ބޭރު ކުޅިވަރު

ޗެލްސީ ބަލިވެ، ޗެމްޕިއަންސް ލީގު ޖާގައިގެ ރޭސް ހޫނުވެއްޖެ

Jan 20, 2019
2

ލަންޑަން (ޖެނުއަރީ 20) - އިއްޔެ އާސަނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު ލަންޑަން ޑާބީގައި 2-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިވުމާއެކު، ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދުމުގެ ރޭސް އިތުރަށް ވާދަވެރިވެއްޖެ އެވެ.

މެޗުގެ 14 ވަނަ މިނެއްޓުގައި، އާސަނަލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އެލެގްޒެންޑާ ލަކަޒެޓް އެވެ. ފުރަތަމަ ހާފުގައި، ފަހަތުން ފަށައިގެން ޗެލްސީން ކުޅޭ ކުޅުމަށް އާސަނަލްއިން ވަނީ އުނދަގޫތަކާއި ކުރިމަތިކޮށްފަ އެވެ. އަދި އެ ޕްރެޝަރާއިއެކު، އާސަނަލްއިން ވަނީ ލީޑު ފުޅާކޮށްފަ އެވެ. ޗެލްސީގެ ޕެނަލްޓީ އޭރިއާގެ ބޭރުން ނެގި ހުރަސް ބޮލުން ޖަހަން އާސަނަލްގެ ކެޕްޓަން ލޯރެން ކޮޗެލްނީ އެރި ނަމަވެސް، ގޯލްގެ ތެރެއަށް ބޯޅަ އޮއްސުނީ، އޭނާގެ ކޮނޑުގައި ޖެހިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، ޑިފެންޑަރު މާކަސް އަލޮންސޯ ދަނޑިގައި ޖެހި ނަމަވެސް، ދެވަނަ ހާފުގައި ވެސް ޗެލްސީއަށް މާރަނގަޅު ފުރުސަތުތަކެއް އުފެއްދިފައެއް ނުވެ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު މަރީސިއޯ ސާރީ ބުނީ ކުޅުންތެރިންގެ މެންޓަލިޓީ އާއި ދޭތެރޭ އެއްވެސް ގޮތަކަށް ހިތްހަމަނުޖެހޭ ކަމަށެވެ.

މި މޮޅާއެކު، ހަތަރު ވަނާގައި އޮތް ޗެލްސީގެ ލީޑު މިހާރު ވަނީ އެންމެ ތިން ޕޮއިންޓަށް ތިރިވެފަ އެވެ. މި މެޗުގެ ކުރިން، ބްރައިޓަން ބަލިކޮށް މެންޗެސްޓާ ޔުނައިޓަޑު ވަނީ ކުޑަ ވަގުތުކޮޅަކަށް ތާވަލުގެ ފަސްވަނައަށް ޖެހިލާފަ އެވެ.

އޮލެ ގަނަ ސޯލްޝާއީ ކޯޗު ކަމާއި ހަވާލުވި ފަހުން، ލީގުގެ ޖެހި ޖެހިގެން ހަ ވަނަ މެޗު ކާމިޔާބުކުރީ، މިހާރު އާ ދިރުމެއް ލިބިފައިވާ ޕޯލް ޕޮގްބާ އާއި މާކަސް ރެޝްފާޑުގެ ލަނޑުންނެވެ.

ލީގުގެ ފުރަތަމަ ހަތަރު ޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭއިރު، މިހާރު ތިން ވަނާގައި ޓޮޓެންހަމް އޮތީ 48 ޕޮއިންޓާއެކު އެވެ. ޗެލްސީ ހަތަރު ވަނާގައި 47 ޕޮއިންޓާއެކު އަދި އޮތް ނަމަވެސް، އާސެނަލް އާއި ޔުނައިޓެޑް އަށް މިހާރު ވަނީ 46 ޕޮއިންޓް ހޯދާފަ އެވެ.