ބޭރު ކުޅިވަރު

ޓޮޓެންހަމް މޮޅުވި ނަމަވެސް، ޕޮޗެޓީނޯއަށް އިތުރު މާޔޫސްކަން

Jan 21, 2019

ލަންޑަން (ޖެނުއަރީ 21) - އިއްޔެ ފުލްހަމް އާއި ދެކޮޅަށް ކުޅުނު މެޗުގެ އެންމެ ފަހު ވަގުތުގައި ޒުވާން މިޑްފީލްޑަރު ހެރީ ވިންކްސް ކާމިޔާބުކޮށްދިން ލަނޑާއެކު، ޓޮޓެންހަމް މޮޅުވި ނަމަވެސް، އަނިޔާގެ ލިސްޓަށް ޑެލޭ އެލީ އިތުރުވެ، ކޯޗު މައުރީސިއޯ ޕޮޗެޓީނޯއަށް މާޔޫސްކަމާއި ކުރިމަތިލާން ޖެހިއްޖެ އެވެ.

އަންނަ މާޗު މަހާއި ހަމައަށް، ފޯވަޑް ހެރީ ކޭނަށް ކުޅުމާއި ދުރަށްދާންޖެހިފައިވާއިރު، އިއްޔެގެ މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން، އެލީ ވެސް ވަނީ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގައި ވަގުތު ހަމަވުމުގެ ކުރިން ބަދަލުކުރަންޖެހިފަ އެވެ.

އެލީގެ ބަދަލުގައި އެރި، އެންކޫޑޫ ނެގި ހުރަހަކުން މެޗުގެ 93 ވަނަ މިނެއްޓުގައި ވިންކްސް ލަނޑުޖަހައި 2-1 އަށް މެޗުގެ ނަތީޖާ އަނބުރާލި ނަމަވެސް، އެލީއަށް ލިބުނު އަނިޔާ ވަރަށް ގާތުން ބަލަމުންދާކަމަށް މެޗަށްފަހު ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުންޏެވެ.

"މަސްގަނޑަށް ލިބުނު އަނިއްޔާއެއްވީމަ އެލީގެ ހާލަތު ވަރަށް ގާތުން ބަލަމުންދާނަން، ނަމަވެސް، މިހާރު ފެންނަ ފެނުމަށް އެހާ ރަނގަޅެއް ނޫން،" އާޖެންޓީނާގެ ޕޮޗެޓީނޯ ބުންޏެވެ.