ހަބަރު

ގާސިމަކީ އިހުލާސްތެރިއެއް، އެކީ މަސައްކަތް ކުރަން ތައްޔާރު: އަދުރޭ

Jan 20, 2019
20

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަކީ އިހުލާސްތެރިއެއް ކަމަށާއި އެ ޕާޓީއާއެކު މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ކޮންގްރެސް ޕާޓީގެ މުއައްސިސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވިއިރު ގާސިމް ވަނީ އެމްޑީޕީއާ އޮތް ކޯލިޝަން ދޫކޮށް އެހެން ޕާޓީތަކަށް ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި ވެސް ގާސިމް ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން "އަވަސް" އިން ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ ގާސިމަކީ އިހުލާސްތެރި އަދި ގައުމަށް އެއްވެސް ގޯސް ގޮތެއް ވިޔަ ނުދޭން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. އެމަނިކުފާނަށް އެމްޑީޕީއާއެކު ކޯލިޝަނެއްގައި މާ ގިނަ ދުވަހު ނުހުރެވެނީ ވެސް އެ ސަބަބާ ހެދި ކަމަށާއި އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން އެއްވެސް ޕާޓީއަކަށް ނުތިބެވޭނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ގާސިމްއަކީ މި ގައުމަށް ވަރަށް ހެޔޮ އެދޭ ވަރަށް އިހުލާސްތެރި ބޭފުޅެއް، މި ގައުމަށް ދެރަ ގޮތެއްް ވާތަން ބަލާކަށް އެމަނިކުފާނު ނުހުންނަވާނެ. އެމްޑީޕީއާއެކު މަސައްކަތް ނުކުރެވޭނެ ސަބަބަކީ އެއީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީއާއެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި އެމްޑީޕީ ފިޔަވާ އެހެން ކޮންމެ ޕާޓީއަކާއެކުގައި ވެސް މަޝްވަރާއަށް ފަހު ޕީއެންސީއަށް މަސައްކަތް ކުރެވިދާނެ ކަމަށެވެ.

ގާސިމްއަށް ތައުރީފުކޮށް އަބްދުއްރަހީމް ވާހަކަފުޅު ދެއްކެވި ނަމަވެސް 1 ފެބްރުއަރީގެ އަމުރު ނެރުމަށް ފަހު ޕީޕީއެމްގައި ހުންނަވައިގެން އަބްދުއްރަހީމް ވަނީ ގާސިމްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެ ޕާޓީ އިން އޭރު ކޮންމެ ދުވަހަކު ދެތިން ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވަނީ ގާސިމް ކުށްވެރިކޮށް، އެމަނިކުފާނަށް ފާޑު ވިދާޅުވެ. "ދަރަނިބޯ" ގެ ގޮތުގައި ގާސިމް ސިފަ ކުރައްވާފަ އެވެ.

ނަމަވެސް މިފަހުން އަނެއްކާ ވެސް ރައީސް ޔާމީންއާއި ގާސިމް ގުޅިގެން މަސައްކަތް ކުރައްވާ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.