(17 ޖެނުއަރީ 2019 އާ ގުޅޭ)
ދޮރުމަތީ އިން ލުގަލްބަންދާ އީޝަލްއަށް ގޮވާލީ ކޮޓަރި ތެރެއިން އީޝަލް ރޯއަޑުއިވިގެންނެވެ. އީޝަލް އެ ކުރި ކަމަކުން ލުގަލްބަންދާ ވެސް ހުރީ ނުރުހިފައެވެ. އެހެންނަމަވެސް އީޝަލްގެ ރުއިމުގެ އަޑުކަން އެ އިވެނީ ޔަގީންވުމާއެކު އޭނާގެ ހިތަށް އިތުރު ތަކުލީފެއް ލިބިއްޖެއެވެ.
މީކާޢީލްއާއެކު އެނބުރި ގެއަށް އައި މިޒަރެން ހުރީ ފެންޑާގައި އިން ޒިޔަޒެލް ފެންނަ ހިސާބުގައި މަޑުކޮށްލައިގެންނެވެ. ހުރިހާކަމެއް ހިނގީ އޭނާގެ ވެސް ކުރިމަތީއެވެ. ހުރިފިޔަވަޅުމަތީ މަޑުކޮށްލި ގޮތަށް އޭނާ އެ ހުރީ ކަންވީ ގޮތާމެދު ބުނާނޭ އެއްޗެއް ނެތީމައެވެ. އެހެންނޫނަސް ޒިޔަޒެލްއާއި މީކާޢިލްއާ ދެމެދު ހިނގައިދިޔަކަމެއްގައި ބަސްބުނުމުގެ ހައްޤު އޭނާއަށް އޮންނާނޭ ހީނުވާތީއެވެ. އީޝަލްދެކެ ކޮއްކޮއެއް ފަދައިން މިޒަރެން ލޯބިވެއެވެ. އޭނާގެ ރައްކާތެރިކަން އެންމެންނަށް މުހިންމުވާ ފަދައިން މިޒަރެން ވެސް އެކަމަށް އިސްކަންދެއެވެ.
"މިޒަރެން... ދަތުރުގެ ވަރުބަލިކަން އަދިނުފިލާނޭކަން އަހަންނަށް އެނގޭ، ފަތިސް ނަމާދަށް ތެދުވަންވާއިރަށް ދޭ އަރާމުކޮށްލަން" ޒިޔަޒެލް އަޑާއެކު މިޒަރެން އޭނާއަށް ބަލާލިއެވެ.
"އެހާއިރުވަންދެން އަހަރެން ޒިޔަޒެލްއާއެކު މަޑުކޮށްލަ ފާނަން" މިޒަރެން ބުންޏެވެ.
"މިޒަރެން... އަހަރެން ކަލާ ބޮޑުކުރީ މުޅި އުމުރު އަހަރެންގެ އަޅެއްހެން އުޅޭކަށްނޫން" ވަކައިން ވިޔެފައި ހުރި ގޮނޑީގައި އިނދެފައި ޒިޔަޒެލް ކުއްލިއަކަށް ތެދުވެއްޖެއެވެ. މިޒަރެންނާ ކުރިމަތިނުލައި އޭނާ ހުއްޓިލީ ގޭގެ މައިދޮރު ފެންނަ ގޮތަށެވެ.
"އަހަރެންނާމެދު ޒިޔަޒެލް ޢަމަލުކުރީ އަޅުކުއްޖަކާމެދު ކަންތައްކުރާ އުސޫލެއްނޫން، އަހަރެންގެ ތުއްތުއިރުން ފެށިގެން އަހަރެން މިހާރު ފުރިހަމަ ޒުވާނަކަށްވީއިރު ވެސް ދުވަހަކުވެސް ޒިޔަޒެލް އަހަރެންނަށް އަނިޔާއެއް ނުކުރޭ، އަހަރެންގެ ވަފާތެރިކަން އެއީ ޒިޔަޒެލްއަށް އަހަރެންގެ ހިތުގައި ދެވިފައިވާ ބޮޑު ގަދަރާއި ކުލުންވެރިކަމެއްގެ މައްޗަށް އުފެދިފައިވާ ވަރުގަދަ ގުޅުމެއް، މިވަގުތު ތިހުރީ ވަރަށް ބޮޑަށް ފިކުރުބޮޑުވެފައިކަން އަހަރެންނަށް އެނގޭ" ޒިޔަޒެލްއަށް ވެފައި ހުރި ގޮތެއް މިޒަރެންނަށް ވިސްނޭ ކަހަލައެވެ.
"އަހަރެން ހުރަހެއްނާޅާނަން ކަލޭ ދިރިއުޅުމެއް ފަށަން ބޭނުންވިޔަސް، ކަލޭގެ މުޅި އުމުރު އަހަންނަށް ޓަކައި އަހަރެންގެ ޚިދުމަތުގައި ވޭތުކުރާކަށް އަހަރެން ނޭދެން" ދެއަތްއުރާލައިގެން ހުރެ ޒިޔަޒެލް ހާމަކުރީ މިފަހަކަށް އައިސް އޭނާގެ ހިތުގައި އޮތް ޚިޔާލެކެވެ. ނަމަވެސް މިޒަރެން މިފަހަރު އެއްވެސް އެއްޗެއް ނުބުންޏެވެ. އޭނާގެ ހިތުގެ ހާލު ބަޔާންކޮށްފިނަމަ އިތުރަށް ހުރިހާކަމެއް ދާނީ ގޯހުންގޯހަކަށް އޭނާއަށް އެނގެނީއެވެ. ހިތަށް އަރާހާ އެއްޗެއް ދުލުން ހާމަކުރުމުގެ ކުރިން ބުނެވޭ އެއްޗަކުން ނުކުމެދާނެ ނަތީޖާއަކާމެދު ވިސްނަން ޖެހެއެވެ. ބުއްދި ދެއްވީ އެހެންވެއެވެ.
* * * * *
ފިކުރަކަށް ގެއްލިފައި ހުރި ރައުލްގެ ގާތުގައި އައިސް މަޑުކޮށްލީ ރާވިންއެވެ. އޭރު ސޭމެސް ހުރީ ރައުލްގެ ގާތުގައެވެ. އޭނާ ކުރި ސުވާލުގެ ޖަވާބަށް މަޑުކޮށްގެންނެވެ.
"އީޝަލް ގޮވައިގެން ރައުލް ދާން ޖެހުނީ ކީއްވެ؟ އަހަރެމެންގެ ހާޟިރުގައި ރައުލްއަށް ނުދެއްކޭނެ ވާހަކަތަކެއް ހުރީތަ؟ ކީއްވެ؟ އިތުބާރުނުކުރެވެނީތަ؟" ހިމޭންވެފައި ހުރި ރައުލްގެ ކުރިމައްޗަށް ހަތޯރު އެރިއެވެ. އޭނާގެ އަތުގައި ދާރިއުސް ހިފިއެވެ. މިވަގުތު ވާހަކަނުދައްކާށޭ ހަތޯރު ގާތު ދާރިއުސްގެ ހަރަކާތްތަކުން ބުނާ ކަހަލައެވެ.
"އަހަންނަށް އީޝަލް ކަމުދިޔައީ، އަހަރެމެން ދެ މީހުންނަށް އެކަކުއަނެކަކު ކަމުދިޔައީ... އެހެންވެ، މީ އަހަރެން ކުރާ ސަމާސާއެއްނޫން، އާން... ސޭމެސް... އަހަންނަށް އެނގޭ ބައްޕަ އަހަރެންގެ ކައިވެނީގެ ވާހަކަދައްކާކަން، އެކަމަކު އަހަރެން އަމިއްލައަށް ބައިވެރި ޚިޔާރުކޮށްފިއްޔާ އެކަމާ ބައްޕަ ނުގަބޫލުވާނޭހެން ހިޔެއްނުވޭ، އެކަމަކު އޮތީ އެންމެ މައްސަލައެއް، އަހަރެން އެއްވެސް ވަރަކަށް ޚިޔާލެއްނުކުރަން އަހަރެމެންގެ ތެރެއަށް އީޝަލް ގެންދާކަށް.... އެތަނުގައި އަހަންނަށް ނެތް ޤަދަރެއް އަހަރެން ޚިޔާރުކުރާ ބައިވެރިއަކަށް ނޯންނާނޭކަން އެނގޭ، އެތަނުގައި އަހަރެން އިތުބާރުކުރާ އެކަކުވެސް ނެތް" ރައުލް އޭނާގެ ގާތުގައި ތިބި އެންމެންނަށް ބަލާލިއެވެ.
