ހަބަރު

އިލްހާމް އުނގޫފާރު ދާއިރާއަށް ކުރިމަތިލާން ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އުނގޫފާރު ދާއިރާއަަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.

އިލްހާމް މިހާރު ވަނީ އުނގޫފާރު ދާއިރާއަށް ކުރިމަތިލައްވަން ޖުމްހޫރީ ޕާޓީގެ ޓިކެޓް ހޯދަން ހުށަހަޅުއްވާފަ އެވެ. އިލްހާމް އެންމެ ފުރަތަމަ މަޖިލީހަށް ވަޑައިގެންފައިވަނީ އިލްހާމުގެ އުފަން ދާއިރާ ކަމުގައިވާ، ގެމަނަފުށީ ދާއިރާއިންނެވެ. އޭގެ ފަހުން ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ދަނގެތީ ދާއިރާއަށް ވާދަކުރައްވައި އެ ދާއިރާ ކާމިޔާބު ކުރެއްވި އެވެ.

އިލްހާމް ވަނީ ފަހުން ޕީޕީއެމްއަށް ބަދަލުވެވަޑައިގެން ރައީސް ޔާމީންގެ އަރިހުގައިވެސް މަސައްކަތް ކުރައްވާފަ އެވެ. އެހެން ނަމަވެސް އެ ސަރުކާރުގެ އަނިޔާވެރިކަން ބޮޑުވެފައިވާ ކަމަށް ވިދާޅުވެ ޕީޕީއެމްއާ ދެކޮޅަށް މަސައްކަތް ކުރަން އޭރު ނިކުމެވަޑައިގެންނެވި 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެން، އިލްހާމް ވަނީ ޖަލުގައި ވެސް ގިނަ ދުވަސްތަކެއް ހޭދަ ކުރައްވާފަ އެވެ.

އުނގޫފާރު ދާއިރާއަށް އިލްހާމް ކުރިމަތިލައްވަން ނިންމަވާފައިވާ އިރު، އެ ދާއިރާ މިހާރު މަޖިލީހުގައި ތަމްސީލު ކުރައްވަމުން ގެންދަވަނީ ޕީޕީއެމްގެ ޖައުފަރު ދާއޫދެވެ. އިލްހާމް ވަނީ މީގެ ކުރިން ޖޭޕީގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާފައެވެ. އަދި ޕީޕީއެމާއި ޑީއާރުޕީގެ ނާއިބު ލީޑަރުގެ މަގާމު ވެސް އޭނަ ވަނީ އަދާކުރައްވާފައެވެ. މީގެ އިތުރުން މިވަގުތުވެސް އިލްހާމް ހުންނެވީ ޖެޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރެއްގެ ގޮތުގަ އެވެ.