ހަޑަސްފީލްޑް (ޖެނުއަރީ 21) - ސީޒަނުގައި 100 ލަނޑު ހަމަކޮށް، ތާވަލުގެ އެންމެ ފުލުގައި އޮތް ހަޑަސްފީލްޑް ޓައުންގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރި ހޯދައި، ލިވަޕޫލަށް އޮތް ޕްރެޝަރު މެންޗެސްޓާ ސިޓީ އިން ދަމަހައްޓައިފި އެވެ.
އެންމެ ފަހުން ކުޅުނު ތިން މެޗުގައި 19 ލަނޑުޖެހި ސިޓީ އިން، މެނޭޖަރެއްނެތި ކުޅުނު ހަޑަސްފީލްޑްގެ ގޯލަށް ފުރަތަމަ ހާފުގައި މާބޮޑު ނުރައްކަލެއް ކުރިމަތިކުރެވިފަ އެއް ނުވެ އެވެ. ކޯޗު ޕެޕް ގާޑިއޯލާގެ ސްޓައިލްގައި ނުކުޅެވުނު ނަމަވެސް، މެޗު 19 މިނެއްޓުގައި ސިޓީ އިން ލީޑު ނެގީ، ޑިފެންޑަރު ޑެނީލޯ އޭރިއާގެ ބޭރުން ފޮނުވާލި ބޯޅަ، އިދިކޮޅު ޑިފެންޑަރެއްގެ ބޮލުގައި ޖެހިފަ އެވެ.
ޑެނީލޯ ފޮނުވާލި ބޯޅަ، ހަޑަސްފީލްޑްގެ ޑިފެންޑަރު ކްރިސްޓޮފާ ޝިންޑްލާގެ ބޮލުގައި ޖެހި، މިސްރާބު ބަދަލުވުމުން ގޯލު ދިފާއުކުރުމުގައި ކީޕަރެއް ކުރެވުނު އެއްވެސް ކަމެއް ނެތެވެ.
ދެވަނަ ހާފު ފެށިގެން، މެޗުގައި މޮޅު ކުޅުމެއް ދެއްކި ލީރޯއީ ސާނޭގެ ހުނަވެރިކަމުގެ ތެރެއިން ދެ މިނެއްޓު ތެރޭގައި ސިޓީއިން ދެ ލަނޑު ޖެހި އެވެ.
މެޗުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސާނޭ ނެގި ހިތްގައިމު ހުރަހަކުން ރަހީމް ސްޓާލިންގް އެވެ. އޭގެ ދެ މިނެއްޓު ފަހުން، ސާޖިއޯ އަގުއޭރޯ ތަނަވަސްކޮށްދިން ފުރުސަތުގެ ފުރިހަމަ ބޭނުން ހިފައި، ސާނޭ ވަނީ ސީޓީގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
"އަހަރެމެން ކުޅުނު ކުޅުމަށް ބަލާއިރު، ތިން ލަނޑަށް ވުރެ ތަފާތު ބޮޑު ނަތީޖާއެއް އަހަރެމެންނަކަށް ހައްގެއް ނޫން،" މެޗަށްފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުންޏެވެ.
ކުޅުމާއިމެދު އެހާ ހިތްހަމަނުޖެހުނު ނަމަވެސް، ހޮނިހިރު ދުވަހު ތާވަލްގެ އެއްވަނާގައި އޮތް ލިވަޕޫލް މޮޅުވެ، ސިޓީ އާއި ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ފުޅާ ކުރި ނަމަވެސް، އެ ފަރަގު އަލުން ހަތަރު ޕޮއިންޓަށް ތިރިވުމުން ގާޑިއޯލާ އަށް މާބޮޑު ހާސްކަމެއް ނެތެވެ.
"ލިވަޕޫލް މޮޅުވެއްޖެއްޔާ އަހަރެމެން ވެސް މޮޅުވާންޖެހޭ، ލިވަޕޫލް ބަލިވިޔަސް އަހަރެމެން ވެސް މޮޅުވާންޖެހޭ،" ގާޑިއޯލާ ބުންޏެވެ.