"ބައްޕައަށް އެނގުމެއްނެތި މިކަން ކުރަންތަ ތިއުޅެނީ" ސޭމެސް އެއްސެވެ.
"ކީކޭ އެ މީހުންގެ ގާތުގައި ކިޔާފައި ތިއައީ" ހަތޯރު އަނެއްކާ ވެސް އޭނާ އެނގެން ބޭނުންވި ކަންތައް ތަކުރާރުކޮށްލިއެވެ.
"ބައްޕަ ގާތު ބުނާނަން، އެކަމަކު އީޝަލްގެ ޢާއިލާ މީހުން ޤަބޫލުވެއްޖެއްޔާ... އަހަންނަކަށް ހިޔެއްނުވޭ އެމީހުން އީޝަލްއާއި އަހަރެން ގުޅެން އެއްބަސްވެދާނެހެން، އޭނާގެ ބައްޕަ ވެސް އެ މީހުންގެ ތެރެއިން ބައިވެރިއަކު އީޝަލްއަށް ޚިޔާރުކޮށްފައި ހުރީ ކަމަށްވެދާނެ، އެކަމަކު އަހަރެން ބޭނުން އީޝަލް" ރައުލް ބުންޏެވެ.
"އީޝަލް ގުޅެން ހުރިއްޔާ އަހަރެން ކަލޭމެން ދެ މީހުންނަށް އެއްބާރުލުން ދޭނަން" ރައުލްގެ ކޮނޑުގައި ރާވިން އެއްއަތް ބާއްވާލިއެވެ.
"އީޝަލް ކަހަލަ އާދައިގެ ޖިންނިއެއް ބޭރީތު ޤަބޫލުކުރާނޭހެން އަހަންނަށް ހީނުވަނީ، ފަހަރެއްގައި ވެސް އަހަރެން ލޯތްބާ ދެކޮޅުވަނީކީނޫން" ސޭމެސް ބުންޏެވެ.
"އީޝަލްއަކީ އާދައިގެ ޖިންނިއެއްނޫން، އޭނާ މިތަނުގައި އެކަހެރި ދިރިއުޅުމެއް އެ އުޅެނީ ސަބަބަކާނުލައެއްނޫން، އެމީހުން ކަންބޮޑުވަނީ އެހެންވެކަމަށް ވެސް ވެދާނެ... އަހަރެން އެ މީހުންނަށް ހުރިހާ ހަޤީޤަތެއް ހާމަކުރީ، އަހަރެމެން ދެބައިމީހުންގެ މެދުގައި އަރައިރުމެއް ހިނގާފާނޭތީ އެކަމަށް ފުރުޞަތުދޭން ބޭނުންނުވީ... އަހަރެންގެ ވާހަކަތައް އަޑުއަހާފައި ޒިޔަޒެލްމެންގެ ރައްދު އަންނާނީ ކިހިނެއްކަމެއް ޚުދު އަހަންނަކަށް ވެސް ނޭނގެ، ހަތޯރު... އަހަރެން އިތުބާރުނުކުރަނީކީނޫން، މިބުނާހެން ކަންތައް ވެދާނޭތީ އަހަރެން އެކަނި އެ މީހުންނާ ކުރިމަތިލާން ބޭނުންވީ" ރައުލް އޮޅުންފިލުވައިދިނެވެ.
