ހަބަރު

ކޮންގްރެސް ޕާޓީއިން އަދުރޭ ފޮނަދޫ ދާއިރާއަށް ނިކުންނަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދާ އާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަޖިލިސް އިންތިހާބަށް ނިކުންނަން ނިންމާފައިވާކަން މުއައްސިސް އަބްދުއްރަހީމް އަބްދުﷲ، އަދުރޭ ވިދާޅުވެއްޖެ އެވެ.

އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ރައީސް ޔާމީންގެ ތާއީދާއެކު ހައްދުންމަތީ ފޮނަދޫ ދާއިރާއަށް ކުރިމަތިލާން ނިންމާފައިވާ ކަމަށެވެ.

އަދުރޭ އަކީ މިހާރުވެސް ފޮނަދޫ ދާއިރާގެ މެންބަރެވެ. އޭނާ ޕީޕީއެމްގައި ހުންނެވިއިރު، އެޕާޓީން ވަނީ އަންނަ މަޖިލިސް އިންތިހާބަށް ޓިކެޓް ދެއްވާފަ އެވެ. ނަމަވެސް އޭރު ފޮނަދޫ ދާއިރާއަށް ކުރިމަތިލާން އޭނާ ނިންމާފައިނުވާ ކަމަށް "އަވަސް ހުކުރު" ޕްރޮގްރާމްގައި އޭރު އޭނާ ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ. އަދި މި މަހުގެ ތެރޭގައި މަޖިލީހަށް ކުރިމަތި ލުމަށް ހުޅުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ.