ބޭރު ކުޅިވަރު

ކޭންގެ ބަދަލުގައި ކުޅުންތެރިއެއް ގެންނާކަށް ޕްރެޝަރެއްނެތް: ޕޮޗެޓީނޯ

Jan 19, 2019

ލަންޑަން (ޖެނުއަރީ 19) - މި މަހުގެ ނިޔަލަށް ޓްރާންސްފާ މުއްދަތު ހަމަވުމުގެ ކުރިން، މިހާރު އަނިޔާގައި ހުރި ފޯވަޑު ހެރީ ކޭންގެ ބަދަލުގައި ކުޅުންތެރިޔަކު ގެނައުމަށް އެއްވެސް ޕްރެޝަރެއްނެތް ކަމަށް، ޓޮޓެންހަމްގެ ކޯޗު މޯރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވި މެޗުގައި ލިބުނު އަނިޔާއެއްގެ ސަބަބުން، އަންނަ މާޗު މަހާއި ހަމައަށް ކޭން އަށް ނުކުޅެވޭނެކަމަށް އެ ކުލަބުން ވަނީ ބުނެފަ އެވެ.

އަދި ކޭން ނެތުމުގެ އަސަރު ޓޮޓެންހަމްގެ ކުޅުމަށް ކުރާނެކަމަށް ޕޮޗެޓީނޯ ވަނީ އެއްބަސްވެފަ އެވެ.

"އެކަމަކު ސްކޮޑުގައި މިހާރު ތިބި ކުޅުންތެރިންނާއި ދެކޭ ގޮތް ބަދަލެއްނުވާނެ،" ކޭން ނެތްތަން ފޫބެއްދުމަށް އެހެން ކުޅުންތެރިއެއް ނުގަންނާނެކަމަށް ދޭހަވާގޮތަށް ޕޮޗެޓީނޯ ބުންޏެވެ.

ޓޮޓެންހަމް މިހާރު ލީގުގައި ތިންވަނާގައި އޮތް ނަމަވެސް، އެއްވަނަގައި އޮތް ލިވަޕޫލާއި ނުވަ ޕޮއިންޓުގެ ފަރަގެއް އެބަ އޮތެވެ.