"އަހަންނަށް ފެންނަނީ އިހަށް އެނބުރިދާން، ބޭރީތުއަށް ވެސް މިކަމުގެ ޚަބަރުދޭން" ސޭމެސް ޚިޔާލުފާޅުކުރިއެވެ.
"ސޭމެސް، ތީ އެންމެ ރަނގަޅު ޚިޔާލަށް ވެދާނޭ އަހަރެންގެ ހިތެއްނުބުނޭ" ދެކެވެމުންދިޔަ ވާހަކަތައް އަޑުއަހަން ހުރެފައި ރާވިން ބުންޏެވެ.
"އީޝަލްއާ ބައްދަލުކޮށްފައިނޫނީ އަހަރެން އެނބުރިއެއް ނުދާނަން" ރައުލް އިއްވާލިއެވެ. އޭނާ ނިންމައިފި ނިންމުމެއް ބަދަލުނުކުރެވޭނޭކަން ދެން ތިބި އެންމެނަށް އެނގެއެވެ.
"ރައުލް" ދާރިއުސް ގޮވާލިއެވެ. އެހިނދު ރައުލް އިޝަރާތްކޮށްލީ ހިމޭންވުމަށެވެ. ކުއްލިއަކަށް ސޭމެސް ކުރިއަށް ނުކުތީ މޫދަށް ކުރިމަތިލައިގެން ހުރެއެވެ. ދެން ތިބި އެންމެންގެ ނަޒަރު ވެސް ލޮނުގަނޑަށް އަމާޒުވިއެވެ. ސޭމެސްގެ ގާތަށް ރައުލް ނުކުތެވެ.
"ކޮންމެވެސް މީހަކު މިދިމާއަށް އެބައާދޭ" ރައުލް ބުންޏެވެ. އަދި ދިޔަރެސް ފަށަށް ރައުލް ފޭބުމާއެކު އޭނާގެ މުލައްދަނޑީގައި ރާވިން އައިސް ހިފެހެއްޓިއެވެ.
"ޔާފިއާ... އެ އަންނަނީ އޭނާ" ރާވިން ނިކަން އަވަހަށް ބުންޏެވެ. ޔާފިއާއަކީ ރާވިންގެ ބައްޕަ ލާވީއާ ދުރުތާ ތިމާގެ މީހެއްގެ ދަރިއެކެވެ. ރާވިންގެ ލޯބިވެރިޔާއެވެ. ދެފަރާތުގެ ޢާއިލާއަށް އެ މީހުންގެ ގުޅުން އޮތީ އެނގިފައެވެ. ކައިވެނީގެ ޙަފުލާ ބާއްވާނޭ ތާރީޚެއް ކަނޑައަޅަން ލާވީ ވަނީ އެދިފައެވެ. ނަމަވެސް އަވަސް މުސްތަޤުބަލެއްގައި ތާރީޚެއް ކަނޑައެޅުން ރާވިން އަދި ޔާފިއާއަށް ވެސް މުހިންމުކަމަކަށް ނުވިއެވެ. ގަނޑުވަރާ ދުރަށް ރައުލްއާއި އޭނާގެ ބައިވެރިން ދަތުރުފެށިއިރު އެ މީހުންނާ ބައިވެރިވާނަން ކަމަށް ޔާފިއާ އޮތީ ރާވިންގެ ގާތުގައި ވަޢުދުވެފައެވެ. ނަމަވެސް އޭނާ އައުން ލަސްވުމުން ރާވިން ހުރީ ޔާފިއާ ދެން ނާންނާނޭކަމަށް ނިންމައިގެންނެވެ.
އޮއްސެމުންދިޔަ ހަނދާއެކު ހަނދުވަރު ދިޔައީ ފަނޑުވަމުންނެވެ. ދުރުދުރަށް ފެތުރިފައި އޮތް ކަނޑުގެ ލޮނުގަނޑު ވެސް އޮތީ ހިމޭންވެފައެވެ. ރައުލްއާއި އޭނާގެ ބައިވެރިން ތިބި ދިމާއަށް ކަނޑުން އެއްޗެއް އަންނަކަމުގެ ހިލަމެއް ނުވެއެވެ. އެހެންނަމަވެސް ރައުލްއާއި އޭނާގެ ބައިވެރިންނަށް އެކަން ސިއްރެއްނުވެއެވެ.
