އަންނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރަށް އެއްބާރުލުން ދޭނެ މެޖޯރިޓީއެއް ލިބުމުން ވަރަށް މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް އެހެން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ދެއްވުމަށްފަހު އެވެ.
އިމާދުއްދީން ސްކޫލްގައި ހުރި ހިންނަވަރު ވޯޓު ފޮއްޓަށް ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ބޭނުން ވަނީ ވައުދުތައް ފުއްދަން އެއްބާރުލުން ދޭނެ މެޖޯރިޓީއެއް ކަމަށެވެ. ސަރުކާރަށް ތާއިދުކުރާ މަޖިލީހެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ވައުދުތައް ފުއްދަން އެމްޑީޕީއިން އެއްބާރުލުން ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ސަރުކާރަށް ތާއިދު ކުރާ މަޖިލީހެއް އޮތުން މުހިންމު ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެ މެޖޯރިޓީ ލިބެން ޖެހެނީ ސީދާ އެމްޑީޕީއަށް ކަމަށް ވިދާޅުވެއް ނުވެ އެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ސަރުކާރު ދެމެހެއްޓުމަށް އެމްޑީޕީއަށް މެޖޯރިޓީ ލިބުމުގެ މުހިންމުކަން ފާޅު ކުރައްވަމުންނެވެ. އެކަމާ ޖުމްހޫރީ ޕާޓީ ވަރަށް ބޮޑަށް ވަނީ ހިތްހަމަނުޖެހިފަ އެވެ. އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ އެއީ ނުރައްކާ ކަމެއް ކަމަށް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ދެކޭ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ކޯލިޝަންގެ އެއްބަސްވުމާ އެއްގޮތަށް ޕާޓީތަކަށް ބަހައިލައިގެން މަޖިލީހުގައި ވާދަކޮށް ކޯލިޝަންއަށް މެޖޯރިޓީ ލިބޭ މަޖިލީހެއް ހޯދުމެވެ. ސަރުކާރު ދަމަހައްޓާނީ ހަމައެކަނި އެމްޑީޕީއިން ނޫން ކަމަށް ވެސް އެ ޕާޓީއިން ބުނެ އެވެ.
ރައީސް ސޯލިހު ވަނީ މީގެކުރިން އެމަނިކުފާނު އިންތިހާބުވެޑައިގެންނެވީ ކޯލިޝަނެއްގެ ތެރެއިން ކަމާއި އެކަން އަބަދުވެސް ހަނދާން ބަހައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.