ޖަލުތަކުގެ ހާލަތު ދެނެގަތުމަށް ހޯމް މިނިސްޓްރީން އެކުލަވާލާފައިވާ ޕްރިޒަންސް އޮޑިޓް ކޮމިޝަނުން ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ބައްދަލުކޮށްފި އެވެ.
ޕްރިޒަންސް އޮޑިޓް ކޮމިޝަނަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވާކަން ހާމަ ކުރުމަށް އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ މިހާތަނަށް އެ ކޮމިޝަނުން ކޮށްފައިވާ މަސައްކަތް ތަކުގެ ތަފްސީލު ހިއްސާކޮށްފަ އެވެ. އެގޮތުން އެ ކޮމިޝަންގެ ފަރާތުން ވަނީ ޖަލުގައި ހުކުމް ތަންފީޒުކޮށްފައިވާ ދައުލަތުގެ މަތީ މަގާމްތަށް ފުރުއްވާފައިވާ ފަރާތްތަކާއި ބައްދަލުކުރުމަށް ނިންމާފައިކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އެގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދުއާ ބައްދަލުކޮށް ޖަލުތަކުގެ ބަންދުގައި ހުރި މުއްދަތުގައި ތަހައްމަލްކުރަންޖެހުނު ކަންތައްތަކާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުވާފައިވާ ކަމަށާއި، އަދި ކުރިއަށް އޮތްތަނުގައިވެސް އެފަދަ ބައެއް އެހެން ފަރާތްތަކާއި ބައްދަލުކޮށް ޖަލުތަކުގެ ބަންދުގައި ހޭދަކުރި މުއްދަތުގައި ކަންކަން ހިނގާދިޔަގޮތް ވަޒަންކުރުމަށް މަސައްކަތްތަކެއްވަނީ ރާވާފައި ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ޖަލުތައް އޮޑިޓް ކުރާ ކޮމިޝަނުން ބައްދަލުކޮށްފައިވާއިރު، ނިމިދިޔަ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރު ފާހަގަ ކުރެވެނީ އެންމެ ގިނަ ސިޔާސީ ބޭފުޅުން ޖަލުތަކުގައި ބަންދު ކުރެވުނު ވެރިކަމުގެ ގޮތުގަ އެވެ. އެގޮތުން ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މައުމޫން އަބުދުލް ގައްޔޫމާއި، ރައިސް މުހައްމަދު ނަޝީދާއި، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި، ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ކަަމަވާ، ކާނަލް މުހައްމަދު ނާޒިމާއި، ތޮލްހަތު އިބްރާހިމް ކަލޭފާނާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހުމަދު ނާޒިމް އާއި، ސުޕުރީމްކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި، މި ނޫންވެސް ގިނަ އަދަދެއްގެ މަޖިިލިސް މެމްބަރުން ފާހަގަކޮށްލެވެ އެވެ.