ޓޫރިޒަމްގައި ދާއިރާގައި ހުރި މުހިންމު ބައެއް ގަވާއިދުތައް އިސްލާހު ކުރުމުގެ ގޮތުން އާއްމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް އެ ގަވާއިދުތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގައި ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިހާރު ބޭނުންކުރާ ގަވާއިދުތަކުގެ ތެރެއިން އިސްލާހުކޮށް އަލުން ނެރެނެ ގަވައިދުތަކުގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ ފަޔާ ރެގިއުލޭޝަންސް އާއި ސޭފްޓީ ރެގިއުލޭޝަންސްގެ އިތުރުން ރިސޯޓާއި ގެސްޓްހައުސް ރެގިއުލޭޝަންސް އާއި ޓްރެވަލް އެޖެންސީ ރެގިއުލޭޝަންސް ހިމެނޭ ކަމަށެވެ.
"މި ގަވާއިދުތައް އިސްލާހު ކުރުމުގައި މި ދާއިރާގެ އެކްސްޕާޓުންގެ އިތުރުން އާއްމުންގެ ހިޔާލު ވެސް ބޭނުންވޭ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގައި އެބަތިބި ކަންކަން އިސްލާހު ކުރަން ބޭނުންވާ އެތައް ބަޔަކު. އެހެންވެ، ހުރިހާ މީހުންނަށް ވެސް ފުރުސަތު ދީގެން ކުރިއަށް ގެންދާނީ،" އަލީ ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާގެ މުހިންމު ގަވާއިދުތައް އާއްމުންގެ ހިޔާލަށް ހުޅުވާލިއިރު، ބައެއް ގަވާއިދުތަކަކީ ގިނަ ދުވަސްވީ ގަވާއިދުތަކެވެ. އަދި އެފަދަ ގަވާއިދުތައް އިސްލާހު ކުރަން ޓޫރިޒަމް ސިނާއަތުން ގޮވާލަމުން އަންނަތާ ޒަމާން ވެއްޖެ އެވެ.