ރިޕޯޓް

ފާރިސް ގެއްލިއްޖެ، ކޯލިޝަން ކަރުތާފެނަށް!

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދިރާސާކޮށް ކައިރިން ތަޖުރިބާ ކުރި ބައެއް ފަރާތައް ބުނާ ގޮތުގައި ރައީސް ޔާމީން ވެރިކަން ކުރެއްވީ "ބިރުވެރިކަމެއް ފަތުރައިގެ"ނެވެ. ހާއްސަކޮށް، އެމަނިކުފާނާއި ވަދަވެރި ސިޔާސީ ފަރާތްތަށް އެކި ގޮތްގޮތަށް ގާނޫނީ މަޅީގައި ބައްދައި ޖަލު ތޭރިތަކުގެ ބިއްދޮށަށް ގެންދިޔަ އެވެ. ބޭނުންފުޅުވާ ގޮތް ނޫން ގޮތަކަށް ކަމެއް ގެންދަން އުޅެފިނަމަ އެކަމެއް އެހިސާބުން ހުއްޓެ އެވެ.

އެބިރުވެރިކަމުގައި މްޑީޕީ ފަދަ ވަރުގަދަ މަގުމަތީ ހަރަކާތް ހިންގާ ސިޔާސީ ޕާޓީތައް "ސައިލެންޓް މޯޑަށް" ވައްޓާލިއެވެ. އިދިކޮޅު ސިޔާސީ ހަރަކާތް ގާތްގަނޑަކަށް ނެތިފައި އޮއްވާ ބިރު ކަނޑާލައި ނުކުންނެވީ މަޖިލީހުގައި މަޑުމަޑުން އިންނަވާ މަޖިލީހަށް އެންމެ "ޅަ" މެމްބަރު ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނެވެ.

މަޖިލީހުގެ ތެރެއިން ގައުމު ހަމަމަގަށް އަޅުވަން ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް، ފާރިސްގެ ބައްޕާފުޅު ދެއްވި ލަފަޔާއެކު އޭރު އިދިކޮޅު މެމްބަރުން ސިފަ ކުރަމުން އައި ގޮތަށް "މަޖިލީސް ހިސޯރު" ކޮށްގެން އުޅުއްވެވި މަޖިލީހުގެ ކުރީގެ ރައީސް އަބުދުﷲ މަސީހު މުހައްމަދުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައި އެކަން ކާމިޔާބު ކުރުމުގެ މަސައްކަތް ފާރިސް ފެއްޓެވި އެވެ.

މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި ދެވަނައަށް ސޮއި ކުރައްވެވި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވި ގޮތުގައި ސަރުކާރު ހިންގާ ކޯލިޝަން އުފެދުމުގެ އަސްލަކަށް ވެގެން ދިޔަ އެ މަސައްކަތް ފެއްޓެވި ބޭފުޅަކީ ފާރިސެވެ.

"ކޯލިޝަން އުފެދުމުގެ އެންމެ ބޮޑު އަސްލަކަށްވި، މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ސޮއި ކުރަން ފުރަތަމަ އިނިޝިއޭޓިވެއް ނެންގެވި ބޭފުޅަކީ ފާރިސް، އެމްޑީޕީން އިނީޝިއޭޓިވްއެއް ނޫން ހަގީގަތުގައި އެއީ. ސީދާ ފާރިސް" އަލީ ހުސައިން ވިދާޅުވި އެވެ.

ކޯލިޝަން އުފެދި މަސައްކަތްތައް ކުރަމުން އައިއިރު ރައީސް މައުމޫނުގެ ފަރާތްޕުޅުން ކަންކަން ބަލަހައްޓަވަމުން ވަޑައިގެންނެވީ ފާރިސެވެ. ސިޔާސީ މައިދާނުގައި ތެލާއި ފެނުގެ ގޮތުގައި އޮތް ދެ ފިކުރު އެއްތަން ކުރުމުގައި ވެސް ފާރިސްގެ ދައުރު ބޮޑެވެ.

ފާރިސްގެ ސިޔާސީ އެ މަސައްކަތް ކާމިޔާބުވެ، މަޖިލީހުގެ މެޖޯރިޓީ އަނބުރާލެވުނެވެ. ހާއްސަކޮށް، ފާރިސްއާއެކު ކުރިން ޕީޕީއެމްގައި މަސައްކަތް ކުރެއްވި 12 މެމްބަރަކު ގެންދިއުން ވެގެންދިޔައީ ރައީސް ޔާމީންގެ ސަަރުކާރު ބަލިކަށިވި އެންމެ ބޮޑު އެއް ސަބަބަށެވެ. ރައީސް ޔާމީން ވެސް ގަބޫލުފުޅު ކުރައްވަނީ އެއީ ސަބަބު ކަމަށެވެ.

