ބޮލީވުޑް

"މުންނާ ބާއީ 3"ގެ މަސައްކަތް ހުއްޓުމަކަށް

Jan 21, 2019

ޖިންސީ ފުރައްސާރަ ކުރި ކަމަށްބުނެ ފިލްމު ޕްރޮޑިއުސަރު ރާޖްކުމާރު ހިރާނީއަށް ތުހުމަތުތައް ކުރުމާއެކު، އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމު "މުންނާ ބާއީ3" ގެ މަސައްކަތްތްތައް ވެސް ހުއްޓުމަކަށް އަތުވެއްޖެ އެވެ.

މުންނާ ބާއީ ފިލްމުގެ މަސައްކަތް ފެށުމާއެކު ގިނަ ބަޔަކު އުއްމީދު ކޮށްގެން ތިބީ މި ފިލްމު ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކަށް މިފަހަރު ވެސް ހަމަޖެއްސީ "މުންނާބާއީ" އެކެއް އަދި ދޭއްގެ ވެސް ޕްރޮޑިއުސަރު ރާޖް ކުމާރު ހިރާނީ އެވެ. ޕްރީ ޕްރޮޑަކްޝަން ސްޓޭޖުގައި އޮތް "މުންނާ ބާއީ 3"ގެ މަސައްކަތްތައް ހުއްޓާލާފައި ވަނީ ރާޖުކުމާރު ހިރާނީއާއި ދެކޮޅަށް ހުށަހެޅުނު ޖިންސީ ފުރައްސާރައިގެ ޝަކުވާއާ ގުޅިގެންނެވެ.

ރާޖް ކުމާރު ޕްރޮޑިއުސް ކޮށްފައިވާ ފިލްމު "ސަންޖޫ" ގެ އެސިސްޓަންޓް ޑިރެކްޓަރަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުގައި ރާޖްކުމާރުގެ ސްޕޯކްސްޕާސަން ނެރުނު ބަޔާނުގައި ބުނަނީ މިއީ އޭނާ އަގު ވައްޓާލަން ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށެވެ. އަދި ތުހުމަތު ކުރި ކަން މީގެ ދެ މަސް ކުރިން އެނގުނު ކަމަށާއި، ވަގުތުން އެ މައްސަލަ ހައްލު ކުރުމަށް ގާނޫނީ ލަފާ ހޯދައި ކޮމިޓީއާ މަޝްވަރާ ކުރި ކަމަށެވެ. އެހެންނަމަވެސް، ތުހުމަތު ކުރި ފަރާތްތަކުން މައްސަލަ ހައްލު ނުކޮށް މީޑިއާގެ ކުރިމައްޗައް އެ މައްސަލަ ގެނައީ ކަމަށެވެ.

މައްސަލައިގައި ތުހުމަތު ކުރި ފަރާތުން ބުނެފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ފިލްމުގެ ސެޓުން އޭނާއަށް ޖިންސީ ފުރައްސާރަ ކުރި ކަމަށާއި ހަ މަސް ވަންދެން ތަކުރާރު ކުރި ކަމަށެވެ. އަދި ތުހުމަތުތަކަށްފަހު ވެސް އެ ފިލްމުގައި މަސައްކަތް ކުރީ އޭނާގެ މާލީ ހާލަތު ދަށްކަމުންނާއި އޭނާގެ ބައްޕައަށް ކުރަންޖެހޭ ބޭސް ފަރުވަގެ ސަބަބުން ކަމަށް އޭނާ ބުނެ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ތުހުމަތު ކުރި އެސިސްޓަންޓް ޑައިރެކްޓަރު ވަނީ އީމެއިލް މެދުވެރިކޮށް ފިލްމުގެ ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްރާ އަށްވެސް އެކަން އަންގާފަ ކަމަށެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން އޭނާ މިހާރު މަސައްކަތް ކުރަމުންދާ ފިލްމު "އޭކް ލަޑް ކީކޯ ދޭކާ ތޮ އޭ ސާ ލަގާ" ގެ ޕޯސްޓަރުން އޭނާގެ ނަން ކަނޑާނެ ކަމަށްވެސް މި މައްސަލައާ ގުޅިގެން އަޑު ފެތުރުނެވެ. އަދި އިންޑިއާގެ ރިޕޯޓުތައް ބުނާ ގޮތުގައި މި މައްސަލަ ހޫނުވެ، ހައްލެއް ނުލިބެނިސް "މުންނާ ބާއީ" 3ގެ ޝޫޓިން މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓިފަ އެވެ.