މުހައްމަދު ނާޒިމް

ކުށްކުރާ މީހުން މުޖުތަމައުއަށް ދޫވެފައި ތިބިގެން ނުވާނެ: ނާޒިމް

ކުށްކުރާ މީހުން މުޖުތަމައުއަށް ދޫވެފައި ތިބިގެން ނުވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހަށް އިއްޔެ ދިން ހަމަލާ ކުށްވެރި ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. ނާޒިމް ވިދާޅުވީ ރައްޔިތުންގެ ސަލާމަތަށް ނުރައްކާތެރި މީހުންނާއި ތަކުރާރުކޮށް ކުށްކުރާ މީހުން މުޖުތަމައުއަށް ދޫވެފައި ތިބިގެން ނުވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް އަމާންކަން ކަށަވަރު ކޮށްދީ ގާނުނުގެ ހުކުމް ނަގަހައްޓަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ރައްޔިތުންގެ ސަލާމަތަށް ނުރައްކާތެރި މީހުންނާއި ތަކުރާރުކޮށް ކުށްކުރާ މީހުން މުޖުތަމައުއަށް ދޫވެފައި ތިބިގެން ނުވާނެ. ރައްޔިތުންނަށް އަމާންކަން ކަށަވަރުކޮށްދީ ގާނުނުގެ ހުކުމް ނަގަހައްޓަން ޖެހޭ،" ނާޒިމް ވިދާޅުވިއެވެ.

އަލީ ސޯލިހަށް ހަމަލާ ދިނީ އިއްޔެ މެންދުރު ހުޅުމާލެ އިން މާލެ އަންނަނިކޮށެވެ. ފުލުހުން ބުނީ އަލީ އަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި 43 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ ސަލްމާން މިސްކިތަށް އަރާ އަޑުގަދަކޮށް ހުކުރުގެ ޖަމާއަތަށް ހުރަސް އެޅި މީހާ އެވެ.

އަލީ ސޯލިހަށް އެ މީހާ ހަމަލާ ދޭން މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެއީ ބިރުވެރި މަންޒަރެއް ސިފަ ކުރެވޭ ވީޑިއޯ އެކެވެ. އަލީ ސޯލިހުގެ ކަރަށް ކަޓަރުން ހަމަލާދޭން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ހަމަލާ އަމާޒުވީ އޭނާގެ އަތަށެވެ.