ދުނިޔެ

30 އަހަރު ތެރޭ ޗައިނާގެ އިގްތިސާދީ ދުވެލި ފުރަތަމަ ފަހަރަށް މަޑުޖެހިލައިފި

Jan 21, 2019

ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އިގްތިސާދު، ޗައިނާގެ އިގްތިސާދީ ދުވެލި މިދިޔަ 30 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް މަޑުޖެހިއްޖެ އެވެ. މިއީ މުޅި ދުނިޔޭގެ އިގްތިސާދީ ދުވެލި ވެސް ދަށަށް ދާން މެދުވެރިވާނެ ސަބަބެކެވެ.

ނިމިދިޔަ އަހަރުގެ އިގްތިސާދީ ތަފާސްހިސާބުތައް ދައްކާގޮތުން، ޗައިނާގެ އިގްތިސާދުގެ ކުރިއެރުން ހުރީ 6.6 ޕަސެންޓްގަ އެވެ. މިއީ 1990 ވަނަ އަހަރަށް ފަހު ޗައިނާގެ އިގްތިސާދީ ދުވެލި މިހާ ބޮޑަށް މަޑު ޖެހުނު ފުރަތަމަ ފަހަރެވެ. ޗައިނާގެ އިގްތިސާދީ ދުވެލި 2017 ގައި ހުރީ 6.8 ޕަސެންޓްގަ އެވެ.

ޗައިނާގެ ނޭޝަނަލް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނަނީ، އިގްތިސާދީ ދުވެލި މިދިޔަ އަހަރު މަޑުޖެހުމުގެ މައިގަނޑު ސަބަބަކީ ޗައިނާއަށް ގެއްލުންހުރި ދަރަނި ކުޑަކުރުމަށް އެ ގައުމުގެ ސަރުކާރުން އެޅި ފިޔަވަޅުތަކާ މެދު އެމެރިކާއިން ހިތްހަމަ ނުޖެހި، އެމެރިކާ އާއި އެ ގައުމާ ދެމެދު ފެށިފައިވާ "ވިޔަފާރީގެ ހަނގުރާމަ" އެވެ. އެކަމާ ގުޅިގެން ޗައިނާގެ އިގްތިސާދަށް ފެތުރުނު ނުތަނަވަސްކަމުގައި އާންމުން ހޭދަކުރާ މިންވަރާއި އުފެއްދުންތެރިކަމާއި އެ ގައުމަށް އައި
އިންވެސްޓްމަންޓްތައް ވަނީ ރެކޯޑް އަދަދަކަށް ދަށަށް ގޮސްފަ އެވެ.

އިކޮނޮމިކްސްޓުން ބުނަނީ، ތަފާސްހިސާބުން ދެއްކި ދަށް ނަތީޖާގެ ސަބަބުން އެމެރިކާއާ އެކު އުފެދިފައިވާ ވިޔަފާރީގެ ނުތަނަވަސްކަން ވީ އެންމެ އަވަހަކަށް ހައްލުކޮށް އެއްބަސްވުމަކަށް އައުމަށް ޗައިނާގެ ސަރުކާރަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވާނެ އެވެ.

"ގައުމުގެ އިގްތިސާދު ސްޓޭބަލްކޮށް އޮތް ނަމަވެސް، އިގްތިސާދު އިތުރަށް ދަށަށް ދިޔުމުގެ ބިރު މި ވަނީ އިތުރަށް ބޮޑުވެފައި. އެތެރޭގެ އިގްތިސާދުގައި މައްސަލަތަކެއް ނެތަސް ބޭރުގެ ގައުމުތަކާ އެކު އޮންނަ އިގްތިސާދި ގުޅުންތަކުގައި ކަންބޮޑުވުންތައް އެބަހުރި. އެމެރިކާއާ އެކު އުފެދިފައިވާ ނުތަނަވަސްކަމުގެ ހިޔަނި އިގްތިސާދަށް އެޅިފައި ވިޔަސް، އެކަން އެއީ މެނޭޖް ކުރެވޭނެ ގެއްލުމެއް،" ޗައިނާގެ ސްޓެޓިސްޓިކްސް ބިއުރޯގެ ޑިރެކްޓަރު ނިންގް ޖުޖްކީ ވިދާޅުވި އެވެ.

ޗައިނާގެ އިގްތިސާދަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އެކްސްޕޯޓަށް ބަރޯސާވެފައިވާ މިންވަރު ދަށްކޮށް، އެ ގައުމުގެ އެތެރޭގެ ވިޔަފާރި ވަރުގަދަ ކުރަން އަންނަނީ ފިޔަވަޅުތަކެއް އަޅަމުން އެވެ. އެގޮތުން އިމާރާތްކުރުމުގެ ދާއިރާގެ މަޝްރޫއުތައް ހަލުއިކޮށް ބައެއް އެތެރޭގެ ވިޔަފާރިން ޓެކްސްތައް ކަނޑާލުން އަދި ބޭންކްތަކުން ބަހައްޓާ ރިޒާވް ފައިސާގެ
އަދަދު ދަށްކުރުމެވެ.

އިގްތިސާދީ މާހިރުން ލަފާކުރާ ގޮތުގައި، 2019 ވަނަ އަހަރުގެ ތެރޭގައި ވެސް ޗައިނާގެ އިގްތިސާދީ ދުވެލި އިތުރަށް ދަށަށް ދާނެ އެވެ. އެގޮތުން ޗައިނާ އިގްތިސާދުގެ ކުރިއެރުން ހުންނާނީ، 6.3 ޕަސެންޓުގައި ކަމަށް ވަނީ ލަފާކޮށްފަ އެވެ.