ހަބަރު

ޔާމީނާއެކު މަސައްކަތް ނުކުރައްވާނެ ކަމަށް ގާސިމް ވިދާޅެއްނުވި

Jan 20, 2019
11

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބަށް އެކުގައި މަސައްކަތް ކުރަން ތިބި ފަރާތްތަކަކާއެކު މަޝްވަރާ ކުރަން ޖުމްހޫރީ ޕާޓީ ތައްޔާރަށް އޮތް ކަމަށާއި އެއީ ކޮންމެ މީހެއް ވިޔަސް ޖޭޕީގެ ދޮރު ހުޅުވިފައި އޮތް ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ވާދަ ކުރާނެ ގޮތަކާމެދު އެއްބަސް ނުވެވި ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ދެ ޕާޓީ، ޖޭޕީ އާއި އެމްޑީޕީ ވަނީ އަރައިރުމާއި މައްސަލަތަކެއްގެ ތެރޭގަ އެވެ. މި ކޯޅުމުގެ ތެރޭގައި ގާސިމް ވަނީ ތަކުރާރުކޮށް އެމްޑީޕީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދިފާއުގައި ވާހަކަފުޚު ދައްކަވަން ވެސް އެމަނިކުފާނު ވަނީ ފައްޓަވާފަ އެވެ.

ޖުމްހޫރީ ޕާޓީ އިން މިރޭ ބޭއްވި ކުޑަ ހަފްލާއެއްގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ގާސިމް ވިދާޅުވީ އެ މަނިކުފާނުގެ ޕާޓީ އޮތީ ހުރިހާ ބަޔަކާ އެކުގައި ވެސް ވާހަކަ ދައްކަން ތައްޔާރަށް ކަމަށެވެ. އަދި ވިދާޅުވީ "ވަކި ބޭފުޅަކާ ވާހަކަ ނުދައްކާނޭ ވިދާޅުވުމުގެ އެއްވެސް މާނައެއް ނެތް" ކަމަށާއި "އެއްވެސް ބަޔަކު ވާހަކަ ދައްކަން ތިބި ނަމަ ނޫނެކޭ ނުބުނާނެ" ކަމަށެވެ.

"ވާހަކަ ދައްކަން އައިސްފިނަމަ އަޅުގަނޑުމެން މިތިބީ ތައްޔާރަށް، ވަރަށް ސާފުކޮށް މިދަންނަވަނީ ކޮންމެ މީހަކާ އެކުގައި ވެސް ވާހަކަ ދައްކަން ތައްޔާރަށް އޮތީ، ގާނޫނު ހުއްދަ ކުރަ ބައެއް ނަމަ މަޖިލިސްއަށް އެކުގައި ކުރިމަތިލައިގެން އެކުވެރިކަމާއެކު މަސައްކަތް ކުރުމުގެ މާހައުލެއް ހޯދަން ތައްޔާރަށް މިއޮތީ،" ގާސިމް ވިދާޅުވި އެވެ.

އެހެން ނަމަވެސް ގާސިމް ވިދާޅުވީ ރައީސް ޔާމީނާއެކު އޮތް ގުޅުން ކެނޑުނު ފަހުން މިހާތަނަށް ރައީސް ޔާމީނާއާއެކު އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ފަހުން ބައްދަލުވެސް ކުރައްވާފައި ނުވާނެ ކަމަށެވެ.

ގާސިމް މި ގޮތަށް ވާހަކަފުޅު ދައްކަވާފައިވާއިރު ފަހަތުގައި ރައީސް ޔާމީން ހުންނަވައިގެން އުފައްދާ ކޮންގްރެސް ޕާޓީން އިން ވެސް ވަނީ ޖޭޕީއާއެކު މަޝްވަރާ ކުރަން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.