ހަބަރު

މަޖިލިސް އިންތިހާބާގުޅޭ ގޮތުން ގާސިމް އިނގިރޭސި ސަފީރާ މަޝްވަރާ ކުރައްވައިފި

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އިންގިރޭސި ސަފީރާ ޖޭމްސް ޑޯރިސްއާ މަޝްވަރާކޮށްފި އެވެ.

މަަޖިލީހުން ބުނީ އެ މަޝްވަރާތައްކޮށްފައި ވަނީ ޖޭމްސް ޑޯރިސް މިއަދު މަޖިލީހަށް ކުރެއްވި ޒިޔާރާތުގައި ކަމަށެވެ. އެގޮތުން ގާސިމްއާ ބައްދަލު ކުރައްވާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއިބެހޭ ގޮތުން ސަފީރަށް މައުލޫމާތު އަރުވާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ އިންތިހާބާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށް މަޖިލީހުން ބުންޏެވެ.

އެ ބައްދަލުވުމުގައި ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލާފައިވާ ކަމަށް މަޖިލީހުން ބުންޏެވެ. އަދި އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމަށް ކުރަމުންދާ މަސައްކަތަށް ގާސިމް މަރުހަބާ ވިދާޅުވެ އެކަމުގެ ސަބަބުން ދިވެހިންނަށް ލިބޭނެ ފަސޭހަތައް ވެސް ފާހަގަ ކުރެއްވި ކަމަށް މަޖިލިހުން ބުންޏެވެ.