އަލީ ހުސައިން

އަނިޔާވެރި ކަމަށް މާފުދިނުމަކީ އަނިޔާއެއް: އަލީ ހުސައިން

އަނިޔާވެރި ކަމަށް މާފުދިނުމަކީވެސް އަނިޔާއެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ދެއްކެވި ވާހަކަތަކަށް ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން ރައްދު ދެއްވައިފި އެވެ.

އިއްޔެ އެމްޑީޕީ ހަރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލްވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ އިންތިގާލީ އިންސާފުގެ ގާނޫނު ތަސްދީގު ކުރެއްވުމާއެކު އުފެއްދެވި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން އަނިޔާތައް ދެނެގަނެ އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި އެ އޮފީހަށް ހައްލު ހޯދާ ނުދެވޭ މައްސަލަތަކުގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށެވެ. މީގެ އިތުރުން އެކި މައްސަލަތަކާއި ގުޅިގެން ބަދަލު ދިނުމާއި އެ ނޫން ކަންކަން ވެސް ހިނގާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެ ބިލްގެ ބޭނުމަކީ ރައްޔިތުން ސުލްހަ ކުރުން ކަމަށެވެ. އަދި އަނިޔާވެރިވި މީހާއާއި އަނިޔާ ލިބުނު މީހާ ބައްދަލްވެ އެކަކު އަނެކަކަށް މައާފު ކުރުމެވެ. އަދި އަނިޔާކުރި މީހާ އެކަމަށް އެއްބަސްވުމެވެ.

"މީހަކު ޖަހާފައި އޮތީ އެހެން މީހެއްގެ ގައިގައި. ފުރަގަހަށް ބިޑިއަޅާ ރުކެއްގައި ބަދެ، ގަޔަށް ހަކުރު އަޅާ އޭނާ އެތާނގައި ތިން ދުވަސް ވަންދެން ހިނި އަރުވަން ބަހައްޓާފައި ހުރީމާ އޭނާގެ ލޮލަށް ހިނައަރާ އޭނާ ހުރީ ލޮލުގެ ފެނުން ގެއްލިފައި. އޭނާ އެބަ ބުނޭ އޭނާއަށް މިކަން ކުރީ އެވެނި މިވެނި މީހެކޭ. މި ބިލްގައި މި ބުނަނީ އެކަން ކުރި މީހާ އައިސް ބުނާށޭ އާންއެކޭ ތިމަންނާއޭ ކުރީ. އެއީ ތިމަންނާއަށް ކުރެވުނު ގޯސްކަމެކޭ، ތިމަންނާއަށް މައާފުކުރާށޭ. އަޅުގަނޑުމެން ބޭނުންވަނީ އެ ރުކުގައި ބަނދެފައި ހުރި ކުއްޖާއާއި މީނާއާ ބައްދަލްކޮށް ސުލްހަކޮށް ދިނުން،"

ބިލްގެ ހަގީގީ ބޭނުމަކީ އެއީ ނަމަވެސް އަނިޔާވެރިއަކު އަނިޔާ ކުރުމަށްފަހު އެކަމަަށް މައާފަށް ނޭދިއްޖެނަމަ ދެން އޮންނާނީ ޖިނާއީ ދައުވަ ފެށުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެފަދަ މީހަކު ޖަލުގައި ހުންނަންވެސް ޖެހޭނެ ކަމަށް ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ރައްޔިތުންގެ މެދުގައި އޮތް ރުޅިވެރިކަން ފިލާ ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"މައާފަށް ނޭދިއްޖެނަމަ ދެން ޖިނާއީ ދައުވާ ފަށަން އެ ޖެހެނީ. މައާފަށް ނުއެދިއްޖެނަމަ އެމީހާ ޖަލުގައި ހުންނަން އެ ޖެހެނީ،"

އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ އަލީ ހުސައިން ވިދާޅުވީ އަނިޔާ ލިބުނު މީހުންނަށް އިންސާފު ހޯދުމުގެ މަސައްކަތް މި ވެރިކަން ފެށުމާއެކު އޮންނަން ވާނީ ފެށިފައި ކަމަށެވެ. އަދި އަނިޔާވެރި ކަމަށް މާފުދިނުމަކީވެސް އަނިޔާއެއް ކަމަށެވެ. އަލީ ވިދާޅުވީ އަނިޔާވެރިކަން އޮތް އެއްޗަކީ އިންސާފު ކަމަށެވެ.

އިންތިގާލީ އިންސާފުގެ ގާނޫނަކީ ޖަނަވަރީ 1، 1953 އިން ފެށިގެން ނޮވެންބަރު 17، 2018 ގެ ނިޔަލަށް ހިނގައިދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި ތަހުގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ މީހުންނަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ގާނޫނެކެވެ.

އެ ގާނޫނުން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި މީހަކު، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަން ކަމެއް ނިގުޅައިގެންފައިވާނަމަ، އެ އަމަލުތަކަށް ޒިންމާވާ ފަރާތްތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖަވާބުދާރީ ކުރުވައި، އެ މީހުންގެ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު މީހުންނަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުމާއެކު، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތު ކުރެވެ އެވެ.

ބިލްގައި މިހެން އޮތް ނަމަވެސް މިއީ ވަކި މައްސަލަތަކެއް ބެލުމަށް އަމާޒުކޮށް އަދި ބަދަލު ހިފުމުގެ ގޮތުން ފާސްކުރި ބިލެއް ކަަމަށް އިދިކޮޅުން ދެކެއެވެ. އެ ބިލް ބުރާސްފަތި ދުވަހު ރައީސް ސޯލިހް ވަނީ ތަސްދީގު ކުރައްވާފަ އެވެ.