ދުނިޔެ

ދުނިޔެއިން ކޮފީ ހުސްވުމުގެ ބިރު ބޮޑު!

Jan 18, 2019
1

ދުނިޔޭގައި ހެދޭ 124 ތަފާތު ބާވަތުގެ ކޮފީ ގަހުގެ ތެރެއިން 60 ޕަސެންޓް ގަސް ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް އެކަމަށް ހެދި އެންމެ ފުރަތަމަ ދިރާސާއިން ހާމަވެއްޖެ އެވެ.

އެ ދިރާސާގައި ބުނެފައިވާ ގޮތުން، ޖަންގަލިތަކުގައި ގުދުރަތީ ގޮތުން ހެދޭ 100 އަށްވުރެ ގިނަ ބާވަތުގެ ކޮފީގެ ތެރެއިން ދެ ވައްތަރެއްގެ ކޮފީއަކީ އަހަރެމެން ބޯން މި ބޭނުންކުރާ ކޮފީ އެވެ. ނަމަވެސް، 60 ޕަސަންޓްގެ ގަސްތައް ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ވުމަކީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައި ސައިންސްވެރިން ވަނީ ބުނެފަ އެވެ.

ދުނިޔޭގައި ކޮފީ އުފެއްދުމަށް ގުދުރަތީ ގޮތުން ހެދެމުންދާ ގަސްތަކުގެ ރޯލު ބޮޑު އިރު، އެފަދަ ގަސްތައް ނެތިގެން ގޮސްފިނަމަ، މިހާރުގެ ދުނިޔޭގެ ކޮފީ ސަޕްލައިއަށް ވަރަށް ބޮޑަށް އަސަރުކުރާނެކަމަށް ތަޖުރިބާކާރުން އިންޒާރުދީފައިވެ އެވެ.

ގުދުރަތީ ގޮތުން ހެދޭ ކޮފީ މުހިންމު ވަނީ ކީއްވެ؟

ކޮންމެ ދުވަހަކު އެތަކެއް ތަށި ކޮފީ ބޯ މީހުންނަށް ވެސް ނޭނގޭ ކަމަކީ، އެ ކޮފީ އަކީ ހަމައެކަނި ދެ ބާވަތެއްގެ ކޮފީ ގަހުން ލިބޭ ކޮފީކަމެވެ. އެންމެ އާދައިގެ ކޮފީ އިން ފެށިގެން، އެންމެ މޮޅު ބްލެންޑުގައި ވެސް އުފައްދަނީ "ކޮފިއާ އެރެބިކާ" އާއި ކޮފިއާ ރޯބަސްޓާ" ދެ ގަހުންނެވެ.

އެ ދިރާސާގައި އިތުރަށް ބުނެފައިވަނީ، ކޮފީ ގަސްތައް ހިމާޔަތް ކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް އެކަށީގެނެއް ނުވެ އެވެ. އަދި އަމިއްލައަށް ހެދޭ ގަސްތަކުގެ 28 ޕަސަންޓު ހެދިފައިވަނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ބޭރުގަ އެވެ. އޭގެ ތެރެއިން ދެ ބައިކުޅަ އެއްބައި ގަސްތަކުގެ އޮށްތައް ރައްކާ ކުރެވިފައިނުވެ އެވެ.

ޖަންގިލަތަކުގައި އަމިއްލައަށް ހެދޭ ކޮފީ ގަސްތަކުގެ ގިނަ ބާވަތްތަކަކީ ބޯން އެންމެ ރަހަމީރު ކޮފީ ނޫންކަމުގައި ވިޔަސް، މޫސުމަށް އަންނަ ބަދަލުތަކާއި ގަސްތަކަށް ޖެހޭ ބަލިތަކުގެ ސަބަބުން، މުސްތަގުބަލުގައި ދުނިޔޭގެ ކޮފީ ސަޕްލައިއަށް އެފަދަ ގަސްތައް ނުހަނު ބޭނުންތެރިވެދާނެ ކަމަށް ވެސް އެ ދިރާސާގައި ވަނީ ބުނެފަ އެވެ.