ބޭރު ކުޅިވަރު

ލުކާކޫގެ މުހިންމުކަން ސޯލްޝާއީ ހަނދާންކޮށްދީފި

Jan 19, 2019

މެންޗެސްޓާ (ޖެނުއަރީ 19) - ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ އަކީ މެންޗެސްޓާ ޔުނައިޓެޑްގެ ސްކޮޑުގެ މުހިންމު ހިއްސާއެއްކަމަށް ކޯޗު އޮލެ ގަނާ ސޯލްޝާއީ ބުނެފި އެވެ.

ސޯލްޝާއީ ކޯޗުކަމާއި ހަވާލުވި ފަހުން ލީގުގައި ކުޅުނު ހަ މެޗުގައި، 75 މިލިއަން ޕައުންޑަށް ގެނައި ފޯވަޑް ކުޅެފައިވަނީ ޖުމްލަ 74 މިނެއްޓެވެ. ލުކާކޫގެ ބަދަލުގައި، ސޯލްޝާއީ އިސްކަމެއްދީފައިވަނީ ޒުވާން ތިން ފޯވަޑުން ކަމުގައިވާ މާކަސް ރެޝްފާޑު އާއި، ޖެސީ ލިންގާޑުގެ އިތުރުން ފްރާންސްގެ އެންތަނީ މާޝިއަލެވެ.

ނަމަވެސް، މިއަދު ބްރައިޓަން އާއި ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ސޯލްޝާއީ ބުނީ 25 އަހަރުގެ ލުކާކޫ އަކީ ސްކޮޑުގެ ވަރަށް މުހިންމު ހިއްސާއެއް ކަމަށެވެ.

އެލްކްސިސް ސަންޗޭޒުގެ އިތުރުން ވާން މާޓާ ވެސް ތިން ފޯވަޑުންގެ މަގާމަށް ވާދަކުރާއިރު، ސޯލްޝާއީ ބުނީ ފޯވަޑުންގެ މި ވާދަވެރިކަން ފެނިފައި އޭނާއަށް ހަނދާންވަނީ އޭނާ ޔުނައިޓެޑަށް ކުޅުނު ޒަމާން ކަމަށެވެ.

"އަހަރެން ކުޅުނު އިރު، ތިބޭ ހަތަރު ފޯވަޑުން ދެ ޖާގައަށް ވާދަކުރާ، މިހާރު މިތިބީ ހަ ފޯވަޑް ކުޅުންތެރިން ތިން ޖާގައަށް ވާދަކުރާ،" ސޯލްޝާއީ ބުންޏެވެ.

"ބައިވަރު މެޗުތައް އެބަހުރި، އެހެންވީމަ ލިބޭ ފުރުސަތުގެ ބޭނުންހިފުން ކުޅުންތެރިންނަށް އޮތީ."