ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދެ ސަފީރަކަށް މަގާމުގެ ފަތްކޮޅު ދެއްވައިފި

ރާއްޖެއިން ސްރިލަންކާ އަދި ޖަރުމަންވިލާތަށް ކަނޑައެޅި ސަފީރުންނަށް މަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ.

ރާއްޖެއިން ސްރިލަންކާއަށް ކަނޑަ އަޅާފައިވާ ހެންވޭރު ހިކިފިނިފެންމާގެ އުމަރު އަބްދުއްރައްޒާގް އަދި ޖަރުމަންވިލާތަށް ކަނޑަ އަޅާފައިވާ ސަފީރު ހެންވޭރު ސީވީޑް އަހްމަދު ލަތީފު އަށް މަގާމުގެ ފަތްކޮޅު އަރުވާފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު މެންދުރުގެ ވަގުތެއްގައި ރައީސް އޮފިހުގަ އެވެ.

ޖަރުމަނުވިލާތުގެ ސަފީރުކަމަށް ކަނޑައެޅުއްވި އަހްމަދް ލަތީފްއަކީ 1981 ވަނަ އަހަރު ރާއްޖޭގެ ހާރިޖީ ދާއިރާއާއި ގުޅިވަޑައިގެން، ދިވެހި ހާރިޖިއްޔާގައި ތަފާތު އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2007 ވަނަ އަހަރު ޗައިނާ ސަރުކާރަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ފުރަތަމަ ސަފީރުގެ ގޮތުގައި 5 އަހަރު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެންމެ ފަހުން އަދާކުރައްވާފައިވަނީ ރައީސް ސޯލިހު، ޢައްޔަނު ކުރެއްވި ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމެވެ.

ސްރިލންކާގެ ސަފީރުކަމަށް ކަނޑައެޅުއްވި އުމަރު އަބްދުއްރައްޒާގް އަކީ އޮސްޓްރޭލިއާގެ އެޑިތް ކޮވިން ޔުނިވަރސިޓީއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. މީގެކުރިން އޭނާ ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒްގެ މަގާމު އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގައި ބޭރުގެ ބޭންކްތަކުން ހިންގާ ޕްރޮޖެކްޓްތައް މޮނިޓަރިންގެ މަސައްކަތުގެ އިތުރުން، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުގެ ޝެޑޯ ފޮރިން ސެކްރެޓަރީގެ މަގާމު ގައިވެސް ހިމެނިފައި އެވެ. .