ހަބަރު

ޕީޕީއެމް ކޮންގްރެސް މައްސަލާގައި ހުކުމާ ހަމައަށް

ރިޔާސީ އިންތިހާބަށްފަހު ޕީޕީއެމްއިން ބޭއްވި ހާއްސަ ކޮންގްރެސް ސައްހަ ކަމަށް ހައިކޯޓުން ކަނޑައެޅި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް އިލެކްޝަން ކޮމިޝަން، އީސީއިން ހުށަހެޅި މައްސަލާގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ނިންމާލައި، ހުކުމަށް ތައްޔާރުވެއްޖެ އެވެ.

އެ ކޮންގްރެސްގައި ޕީޕީއެމްގެ ރައީސް ކަމަށް ރައީސް ޔާމީން ވަނީ އިންތިހާބުކޮށްފަ އެވެ. އަދި ނައިބު ރައީސުންގެ ގޮތުގައި ވެސް ހަތަރު ބޭފުޅަކު އިންތިހާބުކޮށް ކައުންސިލް ވެސް އަލުން އެކުލަވާލާފައިވެ އެވެ. ނަމަވެސް އެ ޖަލްސާގެ ނިންމުންތައް ބަލައިނުގަންނަ އިލެކްޝަން ކޮމިޝަނުން ނިންމި އެވެ. އިލެކްޝަން ކޮމިޝަންގެ އެ ނިންމުން ބާތިލް ކަމަށް ކަނޑައަޅަން ޕީޕީއެމްއިން ހައިކޯޓަށް މައްސަލަ ހުށަހެޅި އެވެ.

ހައިކޯޓުން ނިންމީ، ޕީޕީއެމްގެ ކޮންގްރެސް ބާއްވާފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބުނާ ބުނުމުގައި ހަގީގަތެއް ނެތް ކަމަށެވެ. އިލެކްޝަން ކޮމިޝަންގެ ނިންމުން ބާތިލްކުރުމަށްފަހު ކޮންގްރެސްގައި މަގާމުތަކަށް އިންތިހާބުކުރި ފަރާތްތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ދަފުތަރުގައި ހިމެނުމަށް ކޮމިޝަންގެ މައްޗަށް އަމުރުކުރި އެވެ.

އެ ހުކުމް އިލެކްޝަން ކޮމިޝަނުން ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުން ބޭއްވި އެ މައްސަލާގެ އެންމެ ފުރަތަމަ އަދި އެންމެ ފަހު ވެސް އަޑުއެހުން ބޭއްވީ މިއަދު މެންދުރުފަހު އެވެ. ދެ ގަޑިއިރަށް ދިގު ދެމިގެންދިޔަ އެ އަޑުއެހުމުގައި އިލެކްޝަން ކޮމިޝަނާއި ޕީޕީއެމްއާ ދެމެދު ކޮންގްރެސްއާ ގުޅޭ ގޮތުން ހޫނު ބަހުސެއް ވަނީ ކޮށްފަ އެވެ.

އެގޮތުން އިލެކްޝަން ކޮމިޝަން ތަމްސީލް ކުރެއްވުމަށް ވަޑައިގެންނެވި ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވި ގޮތުގައި ހައިކޯޓުން ހުކުމް ކޮށްފައިވަނީ އެ ކޮމިޝަނުން ހުށަހެޅި ކަންކަމަށް އެކަށީގެންވާ މިންވަރަށް ރިއާޔަތް ކުރުމެއް ނެތި އެވެ. ޕީޕީއެމްއިން ބޭއްވި ކޮންގްރެސްގައި ނިންމުންތައް ނިންމާފައިވަނީ އެ ޕާޓީގެ އަސާސީ ގަވައިދާއި އެތެރޭގެ އިންތިހާބުތަކާ ބެހޭ ގަވައިދާއި ހިންގާ ގަވައިދާ ވެސް ހިލާފަށް ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ. އެހެންކަމުން އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ވެސް ހިލާފުވާ ކަމެއް ކަމަށެވެ.