ކުޑަވަގުތުކޮޅެއްގެ ތެރޭ ފަޅުތެރެއިން ރަށާ ވަރަށް ކައިރިން ލޮނުގަނޑުން ބޮލެއް ހިއްލާލިތަން އެންމެންނަށް ފެނުނެވެ. އޭގެ ހިނދުކޮޅެއް ފަހުން ލޮނުގަނޑުގެ ތެރެއިން އަރައިގެން އަންނަ އަންހެން ކުއްޖާގެ މުޅި ހަށިގަނޑު ފާޅުވިއެވެ. ލޫޅާފަތި ހަށިގަނޑެކެވެ. ރާވިންމެންނަށްވުރެ ހަމުގެ ކުލަ އައްޔެވެ. އެހެންނަމަވެސް ލޯ ހުރީ އެ މީހުންނެކޭ އެއްފަދައިން އަޅިނޫކުލައެއްގައެވެ. ބޮލުގެ އިސްތަށިގަނޑު ކަޅުވެފައި ކަނދުރާއާ ހަމައަށް އޮތީ ކުރުކޮށްލާފައެވެ. އަޅާފައި ހުރި ހެދުން ގަޔަށް ބާރުވެފައި ދެކޮނޑު އޮތީ ހާމައަށެވެ. ނިވާކަން ކުޑަ ހެދުމެކެވެ. އުނަގަނޑުގެ ދެއަރިމަތިން ވެސް ހަށިގަނޑު އޮތީ ފެންނާށެވެ. އެ ހެދުމަކީ އެމީހުންގެ ތެރޭގައި ޒުވާން އަންހެންކުދީން އަޅާއުޅޭ ފަދަ ހެދުމެކެވެ. އެހެންވެ އެފަދަ ނިވާކަން ކުޑަ ހެދުމެއްގައި އަންހެންކުއްޖަކު ފެނުމަކީ އެ މީހުންނަށް ބޮޑުކަމެއްނޫނެވެ.
"އަންނަން އެނގިއްޖެ ދޯ" ހިނިތުންވެލައިގެން ހުރެ ފަރި ހިނގުމެއްގައި މޫދުން އަރައިގެން އަންނަ ޔާފިއާއަށް ރާވިން ބުންޏެވެ. އެއާއެކު ތިރީތުންފަތުގައި ދައިގަންނަމުން ބޯއަރިކޮށް ލުއިގޮތަކަށް ޔާފިއާ ހީނލިއެވެ.
"ކޮންމަޝްވަރާއެއްގަ އެންމެން، އަހަރެން ހީކުރީ މިގަޑީގައި ތިބޭނީ ނިދާފައިކަމަށް، އެހެންވެ އެހާ ސިއްރުސިއްރުން މިއައީ" ހިނިތުންވެލައިގެން ހުރި ޔާފިއާ ބުންޏެވެ. އަދި ރާވިންއާ ގާތްވެލައި އޭނާގެ މުލައްދަނޑީގައި ދެއަތުން ހިފާލިއެވެ.
"ޔާފިއާ" ނިކަން ފުޅާ ހިނިތުންވުމަކާއެކު ދާރިއުސް ގޮވާލިއެވެ.
"ދާރިއުސް، މިހިސާބަށް އައިފަހުން ކަލޭ ބޮޑުވެއްޖެހެން ހީވޭ" ދާރިއުސްއަށް ބަލަމުން ޔާފިއާ ހިނިގަނޑެއް ޖަހާލިއެވެ. އެ ސަމާސާގައި ބައިވެރިވުމުގެ ގޮތުން ދާރިއުސް ވެސް ހީނލީއެވެ.
