ސިއްހަތު

ސްޓްރެންތް ޓްރެއިނިން މާ ފައްކާ!

ކަސްރަތު ކުރުމުގައި ސްޓްރެންތް ޓްރެއިނިން ޕްރޮގްރާމަކީ ކާޑިއޯ ކަސްރަތުތަކާއި އެއްވަރު މުހިއްމު ކަމެވެ. ހަމައެކަނި ކާޑިއޯ ކަސްރަތު ކޮށްގެން މީހާގެ ބަރުދަން ލުއި ކުރާ ނަމަ، ކުއްލިއަކަށް މާބޮޑަށް ހަށިގަނޑު ލުއި ކޮށްފިނަމަ ގައިގެ ހަންގަނޑު ދޫވެ އެވެ. ރީތި ބައްޓަމެއްގައި ހުރުމުގެ އިތުރުން ސްޓްރެންތް ޓްރެއިނިން ގެ ސަބަބުން ހަށިގަނޑުގެ މަސްތައް ޓޯންކޮށް ރީތިކޮށްދެއެވެ.

އާއްމުކޮށް މިފަދަ ކަސްރަތުތައް ކުރަނީ ޑަމްބެލްސް އާއި ބާބެލްސް ބޭނުން ކޮށްގެން ކަމުގައި ހީވިއަސް މި ފަދަ ކަސްރަތު ކުރުމަށް ރެސިސްޓަންސް ބޭންޑްސް، މެޑިސިން ބޯލްސް، ސަސްޕެންޝަން ރޯޕްސް އަދި ޖިމް މެޝިން ބޭނުން ކޮށްގެން ކުރެވިދާނެ އެވެ. އަދި މީގެ އިތުރުން މީހާގެ ހަށިގަނޑުގެ ބަރުދަން ބޭނުން ކޮށްގެން ހެދިދާނެ އެވެ.

އެމެރިކާގެ ސެންޓަ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން 2015 ގައި ނެރެފައިވާ ގައިޑްލައިންގައިވާ ގޮތުގެމަތިން ހަފުތާއަކު ދެފަހަރަށްވުރެ ގިނައިން މި ފަދަ ކަސްރަތުކުރަން ޖެހެ އެވެ. އަދި މި ފަދަ ކަސްރަތުތައް ކުރަންވީ ފައި، އުނގަނޑު، ބުރަކަށި، ބަނޑު، މޭމައްޗާއި ކޮނޑާއި އަތުގަ އެވެ. ރާއްޖޭގައި ހިންގާ ބޫޓު ކޭމްޕްތަކުގައި ޓަޔަރާއި ވާ ބޭނުން ކޮށްގެން އަދި ޖިމްތަކުގައި ވެސް މިފަދަ ކަސްރަތުކުރުން މިހާރު ދަނީ އާއްމުވަމުންނެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި ކަސްރަތު ކުރުމުގައި ސްޓްރެންތް ޓްރެއިނިން ނުވަތަ ރެސިސްޓަންސް ޓްރެއިނިންގް، ހަދަންވަނީ ހަމައެކަނި ބޮޑީ ބިލްޑަރުންނާއި ޕްރޮފެޝަނަލް އެތްލީޓުންނެވެ. މިއީ މީހާ ފުޅާކޮށް ބިޔަ ކުރުމަށް ކުރާ ކަސްރަތުތަކެއްގެ ގޮތުގައި އޮންނަނީ ހީވެފަ އެވެ. ބޮޑީ ބިލްޑް ކުރާ މީހުން ހަދަނީ ހާއްސަ ކަސްރަތުތަކެކެވެ. އަދި އެމީހުންނަކީ ވަކި ނިއުޓިރިޝަނަލް ގައިޑްލައިނެއް އޮންނަ ބަޔެކެވެ.

އެހެންނަމަވެސް މިއީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ފިޓްކޮށް ހުރުމަށް އެހީތެރވިދޭ ކަމެކެވެ. އަދި މިއީ ވަކިން ހާއްސަކޮށް ބަރުދަން މާ އިތުރުވެ ފަލަވެފައި މީހުން ނުވަތަ އޮބީސް މީހުންނަށާއި ހިތުގެ ބަލިތަކާއިއާތްރައިޓްސް ފަދަ ބަލިތަށް ހުންނަ މީހުންނަށް ވަކިން މުހިއްމު ކަމެކެވެ.

ސްޓްރެންތް ޓްރެއިނިންގެ ސަބަބުން ސިއްހީ އެތަށް ފައިދާއެއް ކުރެ އެވެ. މީހާގެ ހަށިގަނޑުގެ މަސްތައް ޓޯންވެ ރީތިވުމުގެ އިތުރުން، ސްޓްރެންތް ޓްރެއިނިންގެ ސަބަބުން މީހާ ވަރުގަދަވެ ފިޓް ވެއެވެ. އަދި މިކަމުގެ ސަބަބުން ހަށިގަނޑުގެ ޖޮއިންޓްތަށް އެކި އެކި އިންޖަރީއިން ރައްކާތެރި ކޮށްދެ އެވެ.

އުމުރުން ދުވަސްވެ ގައި ބާރުދެރަވެ މަސްތަކުގެ ބާރުކެނޑެން ދިމާވުން ލަސްކޮށްދީ މީހާ ފްލެކްސިބަލްކޮށް ދެއެވެ. އަދި މިކަމުގެ ސަބަބުން މީހާ އުމުރުން ދުވަސްވީ ކަމުގައި ވިޔަސް އެކަނި ހަރަކާތްތެރިވެ މިނިވަންކަމާއި އެކު އުޅުމަށް ފުރުސަތުދެއެވެ.

ސްޓްރެންތް ޓްރެއިނިން އެހެން ފައިދާއަކަށް ބަލާއިރު މިހާގެ ބަރުދަން މެނޭޖުކުރުމަށާއި، މަސަލް ޓް ފެޓް ރޭޓިއޯ އިތުރުކޮށް ދެއެވެ. އެގޮތުން މަސަލް ބިލްޑްވުމުގެ ސަބަބުން ހަށިގަނޑުގެ ރެސްޓް މޯޑްގައި ގިނަ ކިލޯޖޫލްސް އަންދާލައި ދެއެވެ.

މީގެ އިތުރުން މީހާގެ ހަށިގަނޑުގައި ބުންވަރު އިތުރުކޮށް ފަސޭހައިން ވަރުބަލިވުމުން ދުރުކޮށް ދެއެވެ. ސިއްހީ ފައިދާތަކަށް ބަލާއިރު މިއީ ގައިންގައިން ނާރާބަލިތަށް ކަމުގައިވާ ހަކުރުބަލި، ހިތުގެ ބަލި، އާތްރައިޓިސް، ޑިޕްރެޝަން އަދި އޮބީސިޓީ (އާދަޔާ ހިލާފަށް ފަލަވުން) މީހާ ދުރުކޮށްދޭ ކަމެކެވެ.

މިފަދަ ކަސްރަތު ޕްރޮގްރާމެއް ކުރުމުގައިވެސް ވިސްނަންވީ ހަށިގަނޑުގެ މަސްތައް ރިކަވަރީއަށް ކަސްރަތުނުކޮށް ބައެއް ދުވަސް ދޫކޮށްލުމަށެވެ. އަދި އެއްވެސް ކަސްރަތް ޕްރޮގްރާމެއް ފެށުމުގެ ކުރިން ފިޓްނަސް އިންސްޓްރަކްޓަރެއްގެ ލަފާ ހޯދުމަށެވެ.