ނޫރުއްސަލާމް ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން ކޮންގްރެސްގައި ބައިވެރިވެވޭނީ އެ ޕާޓީގެ ގޮފިތަކުން އިންތިހާބު ކުރާ މަންދޫބުންނަށް ކަމަށެވެ. ނަމަވެސް އެ ކޮންގްރެސްގައި ބައިވެރިވީ ޕީޕީއެމްއަށް ނިސްބަތްވާ މިނިސްޓަރުންނާއި ޑެޕިއުޓީ ލެވެލްގެ ބޭފުޅުންނާއި ކުންފުނިތަކުގެ އެމްޑީއިންކަން އޭނާ ފާހަގަކުރެއްވި އެވެ. އެއީ، އަސާސީ ގަވައިދާ މުޅިން ހިލާފު މަންދޫބުންތަކެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އިންތިހާބުތަކާ ބެހޭ ގަވައިދުގެ ބައެއް މާއްދާތަކަށް އަމަލު ނުކުރުމަށް ކޮންގްރެސްގެ ކުރިން އެ ޕާޓީގެ ކައުންސިލުން ނިންމި ނިންމުމަކީ ގޯސް ނިންމުމެކެވެ. ކައުންސިލުން ނިންމީ ކޮންގްރެސްއާ ގުޅޭ ގޮތުން ދޭން ޖެހޭ މުއްދަތުތައް ބުނެފައިވާ މާއްދާތަކަށް އަމަލު ނުކުރުމަށެވެ. ގާނޫނެއް ނޫނީ ގަވައިދެއްގައިވާ މާއްދާއަކަށް އަމަލު ނުކުރުމަށް ނިންމުކަކީ އެއްވެސް ގާނޫނީ ހުއްޖަތެއް އޮތް ކަމެއް ނޫން ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގާނޫނެއް ނޫނީ ގަވައިދެއް ސަސްޕެންޑް ނުކުރެވޭނެ ކަމަށެވެ. ކުރަން ޖެހޭނީ އިސްލާހު ކަމަށާއި އެފަދަ ކަމެއް ކައުންސިލުން ކޮށްފައިނުވާ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ކޮންގްރެސްގެ ކުރިން ނެރުނު އިއުލާންގައި ތިން ނައިބު ރައީސުން ހޮވާ ކަމަށް ބުނެ، ކޮންގްރެސްގައި އިންތިހާބުކޮށްފައިވަނީ ހަތަރު ނައިބު ރައީސުންކަން ވެސް ނޫރުއްސަލާމް ފާހަގަ ކުރެއްވި އެވެ.

ނޫރުއްސަލާމްއަށް ރައްދު ދެއްވަމުން ޕީޕީއެމްގެ ވަކީލް އަބްދުﷲ ޝިޔާޒު ވިދާޅުވީ ހާއްސަ ގޮތުން ބާއްވާ ކޮންގްރެސްއަށް އަމަލު ކުރާނެ ގޮތެއް އެއްވެސް ގަވައިދެއްގައި ނެތް ކަމަށެވެ. ގަވައިދުގައި ހުރީ އާންމު ގޮތުން ބާއްވާ ކޮންގްރެސްތަކުގައި އަމަލު ކުރާނެ ގޮތް ކަމަށެވެ. އެހެންކަމުން ކައުންސިލަށް ޖެހުނީ އެ ހާލަތުގައި އަމަލު ކުރާނެ އުސޫލެއް ހެދުމުގެ ގޮތުން އިންތިހާބުތަކާ ބެހޭ ގަވައިދުގެ ބައެއް މާއްދާތަކަށް އަމަލު ނުކުރާ ގޮތަށް އެ ގަވައިދުގެ ދަށުން އެ ކޮންގްރެސް ބޭއްވުމަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ގަވައިދުގައި މުއްދަތުތައް ބުނާ މާއްދާތަކަށް އަމަލު ނުކުރާ ގޮތަށް ނިންމީ އެ މުއްދަތު ނެތުމުންނެވެ. ކައުންސިލުން ކޮންގްރެސް ބާއްވަން ނިންމި ތާރީހުގެ ގޮތުން އެ މުއްދަތުތައް ދެވެން ނެތް ކަމަށެވެ. ކޮންގްރެސް ބާއްވާނެ ތާރީހު އިލެކްޝަން ކޮމިޝަނަށް އެންގުމުން އެއްވެސް މައްސަލައެއް ޖައްސާފައި ނުވާ ކަމަށާއި މުއްދަތުތައް ނުދެވޭނެކަން އެހާ ހިސާބުން ވެސް އިލެކްޝަން ކޮމިޝަނަށް އެނގޭނެ ކަމަށް ޝިޔާޒު ވިދާޅުވި އެވެ.

