑުވަނީ އެހެންވެއެވެ. ޖިންނީން އީޝަލްގެ ހަޤީޤަތް އެނގި އޭނާގެ މައްޗަށް އަނިޔާވެރި ނުބައި ރޭވުންތައް ރާވަފާނެތީއެވެ. އޭނާގެ އަތުން އެ ދަރިފުޅު ގެއްލިދާނެތީއެވެ. އަތުގައި އޮތް އުޅާ ގެނެސް މީކާޢިލްގެ ތުންފަތުގައި ޖައްސާލިއެވެ. މަރާލެވުނު ދެ ލޮލުގެ ކުރިމަތިން އޭނާ މިޝަލްގެ ސޫރަ ސިފަކުރިއެވެ.

ދޮރުމަތީ އިން ލުގަލްބަންދާ އީޝަލްއަށް ގޮވާލީ ކޮޓަރި ތެރެއިން އީޝަލް ރޯއަޑުއިވިގެންނެވެ. އީޝަލް އެ ކުރި ކަމަކުން ލުގަލްބަންދާ ވެސް ހުރީ ނުރުހިފައެވެ. އެހެންނަމަވެސް އީޝަލްގެ ރުއިމުގެ އަޑުކަން އެ އިވެނީ ޔަގީންވުމާއެކު އޭނާގެ ހިތަށް އިތުރު ތަކުލީފެއް ލިބިއްޖެއެވެ.

(ނުނިމޭ)