ވިޔަފާރި

ސްކޫބާ ޑައިވް ހިދުމަތް ދޭ ފަރާތްތައް ހޭލުންތެރި ކުރުވަނީ

Jan 21, 2019

ސްކޫބާ ޑައިވް ކުރާ ފަރާތްތައް ހޭލުންތެރި ކުރުމުގެ މަސައްކަތް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ފަށައިފި އެވެ.

ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ ކުރީގެ ލިވްބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އަދި މިހާރުގެ އެންބީއޭއެމްގެ ވައިސް ޕްރެޒިޑެންޓް އިސްމާއިލް ހަމީދު (ހައިރައިޒް އިއްސޭ) ވިދާޅުވީ ކެމްޕޭނެއް ފެށުމުގެ މައިގަނޑު މަގުސަދަކީ މި ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަ ކުރުން ކަމަށެވެ.

"ދެހާސް ތޭރަ ވަނައަހަރު ޓޫރިޒަމް މިނިސްޓްރީން ވަނީ ރެކްރިއޭޝަނަލް ޑައިވިން ގަވާއިދެއް އެކުލަވާލާފައި. އެ ގަވާއިދު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ. އެހެންވެ މި ކެމްޕޭން ތަކުގެ މަގުސަދަކީ ބޯޓިން ދާއިރާގައި އުޅޭ ފަރާތްތައް ހޭލުންތެރި ކުރުވުން،" އިއްސެ ވިދާޅުވި އެވެ.

އެންބީއޭއެމް އިން ވަނީ މި ހިދުމަތް ދިނުމުގައި ރަޖިސްޓްރީ ކޮށްގެން ކުރުމަށާއި، އެކަމުގައި ހިމެނޭ ހުރިހާ ގަވާއިދުތަކެއް ފޮލޯ ކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އެކަމުގައި މެންބަރުންނަށް އެ ޖަމިއްޔާ އިން އެހީތެރިކަން ދޭނެ ކަމަށް ވެސް ބުނެފަ އެވެ.

ބޯޓިން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހޭލުންތެރި ކުރުވުމުގެ މަސައްކަތްތަކެއް ފެށިއިރު، ޓޫރިޒަމް ދާއިރާގައި ނުރައްކާތެރި ހާދިސާތައް ހިނގުން މި ދުވަސްވަރު ވަނީ އިތުރުވެފަ އެވެ. މިގޮތުން ޓޫރިސްޓުން ގެނބިގެން މަރުވުން ފަދަ ހާދިސާތައް ވެސް ހިމެނެ އެވެ. މި ހާދިސާތައް މަދުކުރުމަށް ފިޔަވަޅު އަޅަން ފުލުހުން ވެސް ވަނީ އެދިފަ އެވެ.