ބަޖެޓް ޓްރެވެލިން ހިޔާރު ކޮށްގެން މަދު ފައިސާ ކޮޅަކުންވެސް ބޭރު ގައުމަކަށް ޖައްސާލައި ޗުއްޓީ ހޭދަކޮށްލެވިދާނެ އެވެ. އަދި މިފަދަ ގޮތަކަށް ހަނދާނުން ފިލައިގެން ނުދާކަހަލަ އާ ތަޖުރިބާއެއް ކޮށްލެވިދާނެ އެވެ. މާ ގިނަ ފައިސާތަކެއް ހަރަދު ނުކޮށް -- ކުރަން ކަނޑައަޅައިގެން ދިޔަ ކަންތައްތައް ފިޔަވައި -- ދާން އުޅޭ މަންޒިލަށް ގޮސް ތަންތަން ބަލައިލުމުގެ ފުރުސަތު އެބައޮތެވެ. ބަޖެޓް އެއާ ލައިންތަކުންނާއި އޯފް ޕީކު ދުވަސްވަރު އަގުހެޔޮ ފެއާތައް ހޯދާ ދުރާލާ ރާވައިގެން ޓްރެވެލިން ޕްލޭންސް ހަދައިލެވިދާނެ އެވެ.
މިގޮތަށް ޗުއްޓީ ހޭދަ ކުރަން މާ ބޮޑު ފައިސާއެއް ނުދިޔަސް ވަރަށް ބޮޑަށް ޕްލޭން ކުރަންޖެހެ އެވެ. ދާނީ ކޮން މަންޒިލަކަށްތޯ ހިޔާރުކޮށް ކުރަން ބޭނުމީ ކޮންކަމެއްތޯ ބަލައި ހުންނާނެ ތަނަކާއި ކުރަންވީ ކަންކަން ދުރާލާ ރާވަލަން ޖެހެއެވެ. އަދި ރަހުމަތްތެރިއެއް ދަތުރުގުގައި ބައިވެރި ކުރާނެތޯ ނޫނީ މިއީ އެކަނި ކުރާނެ ކަމެއްތޯ ކަނޑައަޅަންވާނެ އެވެ.
އުމުރުގައި އަބަދު ޗުއްޓީއަކާ ނުލައި ބުރަ މަސައްކަތްކޮށް، އުޅުމަކީ މީހާގެ ސްޓްރެސް އިތުރުވާ ކަމެކެވެ. ބޭރު ގައުމަކަށް ގޮސް އާ ތަޖުރިބާއެއް ކޮށްލުމުން މީހާއަށް އާ ކަންކަމާމެދު ވިސްނާލަން ފުރުސަތު ލިބި އާ ހިޔާލު ހޯދައި ދުނިޔޭގެ ކަންކަމަށް މީހާ ލޯ ހުޅުވެ އެވެ. މިއީ ރާއްޖޭއިން ބޭރަށް ޖައްސާލާ ދުނިޔޭގެ ގުދުރަތީ ރީތިކަން ދެކިލަން ރަނުގެ ފުރުސަތެކެވެ. މިގޮތަށް ބޭރު ގައުމެއް ބަލާލައި ހިތްހަމަޖެހުން ހާސިލް ކުރެވިދާނެ އެވެ. ބަޖެޓު ޓްރެވެލިން ގައި ވިސްނަންވީ ކަންކަން އެބަހުއްޓެވެ.
ހަރަދު ބަރަދު ބެލެހެއްޓުން!
ހަރަދު ކުޑަ ކުރުމަށާއި ހަރަދު ހިނގާގޮތް ބެލުމަށް ހުރިހާ ހަރަދެއްގެ ތަފްސީލު ލިޔުން މުހިއްމެވެ. ކޮންމެ ހަފްތާއަކު ނުވަތަ ކޮންމެ ދުވަހެއްގެ ހަރަދު ނޯޓް ކުރަންވާނެ އެވެ. އަދި މިގޮތަށް ކަންތައް ކުރުމުން ކަނޑައެޅިފައިވާ ބަޖެޓާއި އެއްގޮތަށްތޯ ހަރަދު ކުރެވުނީ އާއި ކޮންކަމަކަށްތޯ ބަޖެޓުން ހަރަދު ކުރެވުނީ އެނގޭނެ އެވެ. އަދި ކޮންމެ ހިފައިގެންދާ ޑޮލަރެއް ހޭދަ ކުރެވުނު ގޮތް ވެސް އެނގޭނެ އެވެ. އަދި ކޮންމެ ދުވަހަކަށް ވަކި ބަޖެޓެއް ކަނޑައަޅާ އެދުވަހުގެ ބަޖެޓަށްވުރެ އިތުރަށް ހަރަދު ކުރުމުން ދުރުވާންވާނެ އެވެ.
އަވަސް އަރުވާ ނުލުން މުހިއްމު
ބަޖެޓް ޓްރެވެލިންގައި ވިސްނަންވީ އަވަސް އަރުވާނުލސއި ލަސްލަހުން ކަންކަން ކުރުމަށެވެ. އެއްތަނެއްގައި މަޑުކޮށްލައިފިނަމަ ކާން އެންމެ ރަނގަޅުތަންތަނާއި ކުރަން ސަޅި ކަންކަން ފެނެ އެވެ. އަދި ކޮންމެ ދުވަހަކު ދަތުރުގެ ހަރަދު ކުޑަވެ ރިލެކްސްކޮށްލާ އާ މާހައުލު ފުރިހަމަ އެންޖޯއިކޮށްލަން ފުރުސަތު ލިބެއެވެ.
