ހަބަރު

"ރައީސް އިސްވެ، ހަތަރު ލީޑަރުންގެ މަޝްވަރާ ފަށަންޖެހޭ"

Jan 19, 2019
11

ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްވެ، ކޯލިޝަންގެ ހަތަރު ލީޑަރުންގެ މެދުގައި އަވަސް މަޝްވަރާތަކެއް ބާއްވަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސެއިން އެގޮތަށް ވިދާޅުވީ، އެމްޑީޕީއާ ވަކިވެ، އަންނަ މަޖިލިސް އިންތިހާބަށް ޖުމްހޫރީ ޕާޓީއިން އެހެން ޕާޓީތަކާއެކު ކޯލިޝަނެއް ހަދަން ތައްޔާރަށް އޮތް ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވުމާއި ގުޅިގެނެވެ.

އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ. އުނދަގޫ ކޮންމެ ވަގުތަކު ވެސް ވިސްނުން އިސްކުރަންޖެހޭ ކަމަށެވެ. ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާގުޅޭ ގޮތުން ރައީސް ސޯލިހް އިސްވެ، ލީޑަރުންގެ މެދުގައި އަވަސް މަޝްވަރާތަކެއް ބާއްވަން ޖެހޭ ކަމަށެވެ.

ކޯލިޝަން ޕާޓީތަކުން ސަރުކާރާ ހަވާލުވުމުގެ ކުރިން ވެސް އަދި ވެރިކަމަށް އައުމަށް ފަހުގައި ވެސް އެންމެ ބޮޑު ދެ ޕާޓީ، އެމްޑީޕީ އާއި ޖޭޕީ ދެމެދު ދެބަސްވުންތަކެއް އުޅޭ ކަމުގެ އަޑު ވަނީ ފެތުރިފަ އެވެ. އެކަންތައް ބޮޑުވެ، ދެ ޕާޓީ ރޫޅޭ ހިސާބަށް ދިޔައީ މަޖިލިސް އިންތިހާބުގައި ވާދަ ކުރާނެ ގޮތަކާ މެދު ޕާޓީތަކަށް އެއްބަސް ނުވެވުމުންނެވެ. އަދި އެމްޑީޕީ އިން ހުރިހާ ދާއިރާއަކަށް ވާދަ ކުރަން ނިންމުމުންނެވެ.

ޖޭޕީގެ މެންބަރެއް ކަމަށްވާ އަބްދުލްލަތީފް މުހައްމަދު ވަނީ ނަޝީދަށް މަޖިލިސް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ބިލެއް ވެސް މަޖިލީހަށް ހުށަހަޅާފަ އެވެ. އަދި އޭގެ ސަބަބުން ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕަށް ބުރޫއަރާނެ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ.