ގެއްލުމުގެ ބަދަލު ހޯދުމުގެ ވިޔަފާރި ވަރަށް ބޮޑުތަނުން ފުޅާވެފައިވާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
މި ސަރުކާރު ވެރިކަމަށް އައި ފަހުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ވަނީ ދީފައެވެ. އަދި އިތުރު ކުންފުނިތަކަށް ފައިސާ ދޭން ޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މިއީ ރޭވުމެއްގެ ތެރެއިން ހިނގާ ބޮޑު ވިޔަފާރިއަކަށް ހަދާފައިވާ ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފަ އެވެ.
ސަރުކާރާއެކު ކުންފުނިތަކުން ހަދާފައިވާ ބައެއް އެއްބަސްވުންތައް އުވާލުމުން، އެއްވެސް މަސައްކަތެއް އަދި އިންވެސްޓްމަންޓެއް ވެސް ނުކޮށް ބޮޑެތި އަދަދުތަކުން ބަދަލު ހޯދަން އެދި ހުށައަޅާފައި ވެއެވެ. އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް މެންބަރު އަލީ ހުސައިން ވިދާޅުވީ ގެއްލުމުގެ ބަދަލު ހޯދުމުގެ ވިޔަފާރި ވަރަށް ބޮޑުތަނުން ފުޅާވަމުން ގޮސް މިހާރު އޮތީ ފުށިދިއްގަރު ފަރަށް އަރާފައި ކަމަށެވެ.
"2025 ގައި ލިބޭނެ ގެއްލުމާއި 2040 ވަނަ އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ގެއްލުން 2020 ގައި އެއްބޮނޑިޔަކަށް ބަނދެފައި ގަނޑުކޮށް ދޭކަށް ނުޖެހޭ،" އަލީ ހުސައިން ވިދާޅުވި އެވެ.
އޭނާ އިޝާރަތް އެ ކުރެއްވީ ފުށިދިއްގަރު ފަޅުގެ އެއްބަސްވުމާ ގުޅިގެން ދެ ބިިލިއަން ރުފިޔާގެ ބަދަލަށް އެދިފައިވާކަން ހާމަވުމާއި ގުޅިގެންނެވެ. އެ އެއްބަސްވުން އުވާލުމުން ޕްރައިމް ކެޕިޓަލްސްއިން ވަނީ ސިންގަޕޫރު އާބިޓްރޭޝަނަށް މައްސަލަ ހުށައަޅާފަ އެވެ. އަދި ދެ ބިލިއަން ރުފިޔާގެ ބަދަލަށް ވަނީ އެދިފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އޮންނަ ހުޅުލޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަދާ ސީޕްލޭން ޓާމިނަލް އޮޕަރޭޓަރުންނަށް ދޫކުރުމާއި ގުޅޭގޮތުން ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، އެ މައްސަލާގައި ސަރުކާރާ ޓީއެމްއޭ އެއްބަސްވާ ރަނގަޅު ގޮތެއް ނުފެނިއްޖެނަމަ އެ ކުންފުންޏަށްވެސް ބަދަލުދޭން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސްއާ ސަރުކާރުން ހަވާލުކުރި ދެ އެއްބަސްވުމެއް ގާނޫނާ ހިލާފަށް ކުރީގެ ސަރުކާރުން އުވާލުމުން ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދީފައިވާ ކަމަށް މިދިޔަ ހަފްތާގައި ފިނޭސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި) އާ ހަވާލުކުރި ދެ އެއްބަސްވުމެއް ގާނޫނާ ހިލާފަށް ކުރީގެ ސަރުކާރުން އުވާލި ކަމަށް ބުނެ މި ސަރުކާރުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދީފައިވަނީ 55 މިލިއަން ޑޮލަރު ނޫން ކަމަށާ އެއަށްވުރެ ގިނަ ފައިސާ ދިންކަން ވަނީ ހާމަވެފައެވެ. މި ސަރުކާރުގެ ފުރަތަމަ އަހަރުވެސް އެތައް ކުންފުންޏަކަށް ބޮޑެތި އަދަދުތަކުން ވަނީ ބަދަލުދީފަ އެވެ.