ރައުލް ވަގުތުން ރާވިންއަށް ބަލާލިއެވެ. އަދި މަޑުމަޑުން އޭނާ ހިނގައިގަތީ އެ މީހުންނާ ދުރަށެވެ. ސޭމެސް ހިނގައިގަތުމުން އޭނާގެ ފަހަތުން ހަތޯރުއާއި ދާރިއުސް ވެސް ހިނގައިގަތެވެ. ރައުލް ދިޔަ ދިމާއަށް ޔާފިއާ އިރުކޮޅަކު ބަލަން ހުރެފައި ރާވިންއަށް ބަލާލިއެވެ.
"އަހަރެން ހީކުރީ ގަނޑުވަރާއި ދުރުގައި އުޅޭއިރު އޭނާގެ ޠަބީޢަތަށް ބަދަލެއް އަންނާނޭކަމަށް، އެކަމަކު އެހެނެއްނުވިތާ؟ އަބަދު ހީވާނީ ރުޅިގަދަވެފައި ހުންނަ މީހަކުހެން" ޔާފިއާ ބުންޏެވެ.
"ޔާފީ ތަންކޮޅެއް ކުރިން އައިނަމަ ހުރިހާކަމެއް ފެނުމުގެ ނަސީބު ލިބުނީސް" ޔާފިއާގެ އަތުގައި ހިފައިގެން ހިނގައިގަތް ރާވިން ބުންޏެވެ.
"އެނގޭތަ، ރާވިންގެ ބައްޕަ އަހަންނާ ސުވާލުކުރި ތި މީހުން ދިޔަތަނެއް ނޭނގިގެން، މިހާ ގިނަދުވަހު ގެއާ ދުރުގައި ކުރާކަމެއް އެމީހުން ތިބީ އެނގެން ބޭނުންވެފައި، އަހަރެން ނުބުނަން ދިޔައީ ކޮންދިމާއަކަށްކަމެއް، އަހަންނަށް ހީވަނީ ބޭރީތު ގަސްދުކުރަނީ ރައުލް ހޯދަން ބަޔަކު ފޮނުވަންހެން... ޔަގީނެއްނޫން، ލަސްވީ އެކަމުގެ ޚަބަރު ބަލަން ހަދައިގެން، އެ މީހުން އަހަންނަށް ފާރަލާފާނޭ ހީވެގެން، ލާވީއަށް އެނގޭނެ އަހަރެން ރާވިންއާ ދުރުގައެއް ނުހުންނާނޭކަން، ރާވިން... ކީއްވެތަ މިތަނުގައި އެހާ ގިނަދުވަސް ތިވަނީ، ރައުލްއަކީ ބޭރީތަށް ކިހާ މުހިންމު މީހެއްކަން އެނގެއެއްނު" ޔާފިއާ ހިފައިގެން ޚަބަރާމެދު ރާވިން ވިސްނާލިއެވެ. އެމީހުން ހޯދަން ބޭރީތު ބަޔަކު ފޮނުވައިފިނަމަ ރައުލް ބޭނުންވާގޮތަށް ކަންތައްތައް ނުވާނޭކަން ރާވިންއަށް ޔަގީންވެއެވެ.
"އެނބުރިދާކަށް ރައުލް އަދި ތައްޔާރެއްނޫން، މި ރަށަށް ރައުލްގެ ހިތް ދޫވެއްޖެ، މިރަށަށް އަހަރެމެންނާއެކު އައި ރައުލްއެއްނޫން މިހާރު އެއީ" ރާވިން ބުންޏެވެ.
"އަހަރެންނަކަށް އަދި ނޭނގުނު ތިކިޔާ އެއްޗެއް" ފިޔަވަޅު ހުއްޓުމަކަށް އައުމާއެކު ރާވިންއާ ހަތަރުކަޅި ޔާފިއާ ހަމަކޮށްލިއެވެ. އީޝަލްއާއި ރައުލްގެ ބައްދަލުވުމުގެ ވާހަކަ ޔާފިއާއަށް ރާވިން ކިޔާދިނެވެ. އެ ވާހަކަތައް އިވިފައި ޔާފިއާ ފެށީ ހޭށެވެ. ހުނުން މައިތިރިވުމުން އޭނާ ރާވިންއަށް ބަލާލިއެވެ. އެ މޫނުން ފާޅުވާ ސީރިއަސްކަން ގުޅިފައިވަނީ ކޮންކަމަކާކަން ޔާފިއާ ދެނެގަތެވެ.