ޓްރާންސްޕޯޓްގައި ވީހާވެސް ބޮޑަށް ސޭވް ކުރޭ
ހިނގާފައިދެވޭ ތަންތަނަށް ހިނގާފައިގޮސްގެން ހަރަދުތައް ވީހާ ވެސް ކުޑަ ކުރަންވީ އެވެ. ގިނަ ސިޓީތަކުގައި ހިނގައިގެން ތަންތަނަށް ދެވެއެވެ. އަދި ދުއްވުމުގެ ތަކުލީފާއި ޓްރެފިކްގައި ޖެހިގެން ގެއްލޭ ވަގުތު ސަލާމަތްކުރެވި ދާނެ އެވެ. ހިނގުމުގެ ސަބަބުން ކުޑައިރުކޮޅެއް ތެރޭ ގިނަތަންތަން ބަލައިލުމުގެ ފުރުސަތު ލިބި އެ ގައުމެއްގެ މީހުންނާއި ވާހަކަ ދައްކާލަން ވެސް ފުރުސަތު ލިބެ އެވެ.
ދަތުރު ފަތުރުކުރުމުގައި ޕަބްލިކް ޓްރާންސްޕޯޓް ހިޔާރު ކުރުމުން ވަރަށް ބޮޑަށް އަގު ހެޔޮވެގެން ދެއެވެ. މުޅިން އާ ގައުމެއްގެ ޕަބްލިކް ޓްރާންސްޕޯޓާމެދު ފުރަތަމަ ޖެހިލުން ވެދާނެ އެވެ. އެހެން ނަމަވެސް އެއްފަހަރު ގޮސް ތަޖުރިބާކޮށް ދެން ގިނަ ފަހަރަށް ބަހާއި ޓްރެއިންގައި ގޮސްލަން ރަނގަޅެވެ. ޓެކްސީ އާއި ޓުއަރިސްޓް ބަހާއި ބަލާފައި އެތައް ގުނައެއް އަގު ހެޔޮވެގެން ދެއެވެ.
ކާންވީ އެ ގައުމެއްގެ މީހުން ކާ ތަންތަނުން!
އަބަދު ފްރެންޗްއައިސްތަކަށް ނުގޮސް އެ ގައުމެއްގެ މީހުން ކާން ވަންނަ ރެސްޓޯރަންޓް ކެފޭތަކުން ކެއުން ހަމަޖެއްސުމުން އާ އެއްޗެއް ކާލުމުގެ ފުރުސަތު ވެސް ލިބެއެވެ. ސްޓްރީޓް ފުޑް އާއި މާކެޓްތަކަށް ޒިޔާރަތްކުރުމުން ތަފާތުގިނަ ކޫޒީންތަކެއްގެ އަޖުމަ ބަލައިލެވޭނެ އެވެ. އަދި ބައެއްފަހަރު ސުޕަމާކެޓަށް ޖައްސާލައިގެން އަމިއްލައަށް ކައްކާލައިގެން ވެސް ފައިސާ ސަލާމަތް ކުރެވިދާނެ އެވެ.
ބަލަންވީ ތަންތަނާއި ދާންވީ ތަންތަން ކަނޑައަޅާނީ ކުރިން!
ގިނަ ގެލެރީތަކާއި މިއުޒިއަމްތަކަކީ ހިލޭ ވަދެވޭ ތަންތަނެވެ. މިފަދަ ތަންތަނަށް ހޯދައި ދެނެގަންނާށެވެ. އަދި މި ފަދަ ތަންތަނަށް އިތުރުން ފަތުރުވެރިންނަށް ހާއްސަ އެހެންތަންތަނުގެ ވެސް މައުލޫމާތު ހޯދާ އެއްކުރާށެވެ. ބައެއް ތަންތަނަކީ ގްރޫޕް ޑިސްކައުންޓް/ ސާކް ޑިސްކައުންޓް/ ސްޓުޑަންޓް ޑިސްކައުންޓް ލިބޭނެ ތަންތަނެވެ. މިފަދަ ތަކެތީގެ ފުރިހަމަ ބޭނުން ހިފާށެވެ.
އެއްޗިހި ނުގަނެ އާ ތަޖުރިބާތަކަށް ހަރަދުކުރުން ސަޅި
ވީހާވެސް ގިނަ އާ ކަންކަން ކުރުމަށާއި ތަންތަނަށް ދިއުން އިސް ކުރާށެވެ. ޕާސްޓާ ކައްކާ ކްލާސްތަކާއި ތައިފުޑް ކްލާސް ތަކާއި ސަލްސާ ޑާންސިން، މިއުޒިކަލް އެއް ބަލާލަން ދިއުން ޕޮޓަރީ ކްލާހަކަށްގޮސްލާައި ސިނަމާއަކަށް ގޮސްލައި އެޑްރިނަލިން ރަޝްއެއް އަންނަ ކަހަލަ އެޑްވެންޓަ ސްޕޯޓެއް ހިޔާރު ކޮށްލުމުން މާ ސަޅިވާނެ އެވެ.