ހަބަރު

ނާޒިމް ފްރޭމް ކުރި މައްސަލަ ތަހުގީގުކޮށްދޭން އެދިއްޖެ

ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ ފްރޭމް ކުރި މައްސަލަ ތަހުގީގުކޮށްދިނުމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކައިރިން އެދިވަޑައިގެންފި އެވެ.

ނާޒިމް މިއަދު ކުރެއްވި ޓްވީޓެގައި ވިދާޅުވެފައިވަނީ 18 ޖެނުއަރީ 2014 ގައި ސަރުކާރުން ހިންގި ޖަރީމާ ތަހުގީގުކޮށް، އެ އަމަލު ހިންގި މީހުން އިންސާފުގެ ކުރިމައްޗައް ގެނައުމަށް ފުލުހުންގެ އިދާރާއިން މަސައްކަތް ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންކަމުން އެކަން ފުލުހުންނަށް ސިޓީއަކުން އަންގާފައިވާ ކަމަށާއި ކޮމިޝަނަރާ ބައްދަލުކޮށް ވެސް އެ މައްސަލަ ތަފްސީލުކޮށް ހިއްސާކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ކުރެއްވި ޓްވީޓު

"އަވަސް ހުކުރު" ޕްރޮގްރާމަށް ނާޒިމް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވެސް ވަނީ އެކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ހިއްސާކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން އިންސާފުވެރި ކަމާއެކު ތަހުގީގުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އިމްރާން ދެއްވި ކަމަށް ނާޒިމް ވިދާޅުވި އެވެ.

ގެއިން ފިސްތޯލައެއް ފެނުނު މައްސަލާގައި ނާޒިމްއަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ފިސްތޯލައިން ފެނުނު ޑީއެންއޭގެ މޭޖާ ކޮންޕޯނެންޓް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދިމާވުމަކީ ނާޒިމްގެ ގެއިން ފެނުނު ތަކެއްޗާ އެހެން މީހަކާ ގުޅުމެއްވާ ކަމުގެ ދަލީލެއް ކަމަށެވެ. އަދި އެ ހެއްކަކީ އެ މައްސަލާގައި ނާޒިމް ފާހަގަ ކުރައްވަމުން ގެންދެވި، އޭނާ ފްރޭމް ކުރި ކަމަށް ވިދާޅުވާ ވިދާޅުވުމަށް ބާރު ލިބޭ ކަމެއް ކަމަށެވެ.

އެ މައްސަލާގައި އެ ކްރިމިނަލް ކޯޓާއި ހައި ކޯޓުން ކުރި ހުކުމަކީ ގާނޫނީ އަދި ޝަރުއީ ގޮތުން ގޯސް ހުކުމެއް ކަމަށް ކަނޑައަޅައި އެ ހުކުމް ބާތިލްލުރި އެވެ. އަދި ނާޒިމަކީ އެ ކުށް ސާބިތު ނުވާ ބޭފުޅެއްގެ ގޮތުގައި ނިންމެވި އެވެ.