"ކޮބާތަ އޭނާ... އަހަރެން ބޭނުން އޭނާއާ ބައްދަލުކުރަން" ޔާފިއާ ބުންޏެވެ.
"ޔާފިއާ ހިޔެއްނުވޭ މިކަމާ ރައުލް ވާހަކަދައްކާނޭހެން" ރާވިން ބުންޏެވެ. އެއާއެކު އޭނާގެ މޭގައި މަޑުމަޑުން ޔާފިއާ ޖަހާލިއެވެ.
"ސާބަސް... ރައުލްއެއްނޫނޭ، އޭނާގެ ލޯބިވެރިޔާ ބަލަން އަހަރެން ބޭނުން، އަހަރެމެންގެ ތެރެއިން އަންހެންކުއްޖަކު ކަމުނުދިޔަ ރައުލްއަށް، އޭނާގެ ހިތް އަތުލި އަންހެންކުއްޖާ ހުންނަ ގޮތެއް ކޮންމެހެން ވެސް ބަލަން ބޭނުން" ޔާފިއާ ބުނެލީ އެކަން ކުރުމުގެ ވަރުގަދަ އަޒުމުގައެވެ.
* * * * *
ހިތްވަރުކޮށްފައި އީޝަލް އެނދުން ތެދުވެގެން އައިސް ކޮޓަރީގެ ދޮރުހުޅުވާލިއެވެ. ދޮރުމަތީ ލުގަލްބަންދާއެއް ނެތެވެ. ގޭގެ އެހެން މެންބަރުންނާއެކު ފަތިސް ނަމާދަށް ދިޔައީކަމުގައި އީޝަލް ހީކުރިއެވެ. ބޭރު ބަލާލާފައި އަނެއްކާ ވެސް އީޝަލް އައިސް އެނދުގައި އިށީނެވެ. އިސްޖަހާލައިގެން އިންއިރު އޭނާއަށް އަދިވެސް ވިސްނެނީ މީކާޢިލްއާއި ރައުލްއާ މެދުއެވެ. ބައްޕަގެ މޫނުން ރޭގައި ފެނުނު ފަދަ ނާއުންމީދީ ކުލަވަރެއް ދުވަހަކު ވެސް އީޝަލް މި ނޫނީ ނުދެކެއެވެ. އަނެއްކޮޅުން ކޮންމެ ދުވަހެއް ފެށޭނީ އޭނާގެ ކޮޓަރީ ދޮރުގައި ޒިޔަޒެލް ޓަކިދޭ އަޑުންނެވެ. ނަމަވެސް މިއަދު އެކަކުގެ ޚަބަރެއް ވެސް ނުވިއެވެ. އެންމެން އެ ތިބީ ހިތްހަމަނުޖެހިފައިކަން އީޝަލްއަށް އެނގެއެވެ. ސިކުނޑި ވިސްނައިދެނީ ރައުލްއާ ދެމެދު އޮތް ގުޅުމަކީ ކުށެއްކަމުގައެވެ. އެކަމަކު ހިތް ބުނަނީ މުޅިން އެހެން ވާހަކައެކެވެ. ރައުލްއާއެކު ހޭދަވި ކޮންމެ ވަގުތުކޮޅެއް ޚާއްޞަކަމެވެ. ސިކުނޑި އެއްބަސްނުވި ނަމަވެސް އެ ސިކުނޑީގައި އެ ވަގުތުތައް ރައްކާކުރެވިފައިވެއެވެ. ގޯހެއްކަމުގައި ބުނަމުންދިޔައިރު އެ މަންޒަރުތައް ލޯކުރިމަތިން ސިފަވަމުންދިޔައެވެ. އެކަމުގައި ގޯހެއްވާކަމުގެ އިޙްސާސެއް ނުކުރެވުނެވެ.