ޝިޔާޒު ވިދާޅުވީ ކޮންގްރެސް ކުރިއަށްދިޔައިރު އިލެކްޝަން ކޮމިޝަންގެ މަންދޫބުން އޮބްޒާވްކުރަމުން ދިޔަ ކަމަށެވެ. ކޮންގްރެސް ކުރިއަށް ދިޔައީ އެ ބޭފުޅުންގެ ލަފާގެ މަތިން ކަމަށާއި ގާނޫނާއި ގަވައިދާ ހިލާފު ކަމެއް ހިނގާކަން އެ ބޭފުޅުން ފާހަގަ ނުކުރާ ކަމަށެވެ. މަންދޫބުންނާ ގުޅޭ ގޮތުން ވެސް އޭރު ކޮމިޝަނުން ސުވާލު ނުއުފައްދާ ކަމަށެވެ.

ގޮފިތަކުން އިންތިހާބު ކުރާ މަންދޫބުން ކަނޑައަޅާނެ މުއްދަތެއް ނެތުމުން ކައުންސިލުން ނިންމީ މަންދޫބުންގެ ގޮތުގައި ޕާޓީގެ އިސް މަގާމުތަކުގައި ތިބި ބޭފުޅުން އައްޔަންކުރުމަށް ޝިޔާޒު ވިދާޅުވި އެވެ. އަސާސީ ގަވައިދުގައި ވެސް ހާއްސަ ގޮތުން ބާއްވާ ކޮންގްރެސްގައި މަންދޫބުން ހޮވަންޖެހޭނެ ވަކި ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގަވައިދުގައި އޮތީ އާންމު ކޮންގްރެސްއަށް މަންދޫބުން ގޮފިތަކުން ހޮވަންޖެހޭ ކަމަށް ކަމަށެވެ.

ނަމަވެސް އެކަމަށް ރައްދު ދެއްވަމުން ނޫރުއްސަލާމް ވިދާޅުވީ އަަސާސީ ގަވައިދުގައިވަނީ ކޮންގްރެސްއަށް މަންދޫބުން ހޮވަން ޖެހޭނީ ގޮފިތަކުން ކަމަށެވެ. އަދި އެ ގަވައިދު މަނާކުރުމުގައި ކޮންގްރެސްގެ މާނައަކީ އާންމު ގޮތުން އަދި ހާއްސަ ގޮތުން ވެސް ބާއްވާ ކޮންގްރެސް ކަމަށް ލިޔެފައިވާ ކަމަށެވެ. އެހެންކަމުން ހާއްސަ ގޮތުން ބާއްވާ ކޮންގްރެސްތަކަށް ވެސް މަންދޫބުން ހޮވަން ޖެހޭނީ އެ އުސޫލުގެ މަތިން ކަމަށެވެ.

ނޫރުއްސަލާމް ވިދާޅުވީ އެކަންކަމަށް މުއްދަތެއް ނެތް ގޮތަށް ކައުންސިލް ނިންމި ނިންމުމަކީ ބަދަލު ނުކުރެވޭނެ ނިންމުމެއް ނޫން ކަމަށެވެ. މުއްދަތު ނެތިގެން އަމަލު ކުރާނެ ގޮތެއް އުޅުމުގެ ބަދަލުގައި ގަވައިދުގައިވާ މުއްދަތުތައް ލިބޭ ގޮތަށް ތާރީހު ބަދަލުކުރުން މާ ރަނގަޅުވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައްސަލާގެ އަޑުއެހުންތައް މިއަދު ނިންމާލާފައިވާއިރު އުއްމަތަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އެ މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ކަމަަށެވެ. އެ މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ޕީޕީއެމްގެ އެހެން މައްސަލައެއް ވެސް ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދެ އެވެ. އެއީ އެ ޕާޓީގެ މިލްކިއްޔާތާ ގުޅޭ ގޮތުން އާންމު ދެ މެންބަރަކު ހުށަހަޅާފައިވާ މައްސަލައެއް ސިވިލް ކޯޓަށް ބެލިދާނެ ކަމާމެދު ކުރިއަށްދާ މައްސަލައެކެވެ. އެ މައްސަލާގެ އިޖުރާއީ އަޑުއެހުމެއް މިދުޔަ ހަފުތާގެ ތެރޭގައި ވަނީ ބާއްވާފަ އެވެ.