ވިޔަފާރި

ޓޫރިޒަމް ކުރިއެރުމުގައި ސަރުކާރުން ބަރޯސާވާ އެއް ބަޔަކީ މަޓީ

Jan 21, 2019

ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމުގައި ދިވެހި ސަރުކާރުން ބަރޯސާވާ އެއް ބަޔަކީ ޓޫރިޒަމްގެ ފައުންޑަރުން ހިމެނޭ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) ކަމަށް ސަރުކާރުން ބުނެފި އެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަޓީގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އާރުކާޓީންއަކީ މަޓީގައި ހިމެނޭ މެންބަރުން ކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވައި އާ ޓޫރިޒަމްގެ ޕްރޮޑަކްޓްތައް ވެސް ތައާރަފު ކުރާނީ މި ޖަމިއްޔާގެ މެންބަރުންނާއެކުގައި ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އަލީ އިތުރަށް ވިދާޅުވީ ޓޫރިޒަމް ތަރައްގީ ކުރުމުގައި އަމާޒު ހުރީ ރާއްޖޭގެ އެކި ސަރަހައްދުތައް ތަަރައްގީ ކުރުމަށް ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގައި ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހިންގާ ހިތާމަވެރި ހާދިސާތައް މަދުކުރަން ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަށްޓަކައި ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ހުރިހާ ތަނެއް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ފަށަން ދަނީ ތައްޔާރު ވަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުގެ ގޮތުގައި އަލީ ވަހީދު ހަމަޖެހުނު ހިސާބުން މިނިސްޓަރު ދަނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ހިމެނޭ ހުރިހާ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.