އިސްތަށިގަނޑަށް އަވަސް އަދި ރަނގަޅު ފަރުވާއެއް ދޭން ބޭނުންވަނީ ހެއާ މާސްކެކެވެ. ހެއާ މާސްކަކީ ހުސް ގުދުރަތީ އެއްޗެހި ބޭނުން ކޮށްގެން އިސްތަށިގަނޑު މަޑު ކުރުމަށާއި ހައިޑްރޭޓް ކުރުމަށާއި، ދިގު ކުރުމަށް އަދި އިސްތަށިގަނޑަށް ދަޅަ އިތުރު ކޮށްދިނުމަށް އެހީތެރިވާ އެއްޗެކެވެ.
ސެލޫންތަކުން އަގު ބޮޑުކޮށް ހަދާ ހެއާ ޓްރީޓްމަންޓުތަކުންޗވެސް ކުރަނީ މިފަދަ ފައިދާތަކެކެވެ. މި ފަދަ ހެއާ މާސްކްތަކަކީ މަދު ގުދުރަތީ އެއްޗެއް ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވިދާނެ މާސްކްތަކެކެވެ. އަދި މި ފަދަ ޓްރީޓްމެންޓެއް ނަގަން މާ ގިނަ ވަގުތު ތަކެއްވެސް ހޭދަ ކުރަކާ ނުޖެހެ އެވެ. އެންމެ 20 މިނެޓުން މި ފަދަ މާސްކެއް އަޅާ އިސްތަށިގަނޑަށް ގިނަ ފައިދާތަކެއް، ސުޕަ ކޮންޑިޝަނިން ފައިދާ ހޯދިދާނެ އެވެ.
ގުދުރަތީ ހެއާ މާސްކެއް ތައްޔާރު ކުރުމަށް ބޭނުން ކުރާނީ އެވޮކާޑޯ އާއި ސްޓްރޯބެރީ އާއި ލުނބޯ، މާމުއި، ކާށިތެޔޮ، ކާށިކިރު، ބްރައުން ސުގާ، ދޮންކެޔޮ، ޕްލެއިން ޔޯގަޓް، ބިސް، ސިނަމަން، އަދި އޮލިވް އޮއިލް ފަދަ ތަކެއްޗެވެ.
އިސްތަށިގަނޑު ރިޕެއާ ކުރަން ބޭނުންނަމަ ކާށިތެލާއި މާމުއިގެ މާސްކެއް!
ބޭނުންވާ ތަކެތި
1 މޭޒުމަތީ ސަމްސާ ކާށި ތެޔޮ
1 ސަމްސާ މާއުއީ
ފުރަތަމަ ބޯތައްޓެއްގއި މާމުއި އާއި ކާށިތެޔޮ އެއްކޮށްލާށެވެ. ދެން ކުޑަ ތެއްޔެއްގައި ރަނގަޅަށް އެއްވެ ދިޔައިވަންދެން ހޫނު ކޮށްލާށެވެ. ބޮލުގައި ނިއްކުރިން ފެށިގެން މި މާކްސް އުނގުޅުމަށްފަހު ޝަވަ ކެޕަކުން ބޯ ކަވަރުކޮށްލާށެވެ. 20 އާއ 15 މިނެޓުވަން ދެން މަޑުކުރުމަށްފަހު އިސްތަށިގަނޑު ދޮވެލާށެވެ.
އިސްތަށިގަނޑުގައި ކާށިތެޔޮ ބޭނުން ކުރުމަކީ އިސްތަށިގަނޑަށް ވަރަށް ރަނގަޅު ފައިދާތަކެއް ކުރާ ކަމެކެވެ. މިގޮތުން ކާށިތެލުގެ ސަބަބުން އިސްތަށިގަނޑު ތެއްކޮށް މަޑުކޮށް ދިނުމުގެ އިތުރުން އިސްތަށި ފޭބުމުން ރައްކާތެރިކޮށް ދެއެވެ. ކާށިތެލުގައިވާ ފެޓީ އެސިޑްގެ ސަބަބުން ކާށިތެޔޮ އިސްތަށިގަނޑުގެ އެތެރެއަށް ވަންނަ މިންވަރު ބޮޑެވެ. މީގެ ސަބަބުން ދެން އަދައިގެ ކޮންޑިޝަނަރަކަށްވުރެ ބޮޑަށް ކޮންޑިޝަންވުމުގެ އިތުރުން އިސްތަށިގަނޑު މަޑުކޮށްދީ، ދަޅަ ގަދަ ކޮށްދެ އެވެ.
