ހަބަރު

ދެމަފިރިންގެ ހަށިގަނޑު ފޮނުވާނީ ދިވެހި ސަރުކާރުގެ ހަރަދުގަ: މިނިސްޓްރީ

ރާއްޖޭގައި މަރުވި ފިލިޕީންސްގެ ދެމަފިރިންގެ ހަށިގަނޑު އެ ގައުމަށް ގެންދިޔުމުގެ ހުރިހާ ހަރަދެއް ދިވެހި ސަރުކާރުން ކުރުމަށް ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލެއް މިރޭ ވިދާޅުވި ގޮތުގައި މަރުވި ދެމީހުންގެ ހަށިގަނޑު މިރޭ އެ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެކަމަށް ހިނގާ ހުރިހާ ހަރަދެއް ކުރާނީ ދިވެހި ސަރުކާރުން ކަމަށާއި އެ ގައުމުގެ ސަރުކާރުން ނޫން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމީހުންގެ ހަށިގަނޑު ފިލިޕީންސްއަށް ފޮނުވުމަށް ޓޫރިޒަމް މިނިސްޓްރީން ގާތްގަނޑަކަށް 23،000 ޑޮލަރު ހަރަދުކުރެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިހެން ބުނެފައިމިވަނީ އެ ދެ މީހުންގެ ހަށިގަނޑު ފިލިޕީންސްއަށް ގެންދިޔުމުގެ ހުރިހާ ހަރަދެއް އެ ގައުމުގެ ސަރުކާރުން ކުރާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން މީޑިއާއަށް މައުލޫމާތު ދީފައިވަނިކޮށެވެ. ފޮރިން މިނިސްޓްރީން އެހެން ބުނީ އާއިލާއިން އެކަމަށް ފަންޑް ހޯދަމުން ދަނިކޮށެވެ. އެކަމަށް ސޯޝަލް މީޑިއާގައި ވެސް އެ ދެމީހުންގެ އާއިލާއިން ކެމްޕެއިނެއް ކުރިއަށް ގެންދިޔަ އެވެ.

ކ. ދިއްފުށީގައި ހަނީމޫން ހޭދަކުރުމަށް އައިސް އުޅެނިކޮށް މަރުވެފައިވަނީ ލިއޮމާ އަދި އެރިކާ އެވެ. މަރުވީ ކ. ދިއްފުއްޓާއި މީރު ފެންފުންޓާ ދެމެދަށް މޫދަށް އެރި އުޅެނިކޮށެވެ.

ލިއޮމާގެ ކޮއްކޮ ފިލިޕީންސްގެ ނޫހަކަށް ބުނެފައިވާ ގޮތުގައި ރާއްޖެއަކީ އެ ދެމީހުންގެ ހުވަފެނީ މަންޒިލެވެ. އަބަދުވެސް ރާއްޖެ އައުމަކީ އެމީހުން ދެކެމުންދިޔަ ހުވަފެނެކެވެ. އުފަލުން ތިބެ އެމީހުން ރާއްޖެ ދިޔައީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

އެ ދެ މީހުންނަކީ ވެސް ނަރުހުންނެވެ. އެކަމަކު، ދެ މީހުން މަސައްކަތް ކުރަނީ ދެ ގައުމެއްގަ އެވެ. ލިއޮމާާ ސިންގަޕޫރްގައި ވަޒީފާ އަދާކުރާއިރު، އެރިކާ ވަޒީފާ އަދާކުރަނީ ސައުދި އަރަބިއްޔާގަ އެވެ. އެހެންވެ އެ ދެ މީހުން ބައްދަލުވަނީ މަދު ފަހަރެއްގަ އެވެ.

ކޮއްކޮ ބުނެފައިވާ ގޮތުގައި އެ ދެ މީހުންގެ މަރުގެ ތަފްސީލެއް އަދިވެސް އެ އާއިލާއަށް ނުލިބެ އެވެ. ނަމަވެސް މަރުވީ ސްނޯކްލިން އަށް ގޮސް އުޅުނިކޮށް ގެނބިގެން ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީއިން އާއިލާއަށް މިހާރު ވަނީ އަންގައިފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސްނޯކްލިން އަށް ގޮސް އުޅުނިކޮށް ފުރަތަމަ ގެނބުނީ ލިއޮމާ އެވެ. އެރިކާ ގެނބުނީ އޭނާގެ ފިރިމީހާ ސަލާމަތް ކުރުމަށް އުޅުމުގެ ތެރޭގަ އެވެ. އެ މަންޒަރު ފެނިގެން މީހަކު ޑިންގީއެއްގައި އެހީވުމަށް ދިޔައިރު ދެ މީހުންގެ ވެސް ހަރަކާތް ނެތި، އޮތީ ފެންމަތީގަ އެވެ.