އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލާން ފަށައިފި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށްޓަކައި އެ ޕާޓީން ބާއްވާ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މުޅި ރާއްޖޭގައި އާއި ރާއްޖެއިން ބޭރުގެ ބައެއް ގައިމުތަކުގައި ފަށައިފި އެވެ. -- ބޭރުގައި އެމްޑީޕީގެ ޕްރައިމަރީ ކުރިޔަށްދަނީ އިންޑިއާ އާއި ސްރީލަންކާ އަދި މެލޭޝިއާ އެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފަށާފައިވަނީ މެންދުރު 2:30 ގަ އެވެ. ވޯޓުލުން ބަންދުވާނީ މިރޭ 8:30 އަށެވެ. އެމްޑީޕީން ވަނީ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 86 ދާއިރާއަކަށް ކުރިމަތިލާން ނިންމާފަ އެވެ. ރަށް ރަށުގައި ވޯޓުުލުން ކުރިޔަށް ދާނީ ކޮންމެ ރަށަކުން ވެސް އެ ޕާޓީއަށް ހުއްދަ ލިބިފައިވާ ސުކޫލުތަކުގަ އެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބާއްވާ އެތެރޭގެ އެންމެ ބޮޑު އިންތިހާބު އެމްޑީޕީން ފަށާފައިވާއިރު، އެ އިންތިހާބުގައި 280 ކެންޑިޑޭޓަކު ވާދަ ކުރާނެ އެވެ. އެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 86،091 މީހުންނަށް ލިބިފައިވާ ކަމަށާއި، މުޅި ރާއްޖޭގައި އެ އިންތިހާބާއި ގުޅިގެން 270 ވޯޓު ފޮށި ބަހައްޓާފައިވާނެ އެމްޑީޕީން ވަނީ ބުނެފަ އެވެ.

މާލޭގައި ބަހައްޓާ ވޯޓު ފޮށިތައް ބަހައްޓަން ހަމަޖެހިފައިވަނީ މައްޗަންގޯޅި ހުރިހާ ދާއިރާތަކާއި، މ، ފ، ދ އަތޮޅުގެ ދާއިރާތަކުގެ މަދުރަސަތުލް އަރަބިއްޔާގަ އެވެ. އަދި ގއ. އާއި ގދ. އާއި ވ އަތޮޅުގެ ދާއިރާތައް އަމީނިއްޔާ ސްކޫލުގަ އެވެ.

ހއ. ހދ، ށ. އަދި ނ އަތޮޅުގެ ދާއިރާތައް އިސްކަންދަރު ސްކޫލްގައި، އަދި ގަލޮޅު ދެކުނާއި ރ ބ، ޅ އަތޮޅުގެ ދާއިރާތައް އިމާދުއްދީން ސްކޫލްގަ އެވެ. ހެންވޭރުގެ ހުރިހާ ދާއިރާތަކާއި، ތ. ލ އަތޮޅުގެ ދާއިރާތައް ކަލާފާނު ސްކޫލްގައި، އަދި މާފަންނު ހުރިހާ ދާއިރާތަކާއި، ޏ ކ އަތޮޅުގެ ދާއިރާތައް ހިރިޔާ ސުކޫލުގަ އެވެ. ވިލިމާލޭގައި ވޯޓުލުން މުހިއްދީން ސްކޫލްގައި ބާއްވާއިރު، ހުޅުމާލޭގެ ވޯޓުލުން އޮންނާނީ ރެހެންދި ސްކޫލްގަ އެވެ. އަދި އައްޑޫ ހުރިހާ ދާއިރާތަކާއި، އއ، އދ އަތޮޅުގެ ދާއިރާތަކުގެ ވޯޓުލުން އޮންނާނީ ތާޖުއްދީން ސްކޫލްގަ އެވެ.

ޕްރައިމަރީއަކާއި ނުލާ 10 ފަރާތެއް އިންތިހާބަށް ހޮވިފައިވާއިރު، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދާއި، ޗެއާޕާސަން ހަސަން ލަތީފުގެ އިތުރުންވެސް ލީޑާރޝިޕުގެ ބައެއް ބޭފުޅުންނާއި، މިހާރު ވެސް މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރާ މެމްބަރުން ވާދަ ކުރެއެވެ.