ފާރިސްގެ އެ ލީޑާރޝީޕް ފެނި ވަރަށް ގިނަ ބަޔަކަށް ސިޔާސީ ގޮތުންވެސް ފާރިސާމެދު އުމްމީދުތައް ކުރި އެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު، ކޯލިޝަނުގެ ބައިވެރިން ކޯޅިގަނެ ރޫޅޭ ހިސާބުގައި އޮތް އިރުވެސް ފާރިސްގެ ހިލަމެއް ނެތެވެ. ބިޔަ ބޮޑު ކޯލިޝަން ތެރޭގައި ވެސް ހަރަކާތްތެރިވާ ތަނެއް ނުފެނެ އެވެ. މުޅި ފޮޓޯއިން އޭނާ ގެއްލުނީ އެވެ. ޓުވީޓެއްގެ މިންވަރު ވެސް ނެތެވެ.

ފާރިސްއާއި ގާތް އަދި މައުމޫން ރިފޯމް މޫވްމަންޓްގައި އިސްކޮށް ހަރަކާތްތެރިވާ އަބުދުލް އަލީމް ވިދާޅުވި ގޮތުގައި ފާރިސް މަންޒަރުން ގެއްލުނީއެއް ނޫނެވެ. މަސައްކަތުގައި ދެގޮތެއް ނުވެ އެބައުޅުއްވަ އެވެ.

"ފާރިސް އެބަ އުޅުއްވާ ޖޭއެސްސީގެ ކަންތައްތަކުގައި ވެސް ވަރަށް ބުރަކޮށް، އެމްއާރްއެމްގެ މަސައްކަތްތަކުން ނުފެންނަނީ މިވަގުތު މަޖިލީހަށް ރައީސް މައުމޫންގެ ތާއީދާއެކު ނެރޭނެ ކެނޑިޑޭޓުން ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާތީ، އަދި ފާރިސް ވެސް މަޖިލީހަށް ކުރިމަތިލައްވާތީ އެމްއާރްއެމްގެ މަސައްކަތުގައި އުޅުއްވުމުން ފުށު އެރުން އުޅޭނެ، އެހެންވެ އެ މަސައްކަތުން ނުފެންނަނީ،" އަލީމް ވިދާޅުވި އެވެ.

ކޯލިޝަން ޕާޓްނަރުން ކޯޅެމުންދާއިރު، އެކަންކަން ހަމައަކަށް އެޅުވުމުގައި ފާރިސަށް ބޮޑު ދައުރެއް އަދާ ކުރެވިދާނެ ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ.

"ފާރިސް ފެށި މަސައްކަތެއް މި މަސައްކަތަކީ. މި މިހެން ރޫޅިގެންދާތަން ބަލަން ފާރިސް ހުންނާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. ބޮޑަށް ބެލެވެނީ އެމްޑީޕީއާއި، ޖޭޕީން ހަދާ އެއްޗެއް ބެލުމަށްފަހު ހައްލަކަށް ނޭޅިއްޖެއްޔާ ފްރޮންޓަށް ނުކުންނަވާނެހެން. އެއީ އެވަރުގެ ލީޑާޝިޕް ކޮލިޓީ ހުރި ބޭފުޅެއް ފާރިސަކީ" މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.

ފާރިސްއާއެކު އެމްއާރުއެމްގައި މަސައްކަތް ކުރައްވާ އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި ގައުމަށް ބޭނުން ޖެހޭ ކޮންމެ ފަހަރަކު ބޭނުން ކުރަން އޮންނަ ބޭސް ގުޅައަކަށް ވުމުގެ ބަދަލުގައި އަބަދުވެސް ބޭނުން ކުރެވޭ ފަރާތަކަށް ފާރިސް ވާންޖެހޭނެ އެވެ. މި ހުރިހާކަމަކަށް ބަލާއިރު، ފާރިސް ސިޔާސީ މަންޒަރުން ގެއްލުމަކީ ކޯލިޝަނަށްވެސް ގެއްލުންވެދާނެ ކަމެކެވެ.

ރައީސް މައުމޫން ކޯލިޝަން ދަމަހައްޓާނެ ކަމަށް ވިދާޅުވަމުންގެންދަވާ އިރު، އެ މަސައްކަތުގައި އަ މަލީގޮތުން އެންމެ ބޮޑަށް މަސައްކަތް ކުރެވޭނެ ފަރާތަކީ ފާރިސެވެ. އެހެން ކަމުން އަނެއްކާވެސް ސިޔާސީ މައިދާނުން ފާރިސް ވަރަށް އަވަހަށް ފެނިދާނެ ކަމަށް ބަލާމާ ހެއްޔެވެ؟