ވިޔަފާރި

ބައެއް ފުޑްކޯޓުތައް ނުހިންގިގެން އަލުން ބީލަމަށް!

ފޯރީގައި ހުޅުވައިގެން ހިންގަން ފެށި، ހާބަރުގެ ބައެއް ފުޑް ކޯޓުތައް ނުހިންގިގެން ބަންދު ކުރުމުން، އަލުން ބީލަމަށް ލާން ފަށައިފި އެވެ.

އެސްޓީއޯ އިން ގާތްގަނޑަކަށް 30 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އާ ހާބަރު ސަރަހައްދުގައި ތިން ސައިޒެއްގެ ކެފޭ ހަދާފައިވެ އެވެ. އަދި މި ތަންތަނަކީ 960 އަކަފޫޓާއި 1260 އަކަފޫޓު އަދި 660 އަކަފޫޓު އެވެ. މި ސަރަހައްދުގައި 26 ފުޑް ކޯޓެއް ވަނީ ހަދާފަ އެވެ.

"ރާވެރިބޭ ކޮއްތުވެނި" ނަމުގައި މި ތަނުގައި ހިންގަމުންދާ ފުޑްކޯޓުތައް ރާއްޖޭގެ މަޝްހޫރު ބައެއް ރެސްޓޯރެންޓް ތަކުން ބިޑްކޮށްގެން ނަގާފައިވެ އެވެ. ނަމަވެސް މިތަނުން ބައެއް ތަންތަން ތަފާތު އެކި ސަބަބުތަކާ ހުރެ ނުހިންގިގެން ދަނީ ހުސް ކުރަމުންނެވެ.

އެސްޓީއޯއިން މިހާތަނަށް ދެ ފުޑްކޯޓެއް ވަނީ އަލުން ބީލަމަށް ލާފައެވެ. އެގޮތުން އެންމެ ފަހުން އެ ކުންފުނިން ބީލަމަށް ހުޅުވާލި "އެސްޓީއޯ ހާބަރު ފުޑް ކޯޓް ބްލޮކް3" އެވެ. އެތަނަށް ބީލަށް ހުށަހެޅުމުގެ ސުންގަޑިއަކީ ބުދަ ދުވަހެވެ.

ހާބަރު ފުޑްކޯޓުތައް ދޫކުރަނީ އަކަފޫޓެއް 53ރ. އަށެވެ. އަދި މިތަނުން ކޮންމެ ޔުނިޓެއް ކުއްޔަށް ދެނީ ފަސް އަހަރަށެވެ. އަދި މިތަނަށް ތިން މަސް ދުވަހުގެ ކުއްލި އެއް ފަހަރާ ދައްކަން ޖެހެ އެވެ. މިތަންތަނުގެ އަގުތައް އުޅެނީ 50،880ރ. އާއި 66،780ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.