މާމުއި ގެ ފައިދާތަކަށް ބަލާއިރު، މާމުއިއަކީ މޮއިސްޗާ ހިފެހެއްޓުމަށް ވަރަށް ރަނގަޅު އެއްޗެކެވެ. މިއީ އިސްތަށިގަނޑު ޑްރައިވެފައިވާނަމަ ހައިޑްރޭޓްކުރުމަށް އެހީތެރިކޮށްދޭ އެއްޗެކެވެ.
އިސްތަށިގަނޑު ދިގު ކުރަން ކާށިތެލާއި ފޮނިތޮށީގެ މާސްކެއް!
ބޭނުންވާ ތަކެތި
1 މޭޒުމަތީ ސަމްސާ ކާށި ތެޔޮ
1 ސައިސަމުސާ ފޮނިތޮށި
ތައްޔާރުކުރާނެ ގޮތް
1. ރަނގަޅަށް ފޮނިތޮއްޓާއި ކާށިތެޔޮ އެއްކޮށްލާށެވެ.
2. ބޮލުގެ މެދުން މަގު ފެޅުމަށްފަހު ރަނގަޅަށް މި މިކްސް އުނގުޅާލާށެވެ.
3. އިނގިލިތަކުގެ ކުރިން ބޮލުގެ އެތޭރޭގައި ރަނގަޅަށް މި މިކްސް އުނގުޅާ މަސާޖްކޮށްލާށެވެ.
4. ބޯ މައްޗަށް އައްސާލާ ޝަވާ ކެޕަކުން ބޯ ކަވަރުކޮށްލާށެވެ.
5. މި ގޮތަށް 30-45 މިނެޓުވަންދެން މަޑުކޮށްލާ ދެން އާއްމުކޮށް ބޭނުންކުރާ ޝޭމްޕޫ އަދި ކޮންޑިޝަނާ ލައިގެން ދޮވެލާށެވެ.
ކާށި ތެލުގެ ގިނަ ގުނަ ފައިދާތަކެއް ކުރާތީ ގިނަ ހެއާ މާސްކްތަކުގައި ކާށި ތެޔޮ ބޭނުން ކުރެއެވެ. ފޮނިތޮއްޓަކީ އޭގައި އެންޓިމައިކްރޯބިއަލް މާއްދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. މީގެ ސަބަބުން އިސްތަށިގަނޑު ދިގުވުމަށް އެހީތެރިވެދެ އެވެ. ހަންފޮޅުމާއި އިސްތަށި ފޭބުމުން ސަލާމަތްކޮށްދީ އިސްތަށީގެ ފޮލިކަލް ވަރުގަދަކޮށްދެ އެވެ. ފޮނިތޮށި އިސްތަށިގަނޑުގައި ހޭކުމުން ތަލައިގަ ހޭކުމުން ލޭ ދައުރުވުން އިތުރުން ކޮށްދީ އިސްތަށީގެ ފޮލިކަލްއަށް ލޭ ދައުރުކޮށްދެ އެވެ. ނަތީޖާއެއްގެ ގޮތުން އިސްތަށިގަނޑު ދިގުކޮށްދެ އެވެ. ބޯ ދިގުކުރަން ބޭނުންނަމަ ކޮންމެހެންވެސް މިއީ ބޭނުން ކުރަންޖެހޭ މާސްކެކެވެ.
އިސްތަށިގަނޑު ޑްރައިވާނަމަ ސުގާ އަދި އޮލިވް އޮއިލް މާސްކެއް!
