ހަބަރު

ހޯމް މިނިސްޓްރީވެސް ޕްލާސްޓިކާ ދުރަށް

ތިމާވެއްޓާ ރައްޓެހި މާހައުލެއް ގާއިމް ކުރުމުގެ ގޮތުން ހޯމް މިނިސްޓްރީގައި ޕްލާސްޓިކް ބޭނުން ނުކުރަން ނިންމައިފި އެވެ.

މި ޕްރޮގްރާމް ހޯމް މިނިސްޓްރީގައި މިއަދު ފައްޓަވާއިދެއްވީ މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

ހޯމް މިނިސްްޓްރީން ބުނީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުން ކުރުން މަދު ކުރުމުގެ ހާއްސަ ކެމްޕެއިންގައި އެ މިނިސްޓްރީން ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން ޕްލާސްޓިކްފުޅީގެ ބަދަލުގައި ހޯމް މިނިސްޓްރީގައި ދެން ބޭނުންކުރާނީ ބިއްލޫރި ފުޅި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މިކަމަކީ މުޅި ރާއްޖޭގެ އިތުރުން މުޅި ދުނިޔޭގެ ރައްކާތެރިކަމާއި ސަލާމަތާއި ގުޅިފައިވާ ކަމެއް ކަމަށާއި އެކަމަކީ މުޅި ގައުމުގެ އިގްތިސާދާ ގުޅިފައިވާ ކަމެއް ކަމަށެވެ. މިއަދު ދުނިޔޭގެ މާހައުލު އެކިގޮތްގޮތުން ތަގައްޔަރުވެ ދިއުމުގެ އެންމެބޮޑު އެއް ސަބަބަކަށް ޕްލާސްޓިކްވެގެންދާ ކަމަށާއި ޕްލާސްޓިކުން ރާއްޖެ އާއި މުޅި ދުނިޔެ ސަލާމަތްކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން އެކަމަށް ހޯމް މިނިސްޓްރީގެ އެންމެހާ މުވައްޒަފުންވެސް ހާއްސަ ސަމާލުކަމެއްދެއްވުމަށްވެސް މިނިސްޓަރު އެދިވަޑައިގެންފައި ވެއެވެ.

ހޯމް މިނިސްޓްރީން ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލާފައިވާއިރު، ރައީސް އޮފީހާއި ފޮރިން މިނިސްޓްރީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީންވެސް ވަނީ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލާފަ އެވެ.