ހަބަރު

ދެމަފިރިންގެ ހަށިގަނޑު ފިލިޕީންސްއަށް، އާއިލާ ފުން ހިތާމާގައި

Jan 20, 2019
2

ރާއްޖޭގައި މަރުވި ފިލިޕީންސްގެ ދެމަފިރިންގެ ހަށިގަނޑު އެ ގައުމަށް ގެންގޮސްފި އެވެ. ހަށިގަނޑު އެ ގައުމަށް ގެންދިޔައީ އިއްޔެގެ ވަގުތެއްގަ އެވެ.

ދިވެހި ސަރުކާރުގެ ހަރަދުގައި އެ ދެމަފިރިންގެ ހަށިގަނޑު ފިލިޕީންސްއަށް ފޮނުވާލީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އެވެ.

ކ. ދިއްފުށީގައި ހަނީމޫން ހޭދަ ކުރަން އައިސް އުޅެނިކޮށް މަރުވެފައިވަނީ ލިއޮމާ އަދި އެރިކާ އެވެ. މަރުވީ ކ. ދިއްފުއްޓާއި މީރު ފެންފުންޓާ ދެމެދަށް މޫދަށް އެރި އުޅެނިކޮށެވެ.

އެ ދެ މީހުންގެ އާއިލާ ދިރިއުޅޭ ލަގޫނާ ޕްރޮވިންސަށް ހަށިގަނޑު ރޭގެ ވަގުތެއްގައި ގެންދިޔައިރު އެއާޕޯޓް ސަރަހައްދުގައި ދެ މީހުންގެ އާއިލާގެ މެންބަރުން ވެސް ހިތާމަކުރަން ތިއްބެވެ. އެ މަންޒަރުތައް އެ ގައުމުގެ ނޫސްތަކުން ވަނީ ގެނެސްދީފަ އެވެ.

އެ ގައުމުގެ މީޑިއާތައް ބުނާ ގޮތުން ދެމީހުންގެ ޖަނާޒާ އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ލިއޮމާގެ ކޮއްކޮ ފިލިޕީންސްގެ ނޫހަކަށް ބުނެފައިވާ ގޮތުގައި ރާއްޖެއަކީ އެ ދެމީހުންގެ ހުވަފެނީ މަންޒިލެވެ. އަބަދުވެސް ރާއްޖެ އައުމަކީ އެމީހުން ދެކެމުންދިޔަ ހުވަފެނެކެވެ. އުފަލުން ތިބެ އެމީހުން ރާއްޖެ ދިޔައީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

އެ ދެ މީހުންނަކީ ވެސް ނަރުހުންނެވެ. އެކަމަކު، ދެ މީހުން މަސައްކަތް ކުރަނީ ދެ ގައުމެއްގަ އެވެ. ލިއޮމާާ ސިންގަޕޫރްގައި ވަޒީފާ އަދާކުރާއިރު، އެރިކާ ވަޒީފާ އަދާކުރަނީ ސައުދި އަރަބިއްޔާގަ އެވެ. އެހެންވެ އެ ދެ މީހުން ބައްދަލުވަނީ މަދު ފަހަރެއްގަ އެވެ.

ކޮއްކޮ ބުނެފައިވާ ގޮތުގައި އެ ދެ މީހުންގެ މަރުގެ ތަފްސީލެއް އަދިވެސް އެ އާއިލާއަށް ނުލިބެ އެވެ. ނަމަވެސް މަރުވީ ސްނޯކްލިން އަށް ގޮސް އުޅުނިކޮށް ގެނބިގެން ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީއިން އާއިލާއަށް މިހާރު ވަނީ އަންގައިފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސްނޯކްލިން އަށް ގޮސް އުޅުނިކޮށް ފުރަތަމަ ގެނބުނީ ލިއޮމާ އެވެ. އެރިކާ ގެނބުނީ އޭނާގެ ފިރިމީހާ ސަލާމަތް ކުރުމަށް އުޅުމުގެ ތެރޭގަ އެވެ. އެ މަންޒަރު ފެނިގެން މީހަކު ޑިންގީއެއްގައި އެހީވުމަށް ދިޔައިރު ދެ މީހުންގެ ވެސް ހަރަކާތް ނެތި، އޮތީ ފެންމަތީގަ އެވެ.