ބޭނުންވާ ތަކެތި
2 މޭޒުމަތީ ސަމްސާ ބްރައުން ސުގާ
1 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
ތައްޔާރު ކުރާނެ ގޮތް
1. ބްރައުން ސުގާ އަދި އޮލިވް އޮއިލް ބޯތައްޓެއްގައި އެއްކޮށްލާށެވެ.
2. ބޮލުގެ މަތިން ފެށިގެން ތިރީއާ ޖެހެންދެން އިސްތަށިގަނޑުގައި މި މިކްސް ހާކާލާށެވެ.
3. މިގޮތަށް 15-20 މިނެޓުވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ.
ބްރައުން ސުގާ ގެ ފައިދާ އިސްތަށިގަނޑަށް ކުރަނީ ބޮލުގެ ތެރޭގައި މަރުވެފައިވާ ހަމުގެ ސެލްތަށް ރަނގަޅަށް އެކްސްފޯލިއޭޓްކުރުމަށް އެހީތެރިވާތީއެވެ. އޮލިވް އޮއިލް އަކީ ނެޓުރަލް ކޮންޑިޝަނަރއެއްގެ ގޮތުގައި ބޭނުންކުރަން ވަރަށް ރަނގަޅު އެއްޗެކެވެ. މިއީ ބޮލުގެ އެތެރެ ޑްރައި ވިޔަ ނުދީ އިސްތަށިގަނޑު ދެކަފިނުވިޔަދީ ހިފަހައްޓާ ދޭ އެއްޗެއްވެސްމެއެވެ. ބޮލުގެ އިސްތަށިގަނޑުގެ އެތެރެ ކާހަނަމަ އަދި ހަންފޮޅި ޑްރައިވާ ނަމަ މިއީ ހަމަ އެންމެ ރަނގަޅު ފަރުވާއެވެ.
ފިރިޒީ ހެއާއަށް ދޮންކެޔޮ، ޔޯގަޓް އަދި މާމުއި މާސްކް!
ބޭނުންވާ ތަކެތި
1 ދޮންކެޔޮ ވަށް
2 ސަމްސާ ޔޯގަޓް
1 ސަމްސާ މާމުއި
ތައްޔާރު ކުރާނެގޮތް
ހުރިހާ އެއްޗެއް އެއްކޮށް ބްލެންޑަރަށް އަޅާ ރަނގަޅަށް ބްލެންޑް ކޮށްލާށެވެ. ތެއްކޮށް ހުންނަ އިސްތަށިގަނޑުގައި ނިއްކުރިން ފެށިގެން އެންމެ ތިރިޔާ ޖެހެންދެން ހާކާލާށެވެ. އިސްތަށިގަނޑު އެއްސުމަށްފަހު ޝަވާ ކެޕަކުން ކަވަރުކޮށްލާށެވެ. މިގޮތަށް މާސްކް 30-45 މިނެޓުވަންދެން ބަހައްޓާށެވެ. އާއްމުކޮށް ބޭނުންކުރާ ޝޭމްޕޫ އަދި ކޮންޑިޝަނާ އިން ދޮވެލާށެވެ.
މި މާސްކްއަކީ ބުޅި އިސްތަށިގަނޑު ފުއްޕިޔަ ނުދީ ރީތިކޮށްދޭ މާސްކެކެވެ. ދޮންކޭލަކީ އިސްތަށި ކޮންޑިޝަން ކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި ދޮނޮކެޔޮގައި ނެޗުރަލް އޮއިލް ގިނަވެ، ޕޮޓޭސިއަމް އަދި ކާބޯހައިޑްރޭޓްސް އާއި ވިޓަމިން ގިނަވުމުގެ ސަބަބުން މޮއިސްޗަ ހިފަހައްޓަދީ އިސްތަށިގަނޑު ފުއްޕިޔަ ނުދީ ހިފަހައްޓައި ދެއެވެ. ޔޯގަޓަކީ އޭގައި ލެކްޓިކް އެސިޑް ގިނަ އެއްޗެކެވެ. އެހެންކަމުން އިސްތަށިގަނޑު ހަލާކުނުވެ ހިފަހައްޓައެވެ.