ބަދިގޭގައި އީޝަލް ހުރީ ޒިޔަޒެލްއާއި މީކާޢިލްއަށް ސައި ތައްޔާރުކުރާށެވެ. އެމީހުންނަށް ޚިދުމަތްކޮށްދިނުމުގައި އެއްވެސް ކަމެއް އުނިވާކަށް އޭނާ ނޭދެއެވެ. ބަދިގޭގައި ހުއްޓައި ދޮރުމަތިން ހިލަން ވެގެން އީޝަލް ބަލާލިއެވެ. ދޮރުކައިރީ ލުގަލްބަންދާއާއި މިޒަރެން ތިއްބެވެ. މިޒަރެންގެ މޫނުން ފާޅުވަމުންދިޔައީ މާޔޫސްކަމެވެ. އެކަމުގެ ތެރެއިން އޭނާ ހިތްހެޔޮ ހިނިތުންވުމެއް އީޝަލްއަށް ރައްދުކުރިއެވެ.
"މިޒަރެން، އަދިކިރިޔާ ކަންނޭނގެ ދިރިއުޅުމަކީ ކޮބައިކަން އަހަންނަށް މިއެނގުނީ" އިސްޖެހިފައި ހުރެ އީޝަލް ބުންޏެވެ.
"ކުއްޖާފުޅާ... ބައެއްފަހަރު ރަނގަޅުކަމެކޭ ހީވިޔަސް އެއީ ފައިދާއެއް ކުރާނޭ ކަމަކަށްނުވޭ، އަނެއްކޮޅުން ހިތަކީ ނިކަން ފާޑެއްގެ އެއްޗެއް، ނޭނގިހުއްޓައި އަމިއްލަ އިޚްތިޔާރުން ވެސް ބޭރުގައި އެ ހިތް ދީލައިލާފާނެ، އެކަން ވިސްނޭއިރު ހިތަށް ވިސްނައިދިނުން އޮންނާނީ ބޮޑު ތަކުލީފަކަށްވެފައި... އަހަރެންގެ ކުޑަކުޑަ ކޮއްކޮ މިހާ އަވަހަށް ބޮޑުވާނެކަމަކަށް ހިޔެއްނުކުރަން" ބަދިގޭ އޮޅި ގިރާކޮށް އެތެރެއަށް ވަދެގެން އައި މިޒަރެން ހުއްޓިލީ އީޝަލްގެ ކުރިމަތީއެވެ. އޭނާގެ ދެ ފަރާތަށް ދެމިފައި ހުންނަ ލޮލަށް ބަލާލި އީޝަލްއަށް ރޮވިއްޖެއެވެ. އަދި މިޒަރެންގެ ގައިގާ ބައްދާލީ އެ ދެއަތުގެ ހިމާޔަތުގައި ހިތްވަރު ހޯދަން ބޭނުންވެފައި ހުރި ހެންނެވެ.
"އަހަންނަށް އެނގޭ މިޒަރެންގެ ހިތުގައިވަނީ ކީކޭކަން، ރައުލްގެ ބެލުމުގައި އެ ހުންނަ ޚާއްޞަ ގޮތް އަހަރެން ދުށީން ތި ދެ ލޮލުން ވެސް... އެއީ ކާކަށްކަން އަހަންނަށް އެނގޭ" މިޒަރެންގެ މޭގައި ލައްވެލައިގެން ހުރި އީޝަލް ރޮވިފައިވާ އަޑުން ވާހަކަދެއްކިއެވެ. މިޒަރެންގެ ލޯތްބަށް ވީ ކިހިނެއްކަން އީޝަލްއަށް އިޙްސާސް ކުރެވުމުން އޭނާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނީ އަމިއްލަ ހަޔާތާމެދު ކަންބޮޑުވެފައެވެ. އެފަދައިން އޭނާއާއި ރައުލްއަށް ކަންތައް މެދުވެރިވެދާނޭތީއެވެ.
(ނުނިމޭ)